ރަންވޭއަށް ޚަރަދުކުރަނީ ބޭކާރު ފައިސާއެއް ނޫން، އެފައިސާ އަނބުރާ ލިބޭނެ – އެމްޔޫ މަނިކު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭއަށް ޚަރަދުކުރަނީ ބޭކާރު ފައިސާ ނޫންކަމަށާއި އެފައިސާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބުރާ ލިބޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޗެއަރޕަރސަން މުޙައްމަދު އުމަރު މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ރޭ ގެނަސްދިން “މައި ނޭޝަން، މައި ފިއުޗަރ” ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން މަނިކު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހޭދަކުރާ 1 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓް އަނބުރާ ލިބޭނެކަން ޔަޤީންކަމަށާއި، އެކަމާ އެއްވެސް ސުވާލެއްވެސް ނުއުފެދޭކަމަށެވެ.

“ރާއްޖޭގެ އިޤްތިޞާދު ފުޅާކުރެވެން އޮތް ހަމައެކަނި ގޮތަކީ ރާއްޖޭގެ މައިގޭޓު ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުން” – ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީކަމަށްވެސްވާ މަނިކު ވިދާޅުވިއެވެ.

އެއަރޕޯޓް ތަރައްޤީނުކުރެވި ދިގުލައިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، މުޅި އެއަރޕޯޓް އަލުން އެއްކޮށް ބަދަލުކުރަންޖެހިފައިވާކަން އޭނާ ފަހަގަކުރެއްވިއެވެ. މުޙައްމަދު ޢުމަރު މަނިކު ވިދާޅުވީ، އެއަރޕޯޓުގައި މިހާރު ބޭނުންކުރާ ރަންވޭ މިއަދާއި ހިސާބަށްވެސް އޮތްކަމީ ނަސީބެއްކަމަށާއި، ހަޤީޤަތަކީ އެ ރަންވޭއަކީ ގެރެންޓީ ހަމަވެފައިވާ ރަންވޭއެއް ކަމަށެވެ.

“ހުރިހާގޮތަކުން ބެލިކަމުގައި ވިޔަސް، ސަރުކާރުން މި މަޝްރޫޢަށް މި ޙަރަދުކުރަނީ ހަމަ ހައްޤު ފައިސާ.. މިކީ އެއްވެސް ހާލެއްގައި ބޭކާރު ގޮތުގައި ކުރާ އިންވެސްޓްމަންޓެއް ނޫން.. އަނެއްކާ މި ޕްރޮޖެކްޓް ވިލް ޕޭ އިޓްސެލްފް… މިހާރުވެސް އޮޕަރޭޓްކުރަމުންދާ އެއަރޕޯޓެއްގައި، މުޅިން އާ އެއަރޕޯޓެއް އެޅުންފަދަ ކަމެއް މިކުރަނީ..މިއީ އަސްލު ކުޑަކަމެއް ނޫން” މުޙައްމަދު އުމަރު މަނިކު ވިދާޅުވިއެވެ.

މުޙައްމަދު ޢުމަރު މަނިކު ވިދާޅުވީ، އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ވަރަށް ބޮޑަށް ރޭވިގެން މީގެ 40، ނުވަތަ 50 އަހަރާއި ހަމައަށްވެސް ބޭނުންކުރެވޭހެން ހިންގާ މަޝްރޫޢެއްކަމަށެވެ.

މި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ބޯޑު މެންބަރު އަޙްމަދު ނަޒީރު ވިދާޅުވީ، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފީސަބިލިޓީ ސްޓަޑީ ދައްކާގޮތުން، އެ މަޝްރޫޢަށް ޚަރަދުވާ 1 ބިލިއަން ޑޮލަރު 15 އަހަރުގެ ތެރޭގައި އަނބުރާލިބޭނެކަމަށެވެ. އަދި މި މަޝްރޫޢުއަށް ސަރުކާރުން ނަގާފައިވާ ލޯންތައް ދެއްކުމަށް 25 އަހަރުގެ މުއްދަތެއް އެ ފަރާތްތަކުން ސަރުކާރަށްދީފައިވާއިރު، މި އިންވެސްޓްމަންޓަކީ ދިވެހި މާލިއްޔަތުން ޙަރަދުނުކޮށް، ސީދާ އެމްއޭސީއެލަށް ލިބޭ ފައިދާގެ ތެރެއިން ކަވަރކުރެވޭނެ އިންވެސްޓްމަންޓެއްކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

“5 އަހަރުގެ ތެރޭގައި އެމް.އޭ.ސީ.އެލްގެ ސާފު ފައިދާ 450 މިލިއަން ޑޮލަރަށް އަރާފައި މިވަނީ.. އެއީ ވަރަށް ބޮޑު ކުރިއެރުމެއް.. ޖީ.އެމް.އާރގެ ސެޓްލްމަންޓުގައި އަޅުގަނޑުމެން ދައްކަންޖެހުނީ 270 މިލިއަން ޑޮލަރު.. މިހާރު އެ 270 މިލިއަން ޑޮލަރަށްވުރެ އިތުރަށް އަޅުގަނޑުމެންނަށް އާމްދަނީގެ ގޮތުގައި މިވަނީ ލިބިފައި.. އެހެންވީމަ މީގެ ޕްރޮފަޓަބިލިޓީއާމެދު އެއްވެސް ބަޔަކު ޝައްކު ކުރާނެކަމެއް ނެތް.. އިރާދަކުރެއްވިއްޔާ މިހާރު މިދާގޮތަށް ދާނަމަ، މި ލޯނަކީ ސަރުކާރުގެ މާލިއްޔަތުން ނަގާފައި ދައްކަންޖެހޭނެ އެއްޗެއް ނޫން.. އަޅުގަނޑުމެންގެ އޮޕަރޭޝަނުން، ކުންފުންޏަށް ހޯދައިގެން ދެއްކޭނެ އެއްޗެއް” އަޙްމަދު ނަޒީރު ވިދާޅުވިއެވެ.

ރޭގެ ޕެނަލް ޑިސްކަޝަންގައި ނަޒީރުއާ މަނިކުގެ އިތުރުންވެސް ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ވަރުގަދަ ވިޔަފާރިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިހުރިހާ ބޭފުޅުންވެސް ވަނީ ރައީސް ޔާމީންގެ އިޤްތިޞާދީ ސިޔާސަތަށް ތަޢުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޤައުމުގެ މާލީ ޙާލަތު ކޮންމެ ހަފްތާއަކު އެއްފަހަރު ރައްޔިތުންނަށް ހާމަ ކުރާނަން – ރައީސް

ފެށޭ ހަފްތާއިން ފެށިގެން ރާއްޖޭގެ މާލީ ޙާލަތު ކޮންމެ ހަފްތާއަކު އެއްފަހަރު ދިވެހި ރައްޔިތުންނަށް ސަރުކާރުން ޙިއްޞާ ކުރަމުން ...

އައްޑޫ ސިޓީގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓާއި އިތުރު ދެ މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަނީ

އައްޑޫސިޓީގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ހާޝިމް އާއި، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ރަފީޢުއްދީން ...

ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާނުކުރުމުން ކުރާ ޖުރިމަނާގެ ގާނޫނަށް އަމަލު ކުރުން ފަސްކޮށްފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަތައް އެފަރާތްތަކުގެ އެކައުންޓަށް ޖަމާކުރުން މަޖުބޫރުވާގޮތަށް ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކޮށްފިއެވެ. ބިދޭސީންގެ ...