އަހަރެމެންގެ ވަޒީފާތަކާއި، ރައްޔިތުން އަހަރެމެންނާ ޙަވާލު ކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ، ބޮޑުވެގެންވާ އަމާނާތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ “ޒިއްމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުން” މި މައުޟޫގެ މައްޗަށެވެ.
ހުތުބާގައި ވިދާޅުވީ, އިސްލާމީ މުޖްތަމަޢުގެ ކޮންމެ ފަރުދަކީ މަސްއޫލިއްޔަތެއް އޮތް މީހެއް ކަމަށާއި, އަދި އޭނާގެ މައްޗަށް ވާޖިބުތަކެއް ހުރި މީހެއް ކަމަށެވެ.
ކޮންމެ އިންސާނަކީ، އެމީހަކު މި ދުނިޔޭގައި ކުޅަ ކޮންމެ ޢަމަލަކާ މެދު، ބުނި ކޮންމެ ބަހަކާ މެދު، މާތް اللهގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއްކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. ކޮންމެ މީހަކީ ތިމާ ދިރިއުޅެމުންދާ މުޖުތަމަޢުގައި، އޭނާ ހިމެނޭ ހައިސިއްޔަތަކުން އެހެން މީހުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
“މައިންބަފައިން، މުދައްރިސުން، އެކިއެކި އޮފީސްތަކުގެ ވެރީންނާއި މުވައްޒަފުން އެމީހުންނާ ޙަވާލުވެފައިވާ މަސްއޫލިއްޔަތާ މެދު ދުނިޔެއާއި އާޚިރަތުގައި ވެސް ޖަވާބުދާރީވާން ޖެހޭނެ” – ހުތުބާ
ޒިއްމާދާރުވުމާއި، މަސްއޫލިއްޔަތު އަދާކުރުމުގައި ޤައުމުގެ އިސް ވެރީންނާއި، ޤާނޫނު ހަދާ މުއައްސަސާތަކާއި، ޢަދުލުއިންޞާފު ޤާއިމުކުރާ މުއައްސަސާތަކާއި، ޤާނޫނު ނަގަހައްޓާ މުއައްސަސާތަކާއި، ޤައުމުގެ ސިޔާދަތާއި އަމްނު އަމާންކަން ބަލަހައްޓާ މުއައްސަސާތަކާއި، އިޤްތިޞާދާއި ބައިތުލްމާލު ބަލަހައްޓާ މުއައްސަސާތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު ވަކީން ބޮޑު ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ވިޔަފާރިވެރީންނަކީ ވެސް އެ މީހުން ޚިދުމަތް ފޯރުކޮށްދޭ ރައްޔިތުންގެ މައްޗަށް މަސްއޫލިއްޔަތު އުފުލައި ޒިންމާ އަދާކުރާން ޖެހޭނެ ބަޔެއް ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
“އަހުރެމެން ކުރެ ބައެއް މީހުންނަކީ އަދާކުރާ މަސްއޫލިއްޔަތުގެ ބާވަތުން އިޚްލާޞްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކުރުމަށް މާތް ﷲ ގަންދީ ހުވައިކޮށްގެން ތިބި ބަޔެކެވެ. އެ ފަދަ ފަރާތްތަކުން ވެފައިވާ ޢަހުދާއި ހުވަޔަށް ޙުރުމަތްތެރިކޮށްހިތާންވާނެއެވެ. އަހުރެމެން ކުރެ ކޮންމެ މީހަކާ ޙަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެއެވެ.” – ހުތުބާ
ކޮންމެ މަސްއޫލިއްޔަތަކީ، މާތް ﷲ އެ ފަރާތަކާ ޙަވާލުކުރައްވައިފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އެހެންކަމުން އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުނުވުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ. އެއީ ޤިޔާމަތް ދުވަހުން އެ ކަމުގެ ޒިންމާ އެ ފަރާތަކުން އުފުލަންޖެހޭނެތީއެވެ. އަދި އެ ދުވަހަކީ ތިމާ މި ދުނިޔެމަތީގައި ކުޅަ އެއްވެސް ކަމަކުން ރެކެވޭނެ ދުވަހެއް ނޫން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
“ޢަދުލު އިންޞާފުގެ ދާއިރާއަށް ބެލިޔަސް، އަހަރެމެން ކުރެ ކޮންމެ މީހަކީ ޒިންމާދާރު މީހަކަށް ވާން ޖެހެއެވެ. ވެރީން އެކަންޏެއް ނޫނެވެ. ޢާންމު ރައްޔިތުން ވެސް މެއެވެ. ޢަދުލުއިންސާފުގެ ކުރިމަތީގައި މޮޅެއް ދެރައެއްގެ ތަފާތެއް އޮވެގެން ނުވާނެއެވެ. ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބޭން ޖެހޭނެއެވެ. ކުށްކުރާ މީހާ ކުށަށް ޒިންމާވާން ޖެހޭނެއެވެ. އެއްވެސް މީހަކު ނުޙައްޤުން ކުށްވެރިއަކު ސަލާމަތްކުރާން މަސައްކަތްކޮށްގެން ނުވާނެއެވެ.” – ހުތުބާ
އަހަރެމެންގެ ވަޒީފާތަކާއި، ރައްޔިތުން އަހަރެމެންނާ ޙަވާލު ކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ، ބޮޑުވެގެންވާ އަމާނާތެއް ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން އެ އަމާނާތްތައް އަދާކުރުމުގައި ފަރުވާކުޑަކޮށް، ފަރުދުންނާއި މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަން ނުދޭ ނަމަ، އެއީ ތިމާގެ ދީނާއި ޤައުމަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރުމަކީ ނަޒާހަތްތެރިކަން ގެއްލި، ޢަދުލުއިންޞާފާ ދުރަށް ގޮސް، އަނިޔާވެރިކަމަށް މަގުފަހިވާނެ ކަމެއް ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
ޤައުމުގެ ވަޙްދަތާއި ސިޔާދަތު ދެމެހެއްޓުމީ، އެންމެންގެ މަސްއޫލިއްޔަތެކެވެ. އެންމެންގެ ވާޖިބެކެވެ. މި ކަންކަން ދެމެހެއްޓޭނީ އަހަރެމެންގެ ތެރޭގައި މަސްއޫލިއްޔަތު އުފުލުމުގެ ތެދުވެރި ރޫޙެއް ހުރެގެންނެވެ. މުޖުތަމަޢުގެ ކޮންމެ ފަރުދަކުމެ އޭނާގެ ޒިއްމާތަކާއި މަސްއޫލިއްޔަތުތައް އަދާކޮށްގެންނެވެ.
ކޮމެންޓްސް (0)