
ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލު މެޗުގައި ޓީމް ޓަފްސިކްސް ބަލިކޮށް ޓީމް ޗެލެންޖާސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން ފޯރިނަގަމުން ދިޔަ ރޭ ކުޅެވުނު ސެމީފައިނަލް މެޗު ޗެލެންޖާސް ކާމިޔާބުކޮށްފައިވަނީ ސީދާ ތިންސެޓުންނެވެ.
ޓީމް ޗެލެންޖާސް މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދިއިރު މިމުބާރާތުގައި އެޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ މިމުބާރާތް ފެށުމުގެ ގޮތުން ކުޅެވުނުމެޗްގައި ޓީމް ލިޓަސްއާއި ބައްދަލުކޮށް 3 ސެޓް 2 ސެޓުންނެވެ. ޗެލެންޖާސް އަތުން މިމުބާރާތުގައި މޮޅުވި ޓީމް ލިޓަސް މިމުބާރާތުގެ ސެމީފައިނަލަށްވެސް ނުހޮވި މުބާރާތުންވަނީ ކަޓާފައެވެ.
ފެނަކަ ކޯޕަރޭޝަން މަރަދޫފޭދޫ ބްރާންޗްގެ އެޗްއާރު ސްޕަވައިޒަރު އަލީ ނަސީރާއި ޔޫތު މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު މަރަދޫފޭދޫ އަބްދުލް މަސީހު އަދި ސައުތު އިންވެސްޓްމެންޓްގެ މެނޭޖަރ އަހުމަދު ޒިޔާދު ޝަރަފްވެރިކޮށްދެއްވި މިމެޗްގެ މޭންއޮފްދަ މެޗަކަށް ޗެލެންޖާސްގެ މަނޯޖް ހޮވުނުއިރު މިމެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޓީމް ޗެލެންޖާސްގެ ފާތުމަތު ރިޒްނާއެވެ.
ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫ ވޮލީ ކޯޓްގައި ކުރިއަށް ގެންދާ މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.
ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގެ ސެމީފައިނަލްގެ ދެވަނަމެޗް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު މިމެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޓީމް އަލްފައިންއާއި ޓީމް ގަރާޖެވެ.
ކޮމެންޓްސް (0)