ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނަށް ކޮށްދިނުން ކަމަށާއި، ޑިމޮކްރަޓިކް އުސޫލުތައް ރާއްޖޭގައި އެކަށައެޅުމަށް ކުރެވުނު މަސައްކަތުގައި މިހާތަނަށް އައިއިރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުއާދު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޙާއްސަ މެސެޖެއްގައެވެ.
އަޅުގަނޑުމެންގެ ރާއްޖޭގައި މިވަގުތު މިވަނީ އެންމެ ތަހުޒީބު ޤައުމުތަކުގައިވެސް އޮންނަ ފަދަ ޑިމޮކްރަސީ ވެރިކަމެއް އައިސްފައި.-ފުވާދު
ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޙާއްސަ މެސެޖްގައި ފުވާދު އިތުރަށް ވިދާޅުވީ ރާއްޖޭގައި މިވަގުތު މިއޮތީ އެންމެ ތަހުޒީބު ޤައުމުތަކުގައިވެސް ހިންގަމުންދާ ފަދަ ޑިމޮކްރަސީއެއްކަމަށެވެ.
” އަޅުގަނޑުމެންގެ ރާއްޖޭގައި މިވަގުތު މިވަނީ އެންމެ ތަހުޒީބު ޤައުމުތަކުގައިވެސް އޮންނަ ފަދަ ޑިމޮކްރަސީ ވެރިކަމެއް އައިސްފައި. އަޅުގަނޑުމެންނަކީ 1932 ފެށިގެން ޑިމޮކްރަސީގެ އުސޫލުތައް ގެނެވޭތޯ މަސައްކަތް ކުރަމުން ގެންދާ ޤައުމެއް. މަޑުމަޑުން ނަމަވެސް އައިސް އެންމެ ފަހުން 2018 ގައި މިވަނީ ވަރަށް ބޮޑަށް ޑިމޮކްރަސީގެ އުސޫލުތައް އެކުލެވޭ ޤާނޫނު އަސާސީއެއް ދިވެހި ރައްޔިތުންނަށް ލިބިފައި”
ފުއާދު ތައުފީގު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ޑިމޮކްރަސީގެ އެންމެ ރީތިކަމަކީ ރައްޔިތުންގެ ފަރާތުން އިންތިހާބުކުރާ ބަޔަކު ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދިނުންކަމަށެވެ. އަދި ރައްޔިތުންގެ ތެރެއިން އަޤްލަބިއްޔަތު ނުވަތަ މެޖޯރިޓީ ބޭނުންވާ ބަޔަކަށް ވެރިކަން ލިބުނަސް. މައިނޯރިޓީ ނުވަތަ އަޤްލަބިއްޔަތު ނުލިބޭ ރައްޔިތުންވެސް ބާކީނުވެ، އެމީހުންނަށްވެސް ކަންކަން ފަހިވާގޮތަށް ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ވެރިކަން ކުރެވޭކަން ފުއާދު ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ފުއާދު ވަނީ ޑިމޮކްރަސީގެ އުސޫލުތައް ހަރުދަނާކޮށް، ވަރުގަދަކުރުމަށް ހުރިހާ ފަރާތްތަކުންވެސް އަދިވެސް އިތުރަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.
ކޮމެންޓްސް (0)