ފެނަކަ ކޯޕަރޭޝަންސް ލިމިޓެޑުން އެ ކުންފުނީގެ މުވައްޒަފުންގެ އާއިލާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޤުރުއާން މުބާރާތް ފަށައިފިއެވެ.
މި މުބާރާތް ފައްޓަވައިދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަމްއާން ވިދާޅުވީ މިފަދަ މުބާރާތެއް ބާއްވަން އެންމެ ރަނގަޅު މަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވި މާތްވެގެންވާ ރަމަޝާން މަސް ކަމަށާއި މި މަސްތެރޭގައި ޤުރުއާން މުބާރާތެއް ބޭއްވުމީ ފެނަކަ އެކަމާމެދު ފަޚުރުވެރިވާ ކަމެއްކަމަށެވެ.
އުމުރުން ތިން އަހަރާއި ސޯޅަ އަހަރުގެ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ޤުރުއާން މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ފެނަކައިގެ މުވައްޒަފުންގެ ދަރީންނަކަށް މީގެ ކުރިން ފެނަކައިން ވަނީ ބުނެފައެވެ. މި މުބާރާތުގައި ފެނަކައިގެ އެކިއެކި ބްރާންޗުތަކުން ޖުމްލަ 31 ދަރިވަރުން ބައިވެރިވިނަމަވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން މި އަދަދު މަދުވެފައިވާކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ކުރިއަށްގެންދާ މި މުބާރާތަކީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް ކުޑަކުދިންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކޮށް ޤުރުއާނަށް ލޯބި ޖައްސައި ޅަދަރިންގެ ހިތުގައި ޤުރުއާން ކިޔެވުމުގެ ރޫހު އާލާކުރުމުގެ މަޤްސަދުގައި ފެނަކައިން ކުރިއަށްގެންދާ މުބާރާތެކެވެ.
މިއީ ފެނަކައިން އެ ކުންފުނީގެ މުވައްޒަފުންގެ ދަރިންނަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ މުބާރާތައް ވީނަމަވެސް އަންނަ އަހަރުވެސް މިފަދަ މުބާރާތެއް ބާއްވަން ނިންމާފައިވާކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.
ކޮމެންޓްސް (0)