ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ “ރިޝްވަތު ދޭ މަހުޖަނު” ކަމަށާއި އެކަން ހައްލުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ހއ.ދިއްދު އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވި “ރިޝްވަތު ދޭ މަހުޖަނަކީ” ކާކު ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ. ނަމަވެސް ރައީސް ނަޝީދު އެވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވާހަކަފުޅުތޯ ބައެއް ފަރާތްތަކުން ގެންދަނީ މީސް މީޑިއާގައި ސުވާލު ކުރަމުންނެވެ.
ނަޝީދު ވިދާޅުވީ ރިޝްވަތު ދޭ މީހުން އެކަން ކުރަމުން ގެންދަނީ އިތުރު ފައިސާ ހޯދަން ކަމަށާއި އެހެންކަމުން ކަންކަން އިސްލާހު ކުރުމަށްޓަކައި މިއަދު އެންމެ މުހިންމު ކަމަކީ ފައިސާ ދެމުންދާ މަހުޖަނު އިސްލާހު ކުރުން ކަމަށެވެ.
“އޭނާ ދޭ ފައިސާއިން އަޅުގަނޑުމެންގެ ރާއްޖެ ހަލާކުވަނީ. އޭނާގެ މަގުސަދަކަށް ވަނީ އޭނާގެ ބޭނުމަކަށް ވަނީ އިތުރު ފައިސާ ހޯދުން. އެ ހޯދުމަށްޓަކައި ނާޖާއިޒު ގޮތުގައި ކަންކަން ހިންގުމަށް ފައިސާ ބޭނުން ކުރަނީ،” ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ކުށްވެރިންނަކީ ފަނޑިޔާރުން ނޫން ކަމަށާއި ކުށްވެރިއަކީ ފަނޑިޔާރުންނަށް ރިޝްވަތުގެ ފައިސާ ބަހަމުން ހިނގާ މަޖުހަނު ކަމަށް ނަޝީދު ވިދާޅުވިއެވެ.
“ފަނޑިޔާރުގެ ވެސް ސަރުކާރުގެ މުވައްޒަފު ވެސް ، މެންބަރުވެސް، ، އަދި އެއްވެސް މަސައްކަތެއް ކުރާ އެއްވެސް މީހަކު ވެސް ހަގީގަތުގައި މަގުން ކައްސާލައިގެން ދާ އެންމެ ބޮޑު ސަބަބަކީ އޭނާއަށް ފައިސާ ދޭކަން، އަޅުގަނޑަށް ފެންނަ ގޮތުގައި ރިޝްވަތުގެ ހުތުރު ފައިސާ ދޭ މީހުން އެ ފައިސާ ގުނަގުނައިން ހޯއްދަވައިގެން އެ ފައިސާ އެކިއެކި ބޭފުޅުންނަށް ދެއްވާ. ފައިސާ ވެރިން އިސްލާހުކުރުމުގެ ވާހަކަ ދެއްކޭ މިންވަރު އަޅުގަނޑުމެންނަށް މާކުޑަ،” ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ފަނޑިޔާރުން ވިޔަސް މަގުން ކައްސާލަނީ އޭނާއަށް ފައިސާ ދިނީމަ ކަމަށާއި ރިޝްވަތުގެ ފައިސާ ދޭ މީހާއަކީ އެ ފައިސާ ހިފާ މީހެކޭ އެއްފަދައިން އިސްލާހުކުރަން ޖެހޭ މީހެއް ކަމަށެވެ. ފަނޑިޔާރުގެ އިސްލާހުކުރުމަށް މިހާރު ވެސް ނިޒާމަށް އެތައް ބަދަލެއް ގެނެސްފި ކަމަށާއި ނަމަވެސް އެންމެފަހުން އޮންނަނީ އިހު އޮތް ތަނަށް ރުޖޫއަވެފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑަށް ފެންނަ މީގެ ސަބަބަކީ އަޅުގަނޑުމެން އިސްލާހުކުރަންވީ މީހަކީ ވިޔަފާރިވެރިޔާކަން ރަނގަޅަށް ދެނެ ނުގަންނަކަން، އޭނާގެ އާމްދަނީ އާއި އޭނާގެ ފައިސާ އޭނާ ގެންގުޅޭ ގޮތް ދެފުށް ފެންނަން ޖެހޭ، އޭނާގެ މުއްސަނދި ކަމުގެ މިންވަރު އެނގެން ޖެހޭ، ސާފުވާން ޖެހޭ، އޭނާ ދޭ ފައިސާއިން ރާއްޖެ ހަލާކު ވަނީ، އޭނާގެ މަގުސަދަކަށް ވަނީ އިތުރު ފައިސާ ހޯދުން، އެ ހޯދުމަށްޓަކައި ނާޖައިޒު ގޮތުގައި ފައިސާ ބޭނުން ކުރަނީ،” ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަފުޅު ތަރުޖަމާ ކުރުމުގެ މަސައްކަތް މިއަދު މީސް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ކުރަމުންނެވެ. އަދި އެމަނިކުފާނު ތަންކޮޅެއް ސާފުކޮށް ވާހަކަފުޅު ދެއްކެވުމަށް ވެސް ގިނަ ބަޔަކު ދަނީ އެދެމުންނެވެ
މަސްދަރު : ވަގުތު .
ކޮމެންޓްސް (0)