އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ މެޗްތައް މިއަދު ފަށައިފިއެވެ.
ހިތަދޫ ސްޓޭޑިއަމްގައި މިއަދު ހަވީރު ފެށުނު މިމުބާރާތުގެ ފުތަރަމަމެޗްގައި ސ. އަތޮޅުމަދަރުސާގެ ޓީމާއި ޝަރަފުއްދީން ސްކޫލްގެ ޓީމް ބައްދަލުކުރިމެޗް ނިމިގެންގޮސްފައިވަނީ 3 ލަނޑު 3 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.
ދެޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ 25 ވަނަ މިނިޓްގައި ސ. އަތޮޅުމަދަރުސާޓީމްގެ ކީޕަރަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެން ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ހޯދީ ޝަރަފުއްދީން ސްކޫލްގެ ޓީމެވެ. ޝަރަފުއްދީން ސްކޫލްޓީމުން ކާމިޔާބުކުރި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒަކުވާން ޝާކިރެވެ.
މިމެޗްގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ 1 ލަނޑު 0 ލަނޑުން ޝަރަފުއްދީން ސްކޫލް ލީޑުގައި އޮވެގެންނެވެ.
ދެވަނަ ހާފްގެ ކުޅުން ފަށައިގެން މެޗްގެ 46 ވަނަ މިނިޓްގައި ސ. އަތޮޅުމަދަރުސާގެ ރައްޔާނުވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ސ. އަތޮޅުމަދަރުސާގެ ޓީމުން ލެއްޖަހާ މެޗްގެ ނަތީޖާ ހަހަމަކުރީތާ 5 މިނިޓްފަހުން މެޗްގެ 51 ވަނަ މިނިޓްގައި ސ. އަތޮޅުމަދަރުސާޓީމްގެ ޕެނަލްޓީ އޭރިޔާ ރޮނގުމަތިން ޝަރަފުއްދީން ސްކޫލްޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުގެ އަހުމަދު ޔުސްރު ފޮނުވާލި ބޯޅައަކުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ދެވަނަ ފަހަރަށް ޝަރަފުއްދީން ސްކޫލްޓީމުން މެޗްގެ ލީޑު ހޯދިއެވެ. މިލަނޑަކީވެސް ސ. އަތޮޅުމަދަރުސާޓީމުގެ ކީޕަރަށް ހެދުނު މިސްޓޭކަކުން ޝަރަފުއްދީން ސްކޫލްގެ ޓީމަށް ކާމިޔާބުކުރެވުނު ލަނޑެއްކަމުގައި ފާހަގަކޮށްލަންޖެހެއެވެ. އަދި އޭގެ 3 މިނިޓްފަހުން 56 ވަނަ މިނިޓްގައި ޝަރަފުއްދީން ސްކޫލްގެ ޒަކުނާން ޝާކިރުވަނީ އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗްގައި ސ. އަތޮޅުމަދަރުސާގެޓީމުން ކާމިޔާބުކުރި 2 ވަނަ ލަނޑު 59 ވަނަ މިނިޓްގައި ޝަރަފުއްދީން ސްކޫލްގެ 4 ކުޅުންތެރިއަކު ކަޓުވާލުމަށްފަހު އެޓީމުގެ ޕެނަލްޓީ އޭރިޔާގެ ތެރެއަށް ވަދެ ވަރަށް ބާރަށް ފޮނުވާލި ބޯޅައަކުން ކާމިޔާބުކޮށްދީފައިވަނީ ރައްޔާނެވެ.
އަތޮޅުމަދަރުސާއިން މިމެޗްގައި ކާމިޔާބުކުރި 3 ވަނަ ލަނޑު އެޓީމުން ކާމިޔާބުކުރެވިފައިވަނީ ޝަރަފުއްދީން ސްކޫލްގެ ކުޅުންތެރިއަކަށް މެޗްގެ 63 ވަނަ މިނިޓްގައި ރެފްރީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައިވަނިކޮށް މެޗްގެ 75 ވަނަ މިނިޓްގައެވެ. މިލަނޑު ޝަރަފުއްދީން ސްކޫލް ޕެނަލްޓީއޭރިޔާގެ ބޭރުން ފޮނުވާލި ބޯޅައަކުން އަތޮޅުމަދަރުސާއަށް ކާމިޔާބުކޮށްދީފައިވަނީ ސަހާފެވެ.
ކޮމެންޓްސް (0)