ރާއްޖޭގެ ރަށްރަށުގައި ތެޔޮ ރައްކާކުރަން ބޭނުންކުރާ ޓޭންކުތައް އާކުރަން ބޭނުންވާ ސާމަނު އެތެރެކުރުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެނަކަ ކޯޕަރޭޝަނަށް އަންގައިފިއެވެ.
އޭސީސީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ޚިދުމަތްދޭ ބައެއް ރަށްރަށުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތަށް އައުކުރުމަށް ބޭނުންވާ ސާމާނު ގެނައުމާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގުކުރަމުން ގެންދާތީ، އެ އެކަމާ ގުޅިގެން އެ ކުންފުނިން ކުރިޔަށް ގެންދާ އެންމެހައި ކަންކަން ކުރިޔަށް ނުގެންގޮސް މަޑުޖައްސައިލުމަށް އޭސީސީން އަންގާފައިވާކަމަށެވެ.
އެ މަސައްކަތް މަޑުޖައްސާލުމަށް އޭސިސީން ފެނަކައަށް އަންގާފައި މިވަނީ ފެނަކައިގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ. ކުންފުންޏަށް ނުކަތާވަރަށް މުވައްޒަފުން އިންތިޚާބާއި ދިމާކޮށް ވައްދާފައިވާއިރު، އެކުންފުނިން ހިންގާފައިވާ އެތައް މަޝްރޫޢުއަކަށް ކޮންޓެކްޓަރުންނަށް ފައިސާ ނުދޭ މައްސަލަތަކެއްވެސް ވަނީ ފެމްނަތިވެފައެވެ
ފެނަކައާއި ގުޅޭ 72 މިލިއަން ރުފިޔާގެ މައްސަލަ އޭސީސީން ބަލަމުން އަންނަކަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ދާދިފަހުން މަޖިލީހުގައި ވިދާޅުވެފައިވެއެވެ.
ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި، މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި، ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ގަރާރަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޙަސަން ލަޠީފް ވިދާޅުވީ، އެކި ކުންފުނިތައްލައްވާ މަސައްކަތްކޮށް ފެނަކައިން ފައިސާ ނުދައްކާ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާކަމަށެވެ. އަދި އެ ކުންފުނީގެ ކޮރަޕްޝަންގެ ތަފާތު 31 މައްސަލައެއް އޭސީސީގައި އެބައޮތްކަމަށްވެސް ހަސަން ވިދާޅުވިއެވެ. އަދި އެ މައްސަލަތަށް ހުށައަޅާފައިވަނީވެސް ފެނަކައިގެ މުވައްޒަފުންކަންވެސް ޙަސަން ފާހަގަކުރެއްވިއެވެ.
ފެނަކައިން ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ އޮތްކަމުގެ ކަންބޮޑުވުން މީގެ ކުރިންވެސް އެކި ފަހަރު މަތީން ވަނީ ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި ފެނަކައަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް އޭސީސީއާއި ރައީސް ޞާލިހަށްވެސް ހުށަހަޅާފައި ވެއެވެ.
ރިޔާސީ އިންތިޚަބާއި ދިމާކޮށް ފެނަކައިން އެތައް ބަޔަކަށް ކުންފުނީގެ ކެޕޭސިޓީއަށް ނުފެތޭވަރަށް ވަޒީފާތައް ދީފައިވާކަަމަށްވެސް އެކުންފުނީގެ މައްޗަށް ތުހުމަތުކުރެއެވެ.
ކޮމެންޓްސް (0)