އެކްސްކޯގެ 5 މެމްބަރުން އިސްތިއުފާ ދިނުމާއެކު ބައްސާމްގެ މަގާމު ގެއްލިއްޖެ

ރާއްޖޭގެ ފުޓުބޯޅަ ޖަމިއްޔާ އެެފްއޭއެމްގެ ގެ އެކްސްކޯގެ ފަސް މެންބަރުން އިސްތިއުފާ ދިނުމާއި ގުޅިގެން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމްގެ މަގާމު ގެއްލިއްޖެއެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ބައްސާމްގެ މަގާމް ގެއްލުނީ އެފްއޭއެމްގެ އެކްސްކޯގެ 9 މެމްބަރުންގެ ތެރެއިން 5 މެމްބަރަކު އިސްތިއުފާ ދެއްވުމާއެކު، އެ ކޮމިޓީގެ ސައްހަ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ހަތަރަކަށް ބަދަލުވެ، ބައްސާމް މަގާމުގައި ހުންނަން ބޭނުންވާ ގާނޫނީ އަދަދު ގެއްލުމުންނެވެ.

އެފްއޭއެމްގެ އެކްސްކޯ މެންބަރުންގެ ތެރެއިން އިސްތިއުފާ ދީފައިވަނީ މުހައްމަދު ޝިފާއު އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މުއައްސިސް އަހްމަދު ނަޝީދު (ޑޭވް) އަދި އެކްސްކޯގެ އަންހެން މެންބަރު އާމިނަތު ޝާނީޒުއެވެ.

މީގެ އިތުރުން، އެފްއޭއެމްގެ އެކްސްކޯގެ ނައިބު ރައީސް ކަމުގައި ކުރިން ހުންނެވި، މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު އާއި އެކްސްކޯ މެންބަރު އަދި ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު ވަނީ މީގެ ދެ މަހެއް ކުރިން އިސްތިއުފާ ދީފައެވެ.

ޝާފިއު އާއި މުއާވިޔަތު އިސްތިއުފާ ދެއްވިފަހުން، އެކްސްކޯ މެންބަރުކަމަށް، އެފްއޭއެމްގެ ޑެޕިޔުޓީ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ ޝިބާއު ވަނީ އައްޔަންކުރި ނަމަވެސް، ކޮންގްރެސް އަކުން އޭނާ އަށް ރުހުން ދީފައި ނުވާތީ އެކްސްކޯ މެންބަރުކަމުގެ ގާނޫނީ ހައިސިއްޔަތު އޭނާއަށް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ބައްސާމްގެ ޕާސްޕޯޓު މިމަހުގެ 5 ވަނަ ދުވަހު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

ފުލުހުން އޭނާގެ ޕާސްޕޯޓު ހިފެއްހެއްޓިއިރު، އޭނާ އެފްއޭއެމްގެ ރައީސްކަމުގައި ހުރެ އެ މުވައްސަސާގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް އޭނާގެ މައްޗަށް ހިންގާފައެވެ.

ދާދިފަހުން ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުގައި، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ އެންމެ އިސްކޮށް ތުހުމަތުކުރެވޭ ފަރާތް ކަމުގައެވެ. އަދި އޭނާގެ މައްޗަށް ދައުވާކުރުމަށް ފާއިތުވެދިޔަ ހަފްތާގައި ފޮނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

ބައްސާމްގެ މައްޗަށް ކުރެވިފައިވަނީ ބޭރުގެ އިދާރާތަކުން ފޮނުވާފައިވާ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާކަމުގެ ތުހުމަތެވެ. މިތުހުމަތަކާއި ގުޅޭގޮތުން ހިންގުނު ތަހުގީގަށް ފުލުހުން ވަނީ ފާއިތުވި ނޮވެމްބަރުމަހުގެ 22 ވަނަ ދުވަހު އެފްއޭއެމް ރެއިޑްވެސް ކޮށްފައެވެ.

އެއަށްފަހު ފުލުހުން ބުނެފައިވަނީ ބައްސާމްގެ މައްޗަށް ޖިނާއީ ދައުވާކުރެވޭވަރުގެ ހެއްކާއި ގަރީނާތައް ހުރި ކަމުގައެވެ.

ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ ބޭރުގެ އިދާރާތަކުން ފޮނުވާ ފައިސާއާ މެދު އަމަލުކުރާނެ އުސޫލުތަކެއް ރާއްޖޭގައި ހުންނަ ކަމަށާއި، އެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ތުހުމަތު އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވޭ ކަމުގައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެންބޮޑުވުމުން – ވެލި އެޅުމަކީ އޮތް ހައްލެއް ނޫން!

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ޓޯއިން ފެނިވަޑައިގަންނަނީ މީދޫ މަޖުދުއްދީން މަގުގައި ވިއްސާރަވެ ފެންހެދިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެކެވެ. ވިއްސާރައިގެ ...

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މިއަހަރުގެ ޖުލައި މަހު ހުޅުވޭނެ ކަމަށް ލަފާކުރެވޭ: މިފްކޯ

މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވޭވަރު ވާނެ ކަމަށް މިފްކޯއިން ބުނެފިއެވެ. މިކަމާ ...

ބޮލީވުޑްގެ އެންމެ އަގުބޮޑު ލަވަކިޔުންތެރިން އެނގޭތަ؟

ކޮންމެ ގައުމެއްގައިވެސް ފަންނާނުންނަކީ ބޮޑު އާމްދަނީ އެއް ހޯދާ ބައެކެވެ. އެގޮތުން ލަވަކިޔުންތެރިން ކިޔައިދޭ ކޮންމެ ލަވައަކަށް ބެލުންތެރިންނާއި ...