ނެދަލެންޑް ބަލިކޮށް ޗެކްރިޕަބްލިކުން ޔޫރޯ 2020 ގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ހަންގޭރީގެ ޕުސްކަސް އެރީނާގައި ކުޅުނު މިމެޗު ޗެކް ރިޕަބްލިކު ކާމިޔާބުކުރީ 0-2 ގެ ނަތީޖާ އަކުންނެވެ
މެޗުގެ ފުރަތަމަ ހާފު 0-0 އިން އެއްވަރުގެން ނިމުނުކަމުގައި ވިޔަސް މިހާފުގައި ދެޓީމަށްވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ގިނަ ހަމަލާތަކެއް ދެޓީމުންވެސް އުފެއްދިއެވެ.
ދެވަނަހާފްގެ ކުޅުންފަށައިގެންވެސް ފުރަތަމަ 10 ވަރަކަށް މިނެޓު ދެޓީމުގެ ކުޅުން ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކޮށެވެ. އެހެންނަމަވެސް ނެދަލެންޑްސް އަށް މައްސަލަތަކަކާއި ކުރިމަތިލާންޖެހުނީ ދެވަނަ ހާފްގެ 10 ވަނަ މިނެޓުގައި އެޓީމުގެ އިތުބާރު ޑިފެންޑަރު މަތައިސް ޑި ލީޓްއަށް ރެފްރީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލި ހިސާބުން ފެށިގެންނެވެ.
ރެފްރީ ޑި ލީޓްއަށް ރަތްކާޑު ދެއްކީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ޑި ލީޓް ގަސްތުގައި ބޯޅައިގައި އަތްލި ކަމަށް ނިންމުމަށްފަހުއެވެ.
ޑި ލީޓް އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުން ނެދަލެންޑްސް އިން އެއް ކުޅުންތެރިޔަކު މަދުން ކުޅެޖެހުމުން ވަރަށް ބޮޑަށް ޑިފެންސިވް ގޭމެއް ކުޅެން ފެށިތަން ވަނީ ފެނިގެގޮސްފައެވެ. އެއާއެކު ޗެކް ރިޕަބްލިކް އިން ގިނަ ހަމަލާތަކެއް އުފައްދާ ނެދަލެންޑްސްގެ ގޯލަށް ނުރައްކާ ކުރަމުން ގޮސްފައިވެއެވެ. އަދި މިއާއެކު އެޓީމުގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ލީޑުނެގީ 68 ވަނަ މިނެޓު ގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ތޯމަސް ހޯސެލް އެވެ.
މިމެޗްގައި ޗެކްރިޕަބްލިކްގެ ދެވަނަ ލަނޑު 80 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޕެކްރިކް ޝިކްއެވެ. ޝިކްއަކީ މި މުބާރާތުގައި ޗެކް ރިޕަބްލިކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. ޝިކް މިހާތަނަށް މި މުބާރާތުގައި 4 ލަނޑު ޖަހާފައިވާއިރު އޭނާއަކީ މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. ލަނޑު ލިސްޓުގެ އެއްވަނާގައި 5 ލަނޑު ޖަހައިގެން އޮތީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ނެދަލެންޑްސް ބަލިކޮށް ޗެކްރިޕަބްލިކް ކުއާޓަރ އަށް ދަތުރުކުރުމާގުޅިގެން ކުއާޓަރ ގައި ޗެކް ރިޕަބްލިކު ވާދަކުރާނީ ވޭލްސް ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދި ޑެންމާކާއެވެ. ޗެކްރިޕަބްލިކް އެންމެފަހުން ޔޫރޯ މުބާރާތެއްގެ ކުއާޓަރ ގައި ކުޅެފައިވަނި 2012 ވަނަ އަހަރުގައެވެ.
ކޮމެންޓްސް (0)