ދިވެހިން މި ފަހުގައި ދުށް އެންމެ ހައިރާން ކުރުވަނިވި ޙުކުމް، އެކެއް ފެބްރުއަރީ 2017 ގައި ސުޕްރީމު ކޯޓުން ނެރުމަށާއި އަދި އެކެއް ފެބްރުއަރީ ގެންނަން ބަޔަކު ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ފެބުރުވަރީ އެއްވަނަ ދުވަހުގެ އަމުރާ ގުޅިގެން ފުލުހުން ތަޙުޤީޤުކުރި މައްސަލަތަކަށް ދައުވާކުރުމަށް ފޮނުވާ އެއޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާ ޚިލާފަށް ވައްޓާލުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ ކޯޓުތަކާއި ސަލާމަތީ ބާރުތައް ހިމެނޭގޮތަށް ދަޢުލަތުގެ އެކިއެކި މުއައްސަސާތަކަށް ނުފޫޒު ފޯރުވައި ރިޝްވަތު ދީ، އެތަންތަނުގެ މަސައްކަތްތައް ބުރޫ އަރުވާފައިވަނީ ދުރާލައި ރޭވިގެންކަން ސާފުކުރެވިފައިވާކަމަށެވެ.
އެގޮތުން ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރުގެ އެނދުގެ ގޮދަޑި ދަށުން 350،000 ރުފިޔާ ފެނިފައިވާކަމަށާއި އޭނާގެ ކޮޓަރިތެރެއިން ވިލާ ޝިޕިންގ ކުންފުނީގެ އެމްޑީ، އިބްރާހީމް ސިޔާދު ޤާސިމް ސޮއިކޮށްފައިވާ ސިޓީއެއް ފެނިފައިވާކަމަށް ބުނެފައިވެއެވެ. އެސިޓީއިން އެނގޭ ގޮތުގައި ސަރުކާރު ވައްޓާލުމުގައި ބައިވެރިވި ބައެއް ފަރާތްތަކަށް ބޭރު ޤައުމުތަކުން ޕްރޮޕަޓީ ގަންނަން 2.4 މިލިޔަން ޑޮލަރު ދީފައިވާކަން އެނގޭކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި މީގެ އިތުރުން މި ޕްރޮޕަޓީތައް ހުރި ޤައުމުތަކަށް، އެތަންތަން ބަލައި މަޝްވަރާތައް ކުރުމަށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި އެޑްމިނިސްޓްރޭޓަރު ދިޔަކަމަށްވެސް ބަޔާނުގައި ވެއެވެ.
މި ބަޔާނުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުން، އޮންނަ އުސޫލުތަކާ ޚިލާފަށް، އޭރު ފުލުހުންގެ ކޮމިޝަނަރަކަށް ހުންނެވި އަޙުމަދު އަރީފުވެސް، ފެބުރުއަރީ އެކެއްގެ އަމުރަށް ބާރު ލިއްބައިދިނުމަށްޓަކައި އަރީފް ބޭނުންވާ ވަކި ބަޔަކު ހޮއްވަވާ، އެކި ތަންތަނުގައި ތިއްބެވި އެކި ފުލުހުން އެއްތަނަކަށް ގެނެސް، ފުލުހުންގެ އޮޕަރޭޝަނަށް ބަދަލުތަކެއް ގެނެސްފައިވެއެވެ.
ރާއްޖޭގައި އުފެދިފައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލަން ދުރާލާ ބަޔަކު ތައްޔަރު ވިއިރު، އެކެއް ފެބުރުއަރީގައި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ދައުވާ ކުރަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީށާއި، ފަނޑިޔާރު އަލީ ހަމީދަށާއި، ޑީޖޭއޭ ގެ ކުރީގެ ވެރިޔާ ހަސަން ސައީދު އަށާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށާއި، ދިއްގަރު ދާއިރާގެ މެމްބަރ ފާރިސް މައުމޫނަށާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، މައްޗަންގޮޅީ ދެކުނު ދާއިރާ މެމްބަރު އަބްދުﷲ ސިނާނަށާއި، ދަނގެތީ ދާއިރާގެ މެމްބަރ އިލްޙާމް އަޙުމަދަށާއި، ކުރީގެ ސީޕީ އަޙުމަދު އަރީފަށާއި، ޔުމްނާ މައުމޫނުގެ ފިރިކަލުން އަހުމަދު ނަދީމްގެ އިތުރުން ވިލާ ޝިޕިންގެ އެމްޑީ އަދި ޤާސިމްގެ ދޮށީ ދަރިކަލުން އަހުމަދު ސިޔާދު ގާސިމަށެވެ.
ކޮމެންޓްސް (0)