ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ތަމްސީލުކުރާ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގ މޭޓަކަށް ވުމަށް އިދިކޮޅު ފަރާތްތަކުން ދަޢުވަތު ދިންކަމަށާ، އެހެންނަމަވެސް ވަގުތުން އެކަމަށް އިންކާރުކުރައްވާފައިވާނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގ މޭޓު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މާލޭގައި ދިރިއުޅުއްވާ ހުވަދުއަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ޕީޕީއެމްގެ “ރުމާލު 2” ޖަގަހައިގައި ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ ދާދިފަހުން ސިޔާސީ ޕާޓީއަކުން އެކުލަވާލެއްވި ހިޔަނި ކެބިނެޓަށް އެމަނިކުފާނު ވަޑައިގަތުމަށްއެދި ދަޢުވަތު ލިބިވަޑައިގަތްކަމަށެވެ. ނަމަވެސް އެ ދަޢުވަތު ލިބިވަޑައިގަތުމާއިއެކު އެކަމަށް ވަގުތުން އިންކާރު ކުރެއްވި ކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ. އެ ދަޢުވަތަށް އިންކާރު ކުރެއްވުމުން، އިދިކޮޅު ފަރާތްތައް ތަމްސީލުކުރުމަށް ނުކުންނަވާ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގ މޭޓަކަމަށް ވުމަށްވެސް ދަޢުވަތު ލިބިވަޑައިގަތްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
” ދާދިފަހުން ސިޔާސީ ޕާޓީއަކުން ހިޔަނި ކެބިނެޓެއް ޢިއުލާންކޮށްފައިވެސް އެކިބިނެޓު އުވާލައިފި. މިކެބިނެޓަށް ދިއުމަށްވެސް އަޅުގަނޑަށް ދަޢުވަތުދިން. އަޅުގަނޑުދެންނެވިން، ހޯހޯއޭ ތިޔަތަނަކަށް އަޅުގަނޑެއް ނުދާނަމޭ. ރަނިންމޭޓަކަށް އަންނަންވީ ނޫންހެއްޔޭވެސް އަޅުގަނޑުގާތުގައި އެހި. (އިދިކޮޅު ފަރާތްތަކުގެ) އިސް މީހުންހަމަ. އަޅުގަނޑު ދެންނެވިން، ހޯހޯއޭ ތިޔަތަނަކަށް އަޅުގަނޑު ނުދާނަމޭ. މީހުން ވަންނަން ހެޔޮވާވަރުގެ ތަންތަނެއްނޫނޭ އެއީ. އެމީހުން އެމަސައްކަތްކުރަނީ ބޭރުގެ ނޫފޫޒުތަކާއެކު. އެހެންވީމާ ހަޤީގަތުގައި ރާއްޖޭގައި މިވަގުތު ނެތް އިދިކޮޅު ޕާޓީއެއް.”
ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓުކަން އެމަނިކުފާނަށް ދެއްވުމަށް ރައީސް ދެއްވި ދަޢުވަތު އެއްވެސް ޝަރުޠަކާއި ނުލައި ޤަބޫލުފުޅުކުރައްވާފައިވާނެކަމަށެވެ. ޑރ.ޝަހީމް ވަނީ ރައީސް ޔާމީނުގެ ރަނިންމޭޓުކަން އެމަނިކުފާނަށް ލިބިވަޑައިގަތުމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ރިޔާސީ އިންތިޚާބު ނިމުމާއިއެކު ރައީސް ޔާމީން ޑރ.ޝަހީމް ސަރުކާރުން އެކަހެރިކުރައްވައި މަޤާމުން ދުރުކުރައްވާނެކަމަށް އިދކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށްވެސް ޑރ.ޝަހީމް ވަނީ ރައްދުދެއްވާފައެވެ.
” އެމަނިކުފާނު (ރައީސް ޔާމީން) ހުށަހެޅުއްވީ އެމަނިކުފާނާއެކު ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ކަންކަން ޤާއިމުކުރުމަށް އެހީވުމަށް އައުމަށް. އިސްލާމްދީނުގެ ކަންކަން ޤާއިމުކުރުމަށް އެހީވުމަށް އައުމަށް މީހަކު ބުނީމާ، އެކަން ޤަބޫލުނުކުރުމަކީ ބޮޑު ފާފައެއްނޫންތޯ؟ އަދި ޤައުމުގެ ވަލިއްޔުލްއަމްރު، މިވަގުތު ޤައުމުގެ ވަލިއްޔުލްއަމްރު މިއެދެނީ، ތިމަންމަނިކުފާނަށް އެހީވުމަށް އަންނާށޭ، އިސްލާމްދީނުގެ ކަންކަން ރާއްޖޭގައި ޤާއިމުކުރުމަށް. އެހެންވީމާ އެކަން އެއްވެސް ޝަރުޠެއްނެތި ޤަބޫލުކޮށްގެން އަޅުގަނޑު މިހިރީ.”
ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ އެމަނިކުފާނު ވަރަށް އަވަހަށް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއާ ރަސްމީކޮށް ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
މަސްދަރު: ޕީއެސްއެމް
ކޮމެންޓްސް (0)