މީސް މީޑިޔާ މެދުވެރިކޮށް ހިނގަމުންދާ މައްސަލަ ތަކުގެ ވާހަކަ ފުލުހުންގެ ތެރެއިން ، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހޯދިކަމަށް ޕްރޮސިކިއުޓާ ޖަނަރަލްގެ ފަރާތުން ކުރިމިނަލް ކޯޓުގައި ބުނެފި އެވެ.
ރިޔާޒުގެ މައްޗަށް އެންމެ ފަހުން އުފުލި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތް އިއްޔެ ފަށާފައިވާއިރު، މައްސަލާގައި ފުރަތަމަ ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވާފަ އެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ މީސް މީޑިއާ މެދުވެރިކޮށް އެކި ރޭންކްތަކުގެ ފުލުހުންނާ ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލުކޮށް އެކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައި މުއާމަލާތްތައް ކޮށްފައިވާ ކަމަށެވެ.
ދައުވާ އިއްވުމުން ރިޔާޒު ވަނީ ދައުވާ ސާފުވެއްޖެ ކަމަށާއި އެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވަކީލަކު ހޯދަން އެކަށީގެންވާ ފުރުސަތު ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.
މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ރިޔާޒަށް ދެއްވީ ފަސް ދުވަހެވެ.
ދެން އޮންނަ އަޑުއެހުމެއްގައި ދައުވާއަށް ޖަވާބުދާރީވުމަށް ތައްޔާރުވެގެން ވަޑައިގަތުމަށް ރިޔާޒަށް ގާޒީ އެންގެވި އެވެ.
މި ދައުވާ ރިޔާޒުގެ މައްޗަށް ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ރިޔާޒުގެ މައްޗަށް މީގެ ކުރިން ގާނޫނު ތަންފީޒު ކުރަން ހުރި މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ދައުވާ އުފުލި އެވެ. އެ ދައުވާ އުފުލީ، ތަހުގީގަށް ރިޔާޒުގެ ފޯނު ހިފެހެއްޓުމުން ޕިން ކޯޑް ދީފައިނުވާތީ އެވެ.
އަދި މީގެ އިތުރުން އިދިކޮޅު 12 މަޖިލިސް މެންބަރުންނާއެކު ވެސް ރިޔާޒުގެ މައްޗަށް ވަނީ ދައުވާއެއް އުފުލާފަ އެވެ. އެއީ ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައިވަނީ، ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް އެ މެންބަރުން ވަދެފައިވާ މައްސަލައިގަ އެވެ.
ކޮމެންޓްސް (0)