ގއ.ހަގެވިއްލާ ކިޔާ ފަޅުރަށެއް ކައިރީ އޮންނަ ފަރަކަށް ބޯޓެއް އަރައިގެން އެމް.އެން.ޑީ.އެފްގެ ސަދަރން އޭރިއާ ކޯސްޓް ގާޑް ސްކޮޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމް.އެން.ޑީ.އެފުން ބުނީ މިހާދިސާގެ ޚަބަރު އެމް.އެން.ޑީ.އެފަށް ލިބުނީ ޖުލައި 25 ވަނަދުވަހުގެރޭ 11:30 ހާއިރުކަމަށެވެ. އެސަރަހައްދުގައި ކޯސްޓް ގާޑް ހަރަކާތްތެރިވަމުންދާއިރު ދުރުން ބަލާއިރު ބޯޓުން އެއްވެސް މީހެއްގެ ހިލަމެއް ނުވާކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތު ދެއެވެ. ބޯޓު ތެރޭގައި ބަޔަކު ތިބިތޯ ޔަޤީންކުރުމަށް ބޯޓަށް އެރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ފަރަށް އަރާފައިވާ ބޯޓަކީ ބޭރު ޤައުމެއްގެ ބޯޓެއްތޯ ނޫނީ ދިވެހި ކުންފުންޏެއްގެ ބޯޓެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭރު ބޯޓުތައް ފަރަށް އަރައިގެން ރިޕޯޓްކުރަމުން ދެއެވެ. އެގޮތުން ދާދިފަހުން ވަނީ ހއ. އުލިގަމު ކައިރީ އޮތް ފަރަކަށް އިރާނުގެ ބޯޓެއް އަރައިގެން އެމް.އެން.ޑީ.އެފުން ހަރަކާތްތެރިވެފައެވެ. އަދި އެބޯޓުގައި ހުރި މަސްތުވާތަކެތި އެ ސަރަހައްދުގެ ރަށްތަކަށް ލައްގާފައިވެސް ވެއެވެ.
ކޮމެންޓްސް (0)