ނުރައްކާތެރި ބަލިތައް ފެތުރެން ދިމާވާ ސަބަބުތައް ދެނެގަތުމަށް ޢިލްމީ ދިރާސާތަކެއް ކުރަންޖެހޭ: ރައީސް

ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ފެތުރެން ދިމާވާ ސަބަބުތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ޢިލްމީ ދިރާސާތަކެއް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުން ފެންނަ މަންޒަރުތަކަށް ބަލާއިރު، ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިއުންކަމަށެވެ. ވަކިން ޚާއްޞަ ގޮތެއްގައި ކެންސަރު ބައްޔާއި ހިތުގެ ބަލިތަކާއި ނޭވާލާ ނިޒާމާ ގުޅުން ހުރި ބަލިތަކުގައި ފަރުވާ ހޯދަންޖެހޭ މީހުންގެ ޢަދަދު މަތިވަމުން ދިއުމަކީ، ޞިއްޙީ ޚިދުމަތުގެ ނިޒާމަށް ކުރިމަތިވާ ވަރަށް ބޮޑު ނުރައްކަލެއްކަމަށް ރައީސް ވިދާޅުވިއެވެ.

“އެފަދަ ބަލިތައް ދިވެހިންގެ މެދުގައި ފެތުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް، ފުޅާ ދާއިރާއެއްގައި ޢިލްމީ ދިރާސާތަކެއް ކުރުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން”

ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި ރާއްޖޭގެ މިހާރުގެ ޙާލަތާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ޢާންމު ޞިއްޙަތުގެ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ، ޞިއްޙަތަށް ފައިދާ ހުރި ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ސާފު ބޯފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

މިކަންކަމުގެ އިތުރުން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން، ކެމިކަލްތަކާއި ޞިއްޙަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންނުކޮށް، ރައްކާތެރި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މަސައްކަތްކުރުމަށްވެސް ރައީސްގެ ހިތާބުގައި ގޮވާލެއްވިއެވެ.

“އަނެއް ކަމަކީ، އަޅުގަނޑުމެންގެ ޤުދުރަތީ ވެށި އޭގެ ޠަބީޢީ ގޮތުގައި ދެމެހެއްޓުމަށް، ގަދައަޅައި މަސައްކަތް ކުރުން. ވަކިން ޚާއްޞަކޮށް ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަނުދީ ރައްކާތެރި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުން. މިއީވެސް ދިވެހިންގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާކަމެއް” 

ރައީސް ވިދާޅުވިއެވެ.

މި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރާ މުނާސަބާ އިއްތިފާޤުވެފައިވާ އަނެއް މުނާސަބަތަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް 75 އަހަރު ފުރުންކަން ފާހަގަކުރައްވައި، ފާއިތުވި 75 އަހަރުގެ ތެރޭގައި، އެ ޖަމްޢިއްޔާގެ ފަރާތުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން މިއަހަރުގެ ޞިއްޙަތު ދުވަހަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރުކަމުގައިވާ “ޞިއްޙަތު އެންމެނަށް” މި ޝިޢާރަކީ ރާއްޖޭގައި އަލުން ފުޅާކުރަން ޖެހިފައިވާ ޕަބްލިކް ހެލްތު ދާއިރާއާ ވަރަށް ގުޅުން ހުރި ޝިޢާރެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން، ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ނިޒާމަކީ އެންމެ ކާމިޔާބު ޞިއްޙީ ޚިދުމަތުގެ ނިޒާމުކަމަށްވެސް، ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި އާންމުންގެ ބަޔަކާ ފުލުހުންނާއި ދެމެދު ބޮޑު ހަމަނުޖެހުމެއް

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާ ކުރިއަށް ގެންދަނިކޮށް، އިދިކޮޅު ބަޔަކާއި ...

ފިލިޕީންސް ނަރުސްގެ މަރާ ގުޅިގެން ދިވެހި އަންހެނަކު ހައްޔަރުކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސް އަށް ނިސްބަތްވާ ނަރުސް މޭރީ ގްރޭސް ޕިނޭޑާގެ މަރާއި ...

ޝަމްސުއްދީން ސްކޫލުގައި ބޭއްވި ކެޑޭޓް ކޭމްޕު ނިންމާލައިފި

ޝަމްސުއްދީން ސްކޫލްގެ 3 ވަނަ ކެޑޭޓް ކޭމްޕު ނިމި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ. ޝަމްސުއްދީން ސްކޫލް ހޯލުގައި ...