ފާއިތުވި އަށް މަސް ދުވަހު ފެނަކައިގެ ޚަރަދުން 60 އިންސައްތަ ކުޑަކުރެވިއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ފެނަކައިގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައް މީޑީއާއާއި ހިއްސާކުރުމަށް 24 ސެޕްޓެމްބަރ 2024 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި މުއާޒް ވިދާޅުވީ 2023 ވަނަ އަހަރުގެ ޖެނުއަރީން އޮގަސްޓުގެ ނިޔަލަށް އެކުންފުނީގެ ހިންގުމުގެ ޚަރަދުތައް ހުރީ 150.6 މިލިޔަން ރުފިޔާގައެވެ. ނަމަވެސް 2024 ވަނަ އަހަރު ފާއިތުވި މުއްދަތުގައި ފެނަކައިގެ ހިންގުމުގެ ޚަރަދަކީ 59.9 މިލިޔަން ރުފިޔާ ކަމަށާއި އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %60 ގެ ކުޑަވުމެއްކަން މުއާޒް ފާހަގަކުރެއްވި އެވެ.
މުއާޒް އިތުރަށް ވިދާޅުވީ، ޚަރަދު ކުޑަކުރުމަށް ވަރަށް ގިނަ ދާއިރާތަކުން މަސައްކަތް ކުރެވި އެކަން ކާމިޔާބު ވެސް ވެފައިވާ ކަމަށާއި އެގޮތުން، މީގެ ކުރިން ސީއެސްއާރުގެ ގޮތުގައި ގަސްތުގައި ބޭކާރު ޚަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. މިއާއި އެކު އައު މެނޭޖްމެންޓުން ކުންފުންޏާ ހަވާލުވެ، ފުރަތަމަ ކަމަކަށް ވެސް ކޮށްފައިވާނީ ސީއެސްއާރުގެ ދަށުން ޚަރަދުކުރަމުންދިޔަ ކޮމްޕޯނަންޓް އެއްކޮށް މަޑުޖައްސާލުން ކަން މުއާޒް ހާމަކުރެއްވި އެވެ.
“މިދިޔަ އަހަރު 9.3 މިލިއަން ރުފިޔާ ޚަރަދުކުރެވުނު, ނަމަވެސް މި ހިނގާ 2024 ވަނަ އަހަރުގެ އެމުއްދަތުގެ ތެރޭގައި އެކަމަށް ޚަރަދުކުރެވިފައި ވަނީ 174،000 ރުފިޔާ” މުއާޒް ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ ދެން އެންމެ ބޮޑު ޚަރަދެއް އެ ކުންފުނިން ސަލާމާތްކޮށްފައިވަނީ ކުންފުނީގެ ލޮޖިސްޓިކް ނުވަތަ ކުންފުނިން މުދަލާ ވަސީލަތްތައް އުފުލުމަށް ކުރަންޖެހޭ ކަނޑު ދަތުރުތަކުން ކަމަށެވެ. އެގޮތުން 2023 ގެ މި މުއްދަތުގައި 74.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި ހިނގާ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ދަތުރުފަތުރަށް ޚަރަދުކުރީ 11.7 މިލިޔަން ރުފިޔާކަން މުއާޒް ފާހަގަކުރެއްވި އެވެ.
” މިހާތަނަށް ކުންފުނިން ކުރާ ލޮޖިސްޓިކް ދަތުރުތަކުގެ %84 ހޭދަ ވަނީ ކުޑަކުރެވިފައި ” މުއާޒް ވިދާޅުވިއެވެ.
މުއާޒް ވިދާޅުވި ގޮތުގައި، ބައެއް ހާލަތްތަކުގައި މަހެއްގެ ތެރޭގައި ފަސް ވަރަކަށް ދަތުރު ކުރަން ޖެހޭއިރު، އެފަދަ ކޮންމެ ދަތުރަކަށް ވެސް އޭރުގެ މެނޭޖްމެންޓުން ފައިސާ ދައްކަނީ ވަކިންނެވެ. އެހެން ނަމަވެސް، މިހާރު އެކުންފުނިން ބޯޓެއް ނަގައި، އެ ބޯޓަށް ފައިސާ ދައްކަނީ މަހުގެ އުސޫލުން 420،000 ރުފިޔާ ކަމުގައި މުއާޒް ވިދާޅުވިއެވެ.
މި ހަރަދުތަކުގެ އިތުރުން ދެން އެންމެ ބޮޑު ހަރަދެއް ފެނަކައިން ކުރަމުން ދިޔައީ އެކުންފުނީގެ މުވައްޒަފުންގެ މުސާރައަށެވެ. އެގޮތުން މިދިޔަ އަހަރުގެ މިހާތަނަށް 86 މިލިއަން ރުފިޔާ ޚަރަދުކުރެވުނުކަން ފާހަގަކުރައްވައި މުއާޒް މި އަހަރުގެ މިހާތަނަށް ޚަރަދުކުރެވުނީ 73 މިލިއަން ރުފިޔާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަނަކީ އައު ސަރުކާރު ހަވާލުއިވިއިރު އެންމެ ބޮޑު ގެއްލުމެއްގައި އަދި އެންމެ ބޮޑު ދަރަނީގައި ހިންގަމުން އައި ކުންފުންޏެވެ. ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު އެ ކުންފުނީގެ ދަރަނި 4.3 ބިލިޔަން ރުފިޔާއަށް އަރައެވެ.
ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން ވަނީ ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައި އެވެ. އެގޮތުން ސަރުކާރުން ލަފާކުރާ ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ފެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީއަކަށް ބަދަލުކުރުމުގެ މަސައްކަތް ނިމިގެންދާނެ އެވެ.
ކޮމެންޓްސް (0)