
ރަށު މީހަކަށް ވެގެން ވަކި އެމީހަކަށް ވޯޓް ދޭން ނުޖެހޭ ކަމަށާއި ވޯޓް ދޭން ވަނީ ވަރަށް ވިސްނާފަކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޓިކެޓްގައި ރ. އަލިފުށި ދާއިރާއަށް ވާދަކުރައްވައި ކެނޑިޑޭޓް މުހައްމަދު ރަޝީދު ހުސެއިންގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއުޅެނީ ރަށުގައި ހުރި ރުކެއް އަޅާކަށް ނުވަތަ ފަޅުތެރޭގައި އޮތް އޮޑިއެއް އެހެލާކަށް ނޫން ކަމަށެވެ.
“މިއުޅެނީ ރަށު މީހެއް ހޯދަށްކަށް ނޫން. ރަށުގައި ހުރި ރުކެއް އަޅާލާކަށް ނޫނޭ. މިއުޅެނިކީއެއް ރަށު މީހެއް ހޯދާކަށް ނޫނޭ. މިއުޅެނިކީއެއް ފަޅުތެރޭގައި އޮތް އޮޑިއެއް އެހެލާކަށް ނޫން.” ރ އަނގޮޅިތީމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރަށު މީހަކަށްވެގެންވެސް ނުވަތަ އާއިލާ މީހަކަށްވެގެންވެސް ވޯޓްދީގެން މިކަމެއް ނުވާނެ ކަމަށާ މިއުޅެނީ ކަނޑައެޅިގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތާއި ޕާޓީގެ ނިޒާމު ހިންގަން ކަމަށެވެ.
ރ. އަނގޮޅިތީމުގައި މިއަދު ކުރިއަށް ދިޔަ އެމްޑީޕީ ކެމްޕެއިން ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ވަކި ފަރުދަކު ކަމެއް ކުރަން އުޅުނީމަ އެކަމެއް ކާމިޔާބު ނުވާކަން މާލޭގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި އިރު އެނގިވަޑައިގަތް ކަމަށެވެ. ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޕާޓީއަކަށް ނިސްބަތްނުވެ ވަކި މެންބަރެއްގެ ގޮތުގައި ވަކިން އިނދެ ކޮށްދެވޭނެ ކަމެއް ނެތްކަން އެމަނިކުފާނަށް އޭރު ސާފުވެވަޑައިގެންނެވި ކަމަށެވެ.
ފަހަކަށް އައިސް ބައެއް ރަށްރަށުން ދަނީ ރަށު މީހެއް ނުވަތަ ދާއިރާގެ މީހެއް މަޖިލީހަށް ހޮވުމަށް ގޮވާލަމުންނެވެ.

ކޮމެންޓްސް (0)