ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި އެޓީމަށް އަލަށް ގެނައި ކޮލަމްބިއާގެ ޑިފެންޑަރު ޔެރީ މިނާ އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލައިފި އެވެ.
ޔެރީ މިނާ ބާސެލޯނާގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ ބާސެލޯނާއާއި ގުޅުނީ ފަސް އަހަރާއި ހަ މަހަށެވެ. އޭނާ ބާސާއަށް ސޮއިކޮށްފައި ވަނީ 11.8 މިލިއަން ޔޫރޯ އަށެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން ޔެރީ މިނާ ބުނީ އެ ޓީމާއި ގުޅުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެކަމަށްޓަކައި އޭނާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. އަދި މިއީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށާއި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތު ލިބުމަކީ ކޮންމެ ކޮންމެ ކުޅުންތެރިއަކަށް ވެސް ލިބޭނެ ޝަރަފެއް ކަމަށެވެ. އަދި އެ ޝަރަފު ލިބުމުން އުފާކުރާ ކަމަށާއި ބާސާއަށް ކުޅެމުން އަންނަ އެހެން ކުޅުންތެރިންގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްކުރަން ބޭނުންވާ ކަމަށްވެސް ބުންޏެވެ.
ޔެރީ މިނާ ވެގެންގޮސްފައި ވަނީ މިފަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ބާސެލޯނާއިން ގެނައި ދެވަނަ ކުޅުންތެރިއާ އަށެވެ. އެގޮތުން މީގެކުރިން އެ ޓީމުން ވަނީ ލިވަޕޫލަށް ކުޅުނު ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ 142 މިލިއަން ޕައުންޑަށް އެ ޓީމަށް ގެނެސްފަ އެވެ.
ޕަލްމެއިރާސް އިން ބާސެލޯނާއަށް ގުޅުނު ޔެރީ މިނާ އަކީ މިހާރު އުތުރު އެމެރިކާގެ ގައުމުތަކުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އުއްމީދީ ކުޅުންތެރިއެކެވެ. އޭނާގެ ކުރީގެ ކުލަބު ޕަލްމެއިރާސް އަށް ކުޅުނު 49 މެޗުގައި ނުވަ ލަނޑު އޭނާ ވަނީ ޖަހާފަ އެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން ކޮލަމްބިއާގެ ގައުމީ ޓީމުން ވެސް މިނާ ދަނީ ޖާގަ ހޯދަމުންނެވެ.
ބާސެލޯނާއިން އެ ޓީމު ވަރުގަދަކުރުމުގެ ގޮތުން އަދިވެސް އިތުރު ކުޅުންތެރިއަކާއި މަޝްވަރާކުރަމުން އަންނަ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓްސް (0)