ފާއިތުވި އިތުވި ފަސް އަހަރު ތެރޭގައި ފެނަކައިގެ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒު ވިދާޅުވީ ނިމުނު ފަސް އަހަރު ކުންފުނީގެ ތެރޭގައި ވަރަށް ގޯސްކޮށް ކަންކަން ކޮށްފައި ހުރުމުގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަނަށް ބުރޫއަރާ މިންވަރަށް ދަރަނި އަރާފައިވާ ކަމަށެވެ. އެގޮތުން 871 މިލިއަން ރުފިޔާގެ ލޯނުގެ އިތުރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 3.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ
އާ މެނޭޖްމަންޓުން ކުންފުންޏާ ހަވާލުވެ މިހާތަނަށް ބެލި ބެލުމުން، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވަނީ، ޒިންމާދާރުކަން ކުޑަ ގޮތަކަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް ކުންފުންޏަށް މުވައްޒަފުން ވައްދާފައިހުރުން ކަމަށް މުއާޒު ވިދާޅުވިއެވެ. އެގޮތުން، 2018 ވަނަ އަހަރު ފެނަކައިގައި 2،700 އެއްހާ މުވައްޒަފުން ތިބި އިރު، މި އަހަރު އެ އަދަދު 8،100 ހުރަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ މުވައްޒަފުންގެ އަދަދުތަކަށް ބަލާއިރު، ވޭޖަށް ކުރިން ހޭދަކުރަން ޖެހެނީ 20 މިލިއަން ރުފިޔާ ކަމަށާއި މިހާރު އެވްރެޖްކޮށް މަހެއްގެ މައްޗަށް 74 މިލިއަން ރުފިޔާ ހޭދަ ކުރަންޖެހޭ ކަމަށެވެ.
“އެންމެ ފަހުން މުސާރަ ދިން އިރު ވެސް 79 މިލިއަން ރުފިޔާ އަޅުގަނޑުމެން ހޭދަކުރަން ޖެހުނު،”
މުއާޒު ވިދާޅުވިއެވެ.
މިދިޔަ މަހު ވެރިކަން ބަދަލުވުމަށް ފަހު ކޮންޓްރެކްޓް ސްޓާފުންގެ ގޮތުގައި ތިބި 900 އެއްހާ މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކުރަން ނިންމުމުން ފަސް މިލިއަން ރުފިޔާ، މުސާރައިގެ ޖުމްލަ ހަރަދުން ސަލާމަތް ކުރެވުނުކަން ވެސް މުއާޒު ފާހަގަކުރެއްވިއެވެ.
ފެނަކައިގެ ޕްރޮކިއުމަންޓުގެ ތެރެއިން ވެސް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން މުއާޒު ފާހަގަކުރެއްވިއެވެ. އެގޮތުން ކުންފުންޏަށް ބޭނުންވާ ސަމާނު މުޅިންހެން ގަނެފައިވަނީ އެމަޖެންސީ ޕްރޮކިޔުމަންޓުގެ ގޮތުގައި ޓެންޑާނުކޮށް އަގުބޮޑުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
މުއާޒް ވިދާޅުވި ގޮތުގައި ކުންފުނީގައި ހުރި އިތުރު މައްސަލަތައް ދެނަގަތުމަށްޓަކައި މެނޭޖްމަންޓެއް ހެދުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ޕްލޭނެއް އެކުލަވާލައި، ވީހާވެސް ގިނަ ކުންފުނިތަކަށް ވީއެންމެ އަވަހަކަށް ފައިސާ ދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ފައިސާ ދެއްކޭނެ ވަކި ތާރީހެއް ދަންނަވަން ދަތި ކަމަށް ވިދާޅުވިއެވެ.
މުއާޒު ވިދާޅުވި ގޮތުގައި މެނޭޖްމަންޓު އޮޑިޓު ނިމުމުން، ފާހަގަވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ތަހުގީގެއް ހިންގައި، އިހުމާލުވި ފަރާތްތަކުގެ މައްޗަށް ދައުވާ ކުރާނެއެވެ.
ކޮމެންޓްސް (0)