ފެށޭ ހަފްތާއިން ފެށިގެން ރާއްޖޭގެ މާލީ ޙާލަތު ކޮންމެ ހަފްތާއަކު އެއްފަހަރު ދިވެހި ރައްޔިތުންނަށް ސަރުކާރުން ޙިއްޞާ ކުރަމުން ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ކ. ދިއްފުށީ ފެނާއި ނަރުދަމާގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ޤައުމުގެ މާލީ ޙާލަތު ރައްޔިތުންނަށް ޙިއްޞާ ކުރާނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ.
ރައީސް ޞާލިޙު ވިދާޅުވީ ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން ކުރަމުން ގެންދާ މައިގަނޑު އެއް މަސައްކަތަކީ ރާއްޖޭގެ ޙާލަތު ދެނެގަތުން ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ފަސްވަރަކަށް އަހަރު ރާއްޖޭގެ ކަންކަން ހިނގާފައިވާ ގޮތް ސާފުވެގެން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޙާލަތު ދެނެގަތުމަށްޓަކައި ސަރުކާރުގެ ވެރިންނާއި މުޢައްސަސާތަކުގެ ވެރިންނާއިއެކު އެމަނިކުފާނު ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ.
“ރާއްޖޭގެ މާލީ ޙާލަތުވެސް ދެނެގަނެ ބަދަލުކުރަންޖެހޭ ކަންކަން ގިނަކަން އަޅުގަނޑަށް ވަނި ފާހަގަކުރެވިފައި. ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް އަޅުގަނޑުމެންނަށް ލިބިފައިވާ ވަޞީލަތްތަކާއި މުއްސަނދިކަން ދިވެހި މުޖުތަމަޢުގެ ތަރައްޤީއަށާއި ރައްޔިތުންގެ މަންފާއަށް ހެޔޮގޮތުގައި ބޭނުން ކުރުމަކީ އަޅުގަނޑުމެންގެ އެންމެ މުހިއްމު އެއް ވާޖިބު،” ރައީސް ޞާލިޙު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ދިވެހި ރައްޔިތުންގެ ގާތު ވެވަޑައިގެން ވަޢުދުތަކުގެ ތެރެއިން ބައެއް ކަންކަމުގެ މަސައްކަތް މިހާރުވެސް ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ގޮތް ނޭނގޭ ގޮތަށް މަރާލެވިފައިވާ މީހުން ނުވަތަ ގެއްލުވާލެވިފައިވާ މީހުންގެ މަރާ ގުޅޭ ގޮތުން އުފައްދާފައިވާ ކޮމިޝަންގެ ވާހަކަތައް ޙިއްޞާ ކުރައްވާފައެވެ. އަދި ވައްކަމާއި ކޮރަޕްޝަންގެ ތެރެއިން ގެއްލިފައިވާ ފައިސާ ހޯދުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާކަންވެސް ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
“އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ރާއްޖޭގެ ވެރިކަމާއި ޙަވާލުވިއިރުގައި ރާއްޖޭގެ ފަޅުތަކާއި ރަށްތަކުގެ ތެރެއިން ކުއްޔަށް ދެވި އަދި ވިއްކާލެވިފައި ވަނީ ކިތައް ރަށް ކަމެއް ނުވަތަ ކިތައް ފަޅު ކަމެއް އަޅުގަނޑުމެންނަށް އޮތީ ނޭނގުމެއްގެ ތެރޭގައި. އެހެންނަމަވެސް މި ވޭތުވެދިޔަ ހަފްތާ ނިމެމުން ދަނިކޮށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވާނީ އޭގެ ތަފްޞީލުތައް ރައްޔިތުންނަށް ހާމަކޮށްފައި،” ރައީސް ޞާލިޙު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ވެގެންދާނީ ރައްޔިތުންނާއި ކައިރިން ރައްޔިތުންނަށް ހާމަކަން ބޮޑުކޮށް ކުރެވޭ ވެރިކަމަކަށް ކަމަށެވެ.
ރާއްޖޭގެ މާލީ ޙާލަތު ކޮންމެ ހަފްތާއަކު އެއްފަހަރު ޢާއްމު ކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސިއިރު އެމަނިކުފާނު ވަނީ ސަރުކާރު ކުންފުނިތަކާއި ސިޔާސީ މަޤާމުތަކަށް ބޭފުޅުން ޢައްޔަން ކުރައްވާއިރު އެ ބޭފުޅުންގެ މަޢުލޫމާތާއި ތަޢުލީމީ ފެންވަރާއި މާލީ މަޢުލޫމާތުތައް ސާފުކުރަން ނިންމަވާފައެވެ.
މަސްދަރު: ޕީއެސްއެމް
ކޮމެންޓްސް (0)