ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަންހެނުންނަށް ގޮނޑި ހާއްސަ ނުކުރާ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފިއެވެ.
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި މިބިލް ކޮމެޓީ މަރުހަލާގައި ވަނީ އަންހެނުންނަށް ސިވިލް ސާވިސް ކޮމިޝަނުން ގޮނޑި ހާއްސަ ނުކުރާ ގޮތަށް ނިންމާފައެވެ. މި ބިލަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުން ބިލް ފާސްކޮށްފައި ވަނީ 68 މެންބަރުންގެ ވޯޓުންނެވެ،
މި ބިލު ފާސްކުރުމަށް ކޮމެޓީ މަރުހަލާއަށް އެންމެ ފުރަތަމަ ހުށަހެޅި އިރު ވަނީ ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގައި ގިންތީގެ ހަމަހަމަކަން އޮންނަން ޖެހޭ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަން އެކުލެވިގެެން ވަނީ ޖުމްލަ ފަސް މެންބަރުންގެ މައްޗަށެވެ. މީގެ ތެރެއިން ދެ މެންބަރުންނަކީ އަންހެން މެންބަރުންނަށް ވާން ޖެހޭނެ ކަމަށް މީގެ ކުރިން އޮތް ނަމަވެސް، މިފަދަ އިސްލާހަކީ މިވަގުތަށް މުހިންމު އިސްލާހެއް ނޫން ކަމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
ސިވިލް ސާވިސް ގާނޫނަށް ދެން ގެންނަން ކޮމިޓީ އިން ނިންމި އިސްލާހުތަކުގެ ތެރޭގައި ޕާމަނަންޓް ސެކްރެޓަރީ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރަށް ޕާރމަނަންޓް ސެކްރެޓަރީގެ އިތުބާރު ނެތް ކަމަށް ބެލެވޭނެ ހާލަތްތަކެއް ވަނީ ބަޔާންކޮށްފަ އެވެ.
ޕީއެސް ވަކިކުރެވޭނެ ހާލަތްތައް
- އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި އެ އޮފީހެއްގެ މެންޑޭޓުގެ ދަށުން ކުރުމަށް މިނިސްޓަރު ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުބޫލު ސަބަބަކާއި ނުލައި އުޒުރުވެރިވުން
- ޕާރމަނަންޓު ސެކްރެޓަރީގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި އޭނާގެ ވަޒީފާ ބަޔާނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން
- ޕާރމަނަންޓު ސެކްރެޓަރީގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ތައާރުޒުވާފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް އޮތް ކަމެއްގައި ޝާމިލުވުން
ކޮމެންޓްސް (0)