ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އިޚްތިރާމާއި ލޯބި ހޯއްދަވާފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢަބުދުލް މަޖީދު ޢަބުދުލް ބާރީގެ ޖަނާޒާ ބުދަދުވަހު ( މިއަދު ) މެންދުރު ނަމާދަށް ފަހު ސްރީ ލަންކާގައި ބޭއްވުމަށް އާއިލާ އިން ނިންމައިފި އެވެ.
ޑރ. ޢަބުދުލް މަޖީދު ޢަބުދުލް ބާރީ އަވަހާރަވީ، ބައްދަލުވުމަކަށް ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށް، މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހުމުން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް، އަންގާރަދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ޑރ. ބާރީގެ ހާލު ސީރިއަސްވުމުން ތިން އޮޕަރޭޝަނެއް ކުރިއިރު، އެންމެ ފަހުން އޭނާ ބާއްވާފައި އޮތީ ވެންޓިލޭޓަރެއްގެ އެހީގަ އެވެ
ޑރ. މަޖީދުގެ އާއިލާ އިން ބުނި ގޮތުގައި ޖަނާޒާ އޮންނާނީ ލަންކާގެ ޖާވައްތަ ޖުންމާ މިސްކިތުގަ އެވެ. އަދި މޫނު ދެއްކުން މިއަދު ހެނދުނު ( ބުދަދުވަހު ހެނދުނު ) 10:00 އިން ފެށިގެން މިސްކިތުގައި އޮންނާނެ ކަމަށް އާއިލާ އިން ބުންޏެވެ.
ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޑރ. މަޖީދުގެ އާއިލާ އިން އެދެ އެވެ.
ޑރ. މަޖީދު އަވަހާރަވިއިރު، އޭނާގެ އަނބިކަނބަލަކާއި ފަސް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މަޖީދަކީ ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ޑރ. މަޖީދު އަވަހާރަވިއިރު ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާގެ މަގާމުގަ އެވެ.
ރާއްޖޭގައި އިސްލާމްދީން ކުރިއަރުވައި ދީނަށް ދިވެހިން ހޭލުންތެރި ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މަޖީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސް ވެސް މެ އެވެ.
ޑރ. މަޖީދު އަވަހަރާވުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވަނީ އާއިލާ އަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި ސިޔާސީ ބައެއް ބޭފުޅުންނާއި ގިނަ އަދަދެއްގެ މީހުން ދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.
ކޮމެންޓްސް (0)