މިނިވަން ކަމުން އަޅުވެތި ކަމަށް ދާނަންތަ؟

މިއަދު މުޅި ދިވެހިރާއްޖެ މިދަނީ މި ފަސްގަނޑަށް ފުރިހަމަ މިނިވަން ކަން ލިބުނުތާ 53 އަހަރު ފުރުމުގެ އުފާވެރި މުނާސަބާ ފާހަގަކުރަމުންނެވެ.

މަގުތައް މައްޗަށް ނިކުމެ ބަލާލި ކޮންމެ ދިމާލަކުން މިއަދު ފެންނަނީ ޤައުމީ ވަންތަކަމާ ޤައުމީ ކުލަތައް ރަމްޒުކޮށްދޭ ކުލަވަރުތަކެވެ. ޤައުމަށް މިއައި މިނިވަން ނޫރާނީ އާއެކު އަޅުގަނޑުމެން ހަނދާން އާ ކޮށްލަން ޖެހެނީ ހިތްވަރުގަދަ އަބްޠާލުން އަޅުގަނޑުމެންނަށް މިނިވަންކަން ގެނެސްދެއްވަން ކުރެއްވި މަތިވެރި ޖިހާދުތަކެވެ.

ސުވާލު އުފެދެނީ އެބޭފުޅުން ޤައުމަށްޓަކައި އޮހޮރުވި ލޭގެ ބަދަލު އަޅުގަނޑުމެންނަށް ދުވަހަކުވެސް އަނބުރާ ރައްދު ކުރެވޭނެ ބާއެވެ؟

އެހެންކަމުން އެބޭފުޅުން ދެއްކެވި ރިވެތި މިސާލުން މިސާލު ނަގައިގެން ނަމޫނާ ދަރިންތަކަކަށް މިއަދު ކޮންމެ ދިވެއްސަކުވެސް ވާން މަސައްކަތް ކުރަން ޖެހެއެވެ.

ބޭރު ކަރަކަރައިގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން އަޅުގަނޑުމެންގެ ޤައުމާ މެދު ފިޔަވަޅު އަޅާފާނެތީ ބިރުން ބަހެއް ބުނަން ނުކެރި ކިއްލާތެރޭ ވަދެ ފިލާ ތިބޭ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެއެވެ. ކޮންމެ ބަޔަކާ ދެކޮޅަށް ނަމަވެސް ނުކުމެ ހައްޤުބަސް ބުނަން އަޅުގަޑުމެންނަށް ކެރެން ޖެހޭނެއެވެ. އެއީ އަޅުގަނޑުމެންގެ ކާބަފައިންވަނީ މި ފަސްގަނޑުގެ ދިފާޢުގައި، މިނިވަންކަމުގެ ދިފާޢުގައި ޙައްޤުބަސް ބުނެ އެވަރުން ނުފުދުނީމާ އެބޭފުޅުންގެ މޭ ޤައުމަށްޓަކައި އައްޑަނައަކަށް ވެސް ދިއްކޮށްލާފައެވެ.

1887 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހާއި 23 ވަނަ ދުވަހު، ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްޠާން މުޙައްމަދު މުޢީނުއްދީން ދެވަނަ އާއި އިނގިރޭސީންގެ ޢިއްޒަތްތެރި ކުއީން ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސަރ އޭ.އެޗް.ގޯޑްން އާއި ދެމެދު، ދެޤައުމުގެ ދެމެދުގައި ކުރެވުނު މުޢާހަދާއެއްގެ ދަށުން ރާއްޖެ އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށަށް ދިޔައެވެ.

އެމުޢާހަދާގައިވާ ގޮތުން ރާއްޖޭގެ ޚާރިޖީ ކަންތައްތައް ހިންގާނީ އިނގިރޭސި ދައުލަތް މެދުވެރިކޮށްގެންނެވެ. ރާއްޖެއަކީ އިނގިރޭސިންގެ ހިމާޔަތް ލިބިގެންވާ ޤައުމެއްގެ ގޮތުގައެވެ. އެއާއެކު ރާއްޖޭގެ ދާޚިލީ ހުރިހާކަމެއް ހިންގުމުގެ ފުރިހަމަ އިޙްތިޔާރު ރާއްޖެއަށް ލިބިގެންވެއެވެ. އަދި ދާޚިލީ ކަންތައްތަކާ އިނގިރޭސިންނެއް ނުބެހޭނެއެވެ. އެހެން ކަމާއެކުވެސް ރާއްޖޭގެ ތަޚްތަށް އިސްކުރެވޭ ރަސްކަލަކު އެމަޤާމު ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން އިނގިރޭސި ސަރުކާރަށް އެކަން އަންގައި އެ ސަރުކާރުން އެރަސްކަލެއް ޤަބޫލުކުރަން ޖެހެއެވެ. އަދި އޭރުވެސް އިނގިރޭސި ދައުލަތަށް ރާއްޖެއިން ފޮނުވާ ޖިޒީއެއް ކޮންމެ އަހަރަކު ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރަށް ފޮނުވަމުން ގެންދެއެވެ.

1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ކުރެވުނު އެގްރީމެންޓަކުން ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ޤަބޫލު ކުރިއެވެ.

އަދި ސިޔާސީ ގޮތުންނާއި، އެހެނިހެން ވެސް ގޮތްގޮތުން ހުރިހާ ޤައުމަކާ އަދި އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ސީދާ އަމިއްލައަށް ގުޅުން ހިންގުމުގެ ޙައްޤު ދިވެހިރާއްޖެއަށް ލިބުނެވެ. މި ތާރީޚީ އެގްރީމެންޓްގައި ސޮއިކުރެވުނީ އެދުވަހު ހެނދުނު މާލޭ ގަޑިން 10 ޖެހިއިރު ކޮޅުނބުގައި ހުންނަ އިނގިރޭސި ދައުލަތު ހައިކޮމިޝަންގައެވެ.

ރާއްޖޭގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ބޮޑުވަޒީރު އަލްފާޟިލް އިބްރާހީމް ނާޞިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ.

ކޮންމެއަކަސް މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދާ މިނިވަން ދުވަހުގެ އަސްލަކީ މިއީ ކަމުގައިވީ ނަމަވެސް ރާއްޖޭގެ މިނިވަންކަމާ އިސްތިޤުލާލާ ތޮޅެން ބޭރުގެ އެކި ފަރާތްތަކުން އެކި ފަހަރު މަތިން ދިމާކޮށްފައިވާއިރު، މިއިން ކޮންމެ ފަހަރަކުވެސް ދިވެހި ޤައްދާރުންގެ ބަޔެއްގެ އަތެއް އެކަމުގައި ވެއެވެ. ދިވެހި ތާރީޚަށް އަވަސް ނަޒަރަކުން ކަޅިއުކާއިރު ފެންނަންހުރި ހެކިތަކާއި ލިޔުންތަކުގެ މައްޗަށް ބުރަވެލާއިރު ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލަށް ދިމާވެފައިވާ ކޮންމެ ބަދުނަސީބެއްގެ ބައިވެރިއެއްގެ ނުވަތަ އެހީތެރިއެއްގެ ބައިކުޅެފައިވަނީ ކޮންމެވެސް ދިވެއްސެކެވެ. ނުވަތަ ދިވެހިންގެ ބައެކެވެ.

އެގޮތުން މަލާބާރިންނާ ހޮޅިންނާ އަދި ޕޯޗުގީޒުން ގެ ވެރިކަންވެސް ރާއްޖޭގައި ކުރެވުނީ ދިވެހި ފަސްގަނޑަށް ޤައްދާރުވި ދިވެހި ދަރިންތަކެއްގެ ސަބަބުންނެވެ. މީގެ އިތުރުން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެ އަށް އައި ޢުދުވާނީ ހަމަލާއަކީ ދިވެހިގެ ބަޔަކާ ވެގެން ބޭރު ބަޔަކު ރާވާއިގެން ދިން ހިތްދަތި ހަނދާނުން ފޮހެލަން ދަތި ޙާދިސާއެކެވެ.

ކޮންމެ އަކަސް މިއަދު އަނެއްކާވެސް އަޅުގަޑުމެންގެ މި މިނިވަން ފަސްގަނޑުން މިފަދަ ކަންކަމުގެ އަސަރު ފެންނަން ފަށައިފިއޭ ބުނުމަކީ ދޮގަކަށް ވާނެ ހެންނެއް ހިއެއް ނުވެއެވެ. އެހެނީ ބޭރުގައި ފިލާ ތިއްބަވައިގެން ދިވެހި ދަރިންތަކެއް ދަނީ ބޭރުގެ އެކި ޖަމްޢިއްޔާ ޖަމާޢާތްތަކާ ގުޅިގެން ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ކެނޑިނޭޅި ގޮވަމުންނެވެ.

21 ވަނަ ޤަރުނުގެ ނުވަވަނަ ހަސަން ރަސްގެފާނުންނާ 21 ވަނަ ޤަރުނުގެ ކަޅު މުޙަންމަދު ރަސްގެފާނުން ޤައުމަށް އުފަން ވެޑައިގެންފައިވާ މަންޒަރު މިއަދު އަޅުގަޑުމެން މި ބަލަނީ ލޮލުން ކަރުނަ ފާއްދާލައިގެން ތިބެއެވެ.

މިފަދަ ބަޔަކީ އަޅުގަނޑުމެންނަށް ހެޔޮ އެދޭ ބައެއް ކަމުގައި ބަލައިގަންނާނީ ކިހިނަކުން ހެއްޔެވެ؟ ނަމަވެސް ހިތާމަޔަކީ އަޅުގަނޑުމެންގެ ތެރޭގައި އެފަދަ ބޭފުޅުންނަށް ބައިޢަތު ހިފާ ބަޔަކު މަދުން ނަމަވެސް ތިބިކަމެވެ.

އެފަދަ ބޭފުޅުން ކުރެން އަހާލަން ބޭނުންވަނީ އެންމެ ސުވާލެކެވެ. “މިނިވަން ކަމުން އަޅުވެތި ކަމަށް ދާނަން ހެއްޔެވެ”؟

ބުނެލަން އޮތީ އެންމެ ވާހަކައެކެވެ. މަގޭ ދީނާ މަގޭ ޤައުމާ ނުކުޅެއްޗެވެ، ތާރީޚު ބަލާ، ކަންކަން އެނގި ތިބެ ޤައުމަށް ޣައްދާރު ނުވާށެވެ.

މަސްދަރު: ޚަބަރު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020 : ހަންގޭރީއާ އެއްވަރުވެ ޖަރުމަނު ގަދަ 16 އަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ހަންގޭރީއާ އެއްވަރުވެ ގްރޫޕް އެފްގެ ދެވަނަ ޓީމަކަށް ހޮވި ޖަރުމަނު ގަދަ 16 ...

” މިނިވަން ކަޕް ” ފުޓްސަލް މުބާރާތް – އައްޑޫގެ ފުޓްބޯޅައިގެ ދިރުން

މިފަހަކަށް އައިސް އައްޑުއަތޮޅުގައި ބޭއްވޭ އެންމެ ފޯރިގަދަ އެންމެބޮޑު ، އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތަކީ ކޮންމެ އަހަރެއްގެވެސް ...

ރައީސް ޞާލިހު އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް މަރުޚަބާ ދަންނަވައިފިއެވެ. ރައީސް ޞާލިހު ކުރެއްވި ޓުވީޓުގައި ...