މާލޭގެ ގޭބިސީތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާދަމައިން ފެށިގެން ކޮންމެ ތިން ދުވަހަކުން އެއްދުވަހު ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް ނިކުތުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް ވިދާޅުވީ މާލޭގެ ކޮންމެ ގެއަކަށް ތިން ދުވަހުން އެއް ދުވަހު ކޮންމެވެސް އެކަކަށް އެއް ގަޑިއިރަށް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭނެ ގޮތް މިއަދުން ފެށިގެން ހަމަޖައްސައިދޭނެ ކަމަށެވެ.
ނަމަވެސް އެ ހުއްދަ ދޭނީ ބޭރަށް ނިކުތުމަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ފޯމްފުރުމުންކަމަށެވެ. އެގޮތުން އެފޯމް ފުރުމުން އޭގައި އޮންނަ ނަންބަރަށް ކިއުއާރު ކޯޑެއް ފޮނުވާނެކަމަށް ފައިރޫޝް ވިދާޅުވިއެވެ. އަދި މި ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭނީ ވަކި ސަރަހައްދަކަށް ކަމަށާ އެއީ ކޮން ސަރަހައްދެއްކަން އެކަމަށް އެދޭ ފަރާތަކަށް އެނގޭނެގޮތަކަށް އެމައުލޫމާތު ފޯނަށް ލިބޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ނިޒާމުގެ ތެރެއިން މާލެ ބަހާލަނީ 26 ޒޯނަކަށް ކަމަށެވެ. މިގޮތަށް މިދެވޭ ހުއްދަތަކަކީ އެއްވެސް ހާލެއްގައި ބޭރުގައި އުޅުމަށް ދެވޭ ހުއްދައެއްނޫންކަމަށާއި، ކޮންމެހެން ނިކުންނަން ނުޖެހޭނަމަ ގެއިން ނުނިކުތުމަށް ފައިރޫޝްވަނީ އިލްތިމާސް ކުރައްވާފައެވެ.
މަސްދަރު:ޕީއެސްއެމް ނިއުސް
ކޮމެންޓްސް (0)