ފެނަކަ ކޯޕަރޭޝަންގައި ވަޒީފާ އަދާކުރަމުންދިޔަ 1800 އަށްވުރެ ގިނަ މުވައްޒަފުންގެ ކޮންޓްރެކްޓް ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މުޢާޒް ވިދާޅުވީ އެމުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރެއްވުމަކީ ބަޔަކު ވަޒީފާއިން ގަވާއިދާއި ޚިލާފަށް ވަކިކުރެއްވުމެއް ނޫންކަމަށެވެ.

ސަރުކާރުގެ މުއައްސާތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަނަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގިނަ ކަންތައްތަކެއް ހިންގާފައިވާ ކުންފުންޏެއް ކަމަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުވަނީ ވަރަށް ބޮޑަށް އަޑުފެތުރިފައެވެ. ފެނަކައިގެ ހުރިހާ ބްރާންޗަކަށްވެސް ގިނަ ޢަދަދެއްގެ މުވައްޒަފުން ނަގަމުންދާކަމުގެ ފާޑުކިޔުންވެސް އޭރުވަނީ އަމާޒުވެފައެވެ.

އަދި މިހާރު އައު ސަރުކާރުން ވެރިކަމާ ހަވާލުވެ ކުންފުނީގެ އެމްޑީ ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމާއެކު އެކުންފުނީގެ ވަޒީފާތަކުން މީހުން ވަކިކުރަމުންދާކަމުގެ އަޑުތައްވެސްވަނީ ފެތުރިފައެވެ. މިކަމާ ގުޅޭ ގޮތުން މަޖިލީހަށް ކުއްލި މައްސަލައެއްވެސްވަނީ ހުށަހަޅާފައެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ކުޅަދާނަ ނުވާ މިންވަރަށް އެކުންފުންޏަށް މުވައްޒަފުން ނަގާފައިވާކަމަށެވެ. އަދި ކުންފުނިން 4 ބިލިއަން ރުފިޔާއިން ދަރަނި ވެރިވެފައިވާ ކަމަށެވެ. އަދި ކުންފުނި ދަރަނިން ސަލާމަތްކޮށް ވަމުންދާ ގެއްލުން ކުޑަކުރުމަށް، އިންތިޚާބާއި ދިމާކޮށް މަސައްކަތެއް ނެތްގޮތުގައި ވައްދާފައި ތިބި މުވައްޒަފުން މަދުކުރަންޖެހޭކަމަށެވެ.

މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އެއްވެސް މުވައްޒަފަކު ޤަވާއިދާ ޚިލާފަށް ވަކިކޮށްފައި ނުވާ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އެއްވެސް މުވައްޒަފަކު ވަކިކޮށްފައިވާކަމުގެ ޗިޓު ގެންނަވައިފިނަމަ އެމީހަކަށް ވަޒީފާ އަނބުރާ އިޔާދަކޮށްދެއްވާނެ ކަމަށް މުޢާޒް ވިދާޅުވިއެވެ.

ކޮންޓްރެކްޓްގެ މުއްދަތު ހަމަވެގެން ކުރަންހުރި މަސައްކަތް ނިމުނު ކަމަށް ކުންފުންޏަކުން ނިންމުމުން، އެއީ ގަވާއިދާ ޚިލާފުކަމެއްކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމަށް މުޢާޒް ވިދާޅުވިއެވެ. އެގޮތުން މުޢާޒް ވިދާޅުވީ ނިމުނު ނޮވެމްބަރު މަހުގެ ނިޔަލަށް 1868 މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވެފައިވާކަމަށެވެ. އެހެންނަމަވެސް މަސައްކަތް ހުރި ސައިޓުތައް ބަލައި މިމުވައްޒަފުންގެ ތެރެއިން ބޭތިއްބޭނެ މުވައްޒަފުންގެ ކޮންޓްރެކްޓް އައުކުރުމަށް ނިންމާފައިވާނެކަމަށްވެސް މުޢާޒް ވިދާޅުވިއެވެ.

“މަސައްކަތެއް ނެތް ތަންތަނުގައި ތިބި މުވައްޒަފުން ދޫކޮށްލަން އަޅުގަނޑުމެން ނިންމީ. 8000 އަށްވުރެ ގިނަ މުވައްޒަފުންގެ ތެރޭގައި އެބަތިބި 2500 ކޮންޓްރެކްޓް ސްޓާފުން. މީގެތެރޭގައި 6 މަހަށް އަދި 3 މަހަށް ހަދާފައިވާ ކޮންޓްރެކްޓް އެބަހުރި. އަޅުގަނޑަކަށް ނޭނގެ މިހާ ގިނަ މުވައްޒަފުން ލައިގެން ކުރަން އުޅެނީ ކޮންމަކެއްކަމެއް.” މުޢާޒް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ ފެނަކައަށް މީހުން ވައްދާފައިވަނީ އެއްވެސް ވަރަކަށް ބެލުމެއް ނެތިކަމަށެވެ. އެގޮތުން ކުށުގެ ރިކޯޑު ނެތް އެތައް ސަތޭކަ މުވައްޒަފުން ތިބކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަރާތްތަކުގެ ކުށުގެ ރިކޯޑު ސާފުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މުއާޒް ވިދާޅުވިއެވެ. ސަބަބަކީ މިކަމަކީ މުޅި ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ސަލާމަތާއި ގުޅިފައިވާ ކަމަކަށްވުން ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕޯސްޓު މެދުވެރިކޮށް އައްޑޫއަށް ފޮނުވަން އުޅުނު މަސްތުވާތަކެތި ތަކެއް އަތުލައިގެންފި

ޕޯސްޓު މެދުވެރިކޮށް އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު 890 ގުރާމުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން މި ...

ހުޅުދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވޭނެ

އައްޑޫ ސިޓީ ހުޅުދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ...

ޑެލިވަރީކުރުން މުޅިން ހުއްޓާލަން ޖެހިދާނެ – ނަވީން

ޑެލިވަރީ ކުރުން މުޅިން ހުއްޓާލައި، ހަމައެކަނި ވިޔަފާރިކުރަން ދޫކުރާ ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭ ގޮތަށް ބަދަލުކުރަން ޖެހިދާނެ ...