ވަޒީފާއަށް އަލަށް ރާއްޖެ ގެންނަ ބިދޭސީން ގޭން އިންޓަރނޭޝަނަލް އެއަރޕޯޓުން އެތެރެވެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ރާއްޖެއަށް އަލަށް ވަޒީފާއަށް ގެންނަ ބިދޭސީން މީގެކުރިން ރާއްޖެ އެތެރެވެވެނީ ހަމައެކަނި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. އެހެންކަމުން މިއީ އަލަށް ވަޒީފާއަށް އަންނަ ބިދޭސީން އެހެން އެއަރޕޯޓަކުން ރާއްޖެ އެތެރެވެވޭނެ އިންތިޒާމެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
ނަމަވެސް ވަރކް ވިސާ ލިބިފައިވާ ފަރާތްތަކަށް ރާއްޖެއިން ފުރުމާއި އެތެރެވުމުގެ އިންތިޒާމު ރާއްޖޭގެ އެހެން އެއަރޕޯޓްތަކުން މީގެ ކުރިންވެސް ހަމަޖެހިފައިވެއެވެ.
ގޭން އިންޓަރނޭޝަން އެއަރޕޯރޓުން ރާއްޖެއަށް އަލަށް ވަޒީފާއަށް އަންނަ ފަރާތްތަކަށް ރާއްޖެއަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކި އައްޑޫގެ ވިޔަފާރިވެރީންނާއި އާއްމު ރައްޔިތުން ޒަމާނުއްސުރެ އެދިއެދި ތިބިކަމެކެވެ.
އަލަށް ވަޒީފާއަށް އަންނަ ބިދޭސީން ހަމައެކަނި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން އެތެރެވެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުން އައްޑޫގެ ރައްޔިތުން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވެއެވެ.
މި ގޮތުން ބިދޭސީ މަސައްކަތްތެރީން އައްޑޫއަށް ގެނައުމަށް ޓިކެޓުގެ ޚަރަދާއި، މާލޭގައި މަޑުކުރަން ޖެހިއްޖެ ނަމަ ގެސްޓު ހައުސްއަށާއި ކެއުމަށް ހިނގާ ޚަރަދު ހިމެނެއެވެ. މިކަމުގެ ސަބަބުން މާލީ ދަތިތަކާއި ކުރިމަތިވަމުން ދިއުމާއި ގުޅިގެން އައްޑޫގެ ރައްޔިތުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާކަން މޯލްޑިވްސް އިމިގްރޭޝަނުން ފާހަގަކުރެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުގެ މަޤްސަދަކީ އިމިގްރޭޝަނުން ދެވޭ ހިދުމަތަތްތައް ރައްޔިތުން ޤަބޫލުކުރާ ފެންވަރަށް ގެނައުމާއި އަދި ލުއި ފަސޭހަ ގޮތަކަށް ޚިދުމަތްތައް ދެވޭނެ ގޮތް ހެދުންކަމަށް އެ އިދަރާއިން ހާމަކުރެއެވެ.
މި ގޮތުން ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންނަށް ފަސޭހަ ޚިދުމަތްތަކެއް ލިބޭނެ ކަންކަން ތަޢާރަފުކޮށް ޚިދުމަތްތައް ފުޅާ ކުރެވިގެން ދާނެކަމަށްވެސް މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
ކޮމެންޓްސް (0)