އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓު ހިންގުމަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން އެތަނުގައި އޮތް ސަރުކާރުގެ 30 އިންސައްތަ ޙިއްސާ ދޫކޮށްލައިފިއެވެ.
އެރިސޯޓު ހިންގުމަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދިނުމަން ސަރުކާރަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމަށާ، އަދި އެރިސޯޓުގައި މިހާތަނަށް އޮތް ސަރުކާރުގެ ޙިއްސާ ދޫކޮށްލައްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އައްޑޫ ރައްޔިތުންނަށް ވަޢުދުވެވަޑައިގެންފައެވެ. އެވައުދާ އެއްގޮތަށް އައްޑޫ ޝަންގްރިއްލާގެ ސަރުކާރު ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ހޯމަދުވަހު ވަނީ ސޮއިކޮށްފައެވެ
އައްޑޫ ސިޓީގައި ޝަންގްރިއްލާ އިން ހިންގި ރިސޯޓު
ޝަންގްރިލާ ރިސޯޓަކީ ސަރުކާރުގެ 30 އިންސައްތަ ހިއްސާއާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ 70 އިންސައްތަ ޙިއްސާއާއެކު ހިންގަމުން އައި ތަނެކެވެ. ސަރުކާރުގެ ޙިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް އެފެއާޒް ޑިރެކްޓަރު ސައުދު އަބްދުﷲއެވެ.
ކޯވިޑް-19ގެ އާލަމީ ވަބާއަށްފަހު ޝަންގްރިއްލާ ބަންދުކުރަން ޖެހުނެވެ. ޝަންގްރިއްލާ އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ކުރިމަތިވެފައި އޮތް ހުރަސްތައް ނައްތާލުމަކީ ސަރުކާރުގެ ވަޢުދެކެވެ. ސަރުކާރުގެ ޙިއްސާ ދޫކޮށްލުމާއެކު ބައެއްކަންކަމުގައި ފަސޭހަވެގެންދާނެކަމަށް ދެފަރާތުންވެސް ދެކެއެވެ. މިއާއެކު ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލެއް ދެއްވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމް ވަނީ ވިދާޅުވެފައެވެ.
ޝަންރިއްލާ ރިސޯޓަކީ 2005 ގައި ދިވެހި ސަރުކާރާއި ހޮންގް ކޮންގްގެ ޝަންގްރިއްލާ ކުންފުނި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އައްޑޫ އިންވެސްޓްމަންޓުން ހިންގާ ކުންފުންޏެކެވެ.
އައްޑޫ ސިޓީގައި ޝަންގްރިއްލާ އިން ހިންގި ރިސޯޓު
ކޯވިޑާއެކު ލިބުނު ގެއްލުމުގެ ސަބަބުން މި ރިސޯޓް ވަނީ 2020ވަނަ އަހަރުގެ އޮގަސްޓްމަހުން ފެށިގެން ބަންދުކޮށްފައެވެ. އަދި އޭގެފަހުން ރިސޯޓް ނުހުޅުވި އޮތުމަކީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ރިސޯޓް ބަންދުކުރުމާއި ގުޅިގެން އެތަނުގައި ވަޒީފާ އަދަކުރަމުންދިޔަ 500 އެއްހާ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ.
ރައީސް ސާލިހުގެ ސަރުކާުރުން އަންނަނީ މި ވޭތުވެދިޔަ ދުވަސްތަކުގައި އެ ރިސޯޓް އަލުން ހުޅުވުމަށް ބޭރުގެ ކުންފުންޏާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޝަންގްރިއްލާ ހިންގާ ކުންފުނިން ބޭނުންވީ އެ ރިސޯޓް ހިންގާ ކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާ އެ ކުންފުންޏަށް ދިނުމަށެވެ. މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ސަރުކާރުން ނިންމީ އެ ކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާ ވިއްކާލުމަށެވެ. އަދި ރިސޯޓު ވީހާވެސް އަވަހަށް އޮޕަރޭޝަނަށް ގެނައުމަށެވެ.
ކޮމެންޓްސް (0)