“ގައުމު ސްޓްރީޓް ކަޕް ” ގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ޑީގެ މެޗް ފޭދޫ ހަބޭސް ކާމިޔާބުކޮށް ކްއަޓާފައިނަލުން ފުރުސަތު ހޯދައިފިއެވެ.
މިއަދު ހަވީރު މީދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މިމެޗް ހަބޭސް ކާމިޔާބުކުރީ ހިތަދޫ ޒެފިޔާއާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ.
މިމެޗު ހަބޭސްއިން ކާމިޔާބުކުރި ލަނޑަކީ ފަހުހާފްގައި ޒެފިޔާގެ ކުޅުންތެރީންނަށް 4 ފައުލް ކުރެވިގެން އިތުރަށް ކުރެވޭ ފައުލްތަކަށް ޕެނަލްޓީ ދޭ އުސޫލުގެ ދަށުން އެޓީމަށް ލިބުނު ޕެނަލްޓީއަކުން އިއްމެ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑު ހަބޭސް ކާމިޔާބުކުރުމުގެ ކުރީން ހަބޭސްޓީމުގެ ކުޅުންތެރީނަށްވެސް 4 ފައުލަށްވުރެ އިތުރަށް ފައުލްކުރެވިގެން ޒެފިޔާއަށްވެސް ޕެނަލްޓީ އެއް ލިބުނެވެ. ޒެފިޔާއަށް ލިބުނު ޕެނަލްޓީގައި އެޓީމްގެ ޝާޝް ފޮނުވާލި ބޯޅަ ޕެނަލްޓީއޭރިޔާގެ ބޭރުން ބިންމަތީގައި ޖެހިފައި ގޯލްތެރެވެސްއަށް ވަދެފައިވެއެވެ. އެހެން ނަމަވެސް ސްޓްރީޓް ފުޓްބޯޅަގެ ގައިވާއިދުގައި ބުނާގޮތުން ޕެނަލްޓީގައި ފޮނުވާލާ ބޯޅަ ޕެނަލްޓީ އޭރިއާގެ ބޭރުން ބިމުގައި ޖެހިފައި ގޯލަށްވަނަސް އެއީ ގޯލެއްގެ ގޮތުގައި ނުބެލެވޭނެއެވެ.
މިމެޗްގައި ހަބޭސްއިން ލަނޑެއްޖަހާ ލީޑު ހޯދުމުން ޒެފިޔާގެ ކުޅުންތެރީންވެސް އިތުރަށް ކުރިއަށްޖެހި ލަނޑެއް ކާމިޔާބުކުރެވޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް މެޗް ނިމިގެން ދިޔައީ އެޓީމުގެ ކުޅުންތެރީންނަށް ލަނޑެއް ކާމިޔާބުކުރެވޭނެ ކަހަލަ ފުރުސަތެއް ނުލިބިއެވެ.
މިމެޗުން ހަބޭސް މޮޅުވުމުން 3 މެޗުން 7 ޕޮއިންޓް ލިބިގެން ޑީގްރޫޕްގެ 1 ވަނަ ހަބޭސްއަށް ލިބިފައިވާއިރު މިގްރޫޕުން މިވަގުތާއި ހަމައަށް ދެވަނަ ލިބެނީ ދެމެޗުން 4 ޕޮއިންޓް ލިބިފައިވާ މަރަދޫ ޔުނައިޓެޑަށެވެ.
މިގްރޫޕްގައި ދެންހިމެނޭ ޒެފިޔާ ، ކްރައުސް އަދި މަންތަރައަށްވެސް 3 މެޗު ކުޅެގެން ލިބިފައިވަނީ 2 ޕޮއިންޓެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗްގައި ހަބޭސްއަށް ލަނޑު ކާމިޔާބޔކޮށްދިން އިއްމެއެވެ.
ޗެމްޕިއަންޓީމަކަށް ދިހަހާސްރުފިޔާ ރަނައަޕްޓީމަކަށް ފަސްހާސްރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 ގުރޫޕަކަށް ބަހާލައިގެންނެވެ.
މިމުބާރާތާ ބެހޭގޮތުން ގައުމު އެފްސީގެ އައްޕޯ ބުނީ މިމުބާރާތުގެ މަގުސަދަކީ ފުޓްބޯޅައަށް އޮންނަ ލޯބި ޒުވާނުންގެ ތެރޭގައި އިތުރުކޮށް އެފުރުސަތު ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ފުޓްބޯޅައަށް ޒުވާނުން އިތުރަށް އަހުލުވެރިކުރުންކަމަށްވެސް އޭނާ ބުނެފައިވެއެވެ.
“މިމުބާރާތުގެ ސަބަބުން މުބާރާތުގައި ބައިވެރިވާ ޓީމްތަކަކަށް ކުޅެމުންދާ ކުދިންގެ ފިޓްނަސް ރަގަޅުވެ އިތުރު މުބާރާތެއްގައި ކުޅުމަށް ފުރުސަތު އެކުދީންނަށް ލިބިގެންދާނެ . އެހެންކަމުން މުބާރާތުގެ މަޤުސަދު ހާސިލުވާނެ.” އައްޕޯ ބުންޏެވެ.
ކޮމެންޓްސް (0)