ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި، ޗެންޕިއަން މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅުނު މެޗު އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-5 ގެ ނަތީޖާއަކުން މޮޅުވެ ރެއާލް މެޑްރިޑުން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިދެޓީމު ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައި ވާއިރު، ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުގެ 90 މިނެޓްގެ ކުޅުން ހަމަވެ، އިތުރު ވަގުތު 15 މިނެޓުގެ ދެހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އެޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ރޮޑްރީގޯ އެވެ.
ރެއާލްއިން ލަނޑު ޖަހާ މެޗްގެ ލީޑު ހޯދުމުން ސިޓީން އިތުރަށް ކުޅުން ރަގަޅުކޮށް މެޗްގެ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. މިގޮތުން ފުރަތަަމަ ހާފުގައި ސިޓީ އިން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ފޯވާޑް ހާލަންޑް އަށެވެ. ރެއާލްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ފުރުސަތެއްގައި ހާލަންޑް ބޮލުން ފޮނުވާލި ހަމަލާ ގޯލްގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ޕެނަލްޓީ އޭރިއާ ބޭރުން ޑިބްރޭނާ ފޮނުވާލި ބާރު ހަމަލާ ރެއާލްގެ ކީޕަރު އަންދްރޭ ލުނިން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ސިޓީއިން މެޗުގެ ނަތީޖާ އެއްވަރުކުރީ 76 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑުންނެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި މެންޗެސްޓާ ސިޓީ އިން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ 90 މިނެޓްގެ އިތުރުން އިތުރު ވަގުތު 15 މިނެޓުގެ ދެހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު 4-4 ގެ އެގްރިގޭޓް ނަތީޖާއަކުން ދެޓީމް އެއްވަރުވުމާއި ގުޅިގެން ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ރެއާލް މެޑްރިޑުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިިން ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އިރު، މެންޗެސްޓާ ސިޓީގެ ފަސް ޕެނަލްޓީގެ ތެރެއިިން އެޓީމަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި މެއި މަހުގެ އެއްވަނަ ދުވަހު ރަށުން ބޭރުގައި ރެއާލް މެޑްރިޑުން ނުކުންނާނީ ބަޔާން މިއުނިކާއި ދެކޮޅަށެވެ. އަދި މިދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު ރެއާލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ އެވެ.
ކޮމެންޓްސް (0)