ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނަށް އޭޕްރިލް 7 ވަނަ ދުވަހު ހަ މަސް ފުރިފައިވާއިރު, މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 33,137އަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. މި ޢުދުވާނުގައި ޣައްޒާގެ ބޮޑު ބައެއް ވަނީ ސުންނާފަތި ކޮށްލާފައެވެ. އަދި, އެ ސަހަރުގެ އާބާދީގެ 80 އިންސައްތަ މީހުން ވަނީ ގެދޮރު ނެތިކޮށް, މަގުމަތި ކޮށްލާފައެވެ.
ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޑްރޯންތަކާއި އަސްކަރީ މަތިންދާބޯޓުތަކާއި ޓޭންކުފަހަރު ބޭނުން ކޮށްގެން ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާތަކުގައި 46 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ.
ޔަހޫދީންގެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 33,000 ފަހަނައަޅާފައިވާއިރު, އޭގެ ތެރޭގައި ގިނައީ ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުންނެވެ. މައުސޫމު ކުޑަކުދިންނެެވެ. އަންހެނުންނެވެ. އަދި, އުމުރުން ދުވަސްވީ މީހުންނެވެ. ޣައްޒާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ކަން ހާމަ ކުރެއްވީ އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިނެވެ.
ޔާހޫދީ ފައުޖުގެ ގަތުލުއާންމުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވެސް މިހާރު ވަނީ 75,815އަށް އުފުލިފައެވެ. ނަމަވެސް, އެ މީހުންނަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭނެ އެއްވެސް ގޮތެއް ނެތެވެ. ޔަހޫދީ ފައުޖުން ވަނީ ޣައްޒާގައި ހުންނަ 36 ހަސްފަތާލަށް ބޮންއަޅައި, އެ ތަންތަން ސުންނާފަތި ކޮށްލާފައެވެ. ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން މިހާރު ކުޑަވެސް މިންވަރަކަށް ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދެނީ އެންމެ 10 ހަސްފަތާލުންނެވެ.
ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން މިހާރު ދަނީ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އަރައި ގަތުލުއާންމުތައް އިތުރު ކުރަން ތައްޔާރުވަމުންނެވެ. ރަފަޙުގައި މި ވަގުތު 1.5 މިލިޔަނަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އެ ރަށަށް އަރައި, އެ ރަށުގައި ތިބި ފަލަސްޠީނުގެ މުސްލިމުންގެ ލޭއޮހޮރުވައިލާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޮތީ ދީފައެވެ. ނަމަވެސް, ޔަހޫދީ ފައުޖުގެ ތަރުޖަމާނެއް ބުނީ, ޣައްޒާގެ ދެކުނުގައި ތިބި ޔަހޫދީ ފައުޖުގެ ގިނަ ސިފައިން އެ ސަރަޙައްދުން ފައިބާފައިވާ ކަމުގައެވެ. މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފެއް ނޫނެވެ.
ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ވެސް ޔަހޫދީ ފައުޖުން ދަނީ ޢުދުވާންތައް ހިންގަމުންނެވެ. މި ގޮތުން, ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާގައި ނަމާދު ކުރާ މުސްލިމުންނަށް ހުރަސް އެޅުމަށް ޔަހޫދީ ފައުޖުން ދަނީ މަސައްކަތް ކުރަމުންނެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކާ ދިމާކޮށް, ޔަހޫދީ ފައުޖުން ދަނީ އަލް-އަޤްޞާގައި ނަމާދުގެ ޖަމާޢަތުގައި ބައިވެރިވާ މީހުންނަށް ފުރައްސާރަ ކުރުމުގެ ގޮތުން ކަރުނަ ގޭސް ޖަހައި ޙަމަލާ ދެމުންނެވެ. އެ މީހުންގެ ކުށަކީ, ނަމާދު ނިމުމުން ޣައްޒާގެ އަޚުންނާއި އުޚްތުންގެ ޙައްޤުތައް ހިމާޔަތް ކޮށްދިނުމަށް ގޮވައިލައި އަޑު އުފުލުމެވެ.
އަލް-އަޤްޞާ ކައިރީގައި ހިންގަމުންދާ ޢުދުވާންތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާއިރު, ބައެއް މީހުން ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ރަމަޟާން މަސް ފެށުމުގެ ކުރިން ވެސް ޔަހޫދީން އޮތީ, އަލް-އަޤްޞާއަށް ނަމާދަށް ޖަމާވާ މީހުންނަށް ހުރަސް އަޅާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި, ވަކި އުރުމުފުރައެއްގެ ބަޔަކު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް ޔަހޫދީ ފައުޖުން ދަނީ ހުރަސް އަޅަމުންނެވެ.
މަސްދަރު: ޕީއެސްއެމް ނިއުސް
advertisement
ކޮމެންޓްސް (0)