ރައީސް ޞާލިޙް، އިންތިޚާބީ ރައީސް ޑރ މުޢިއްޒާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެ

އިއްޔެ ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިންތިޚާބީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޑޮކްޓަރ މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މި ނިންމުން ގަބޫލުކުރައްވައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނު ކަމަށްވާ “ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ޤާނޫނު” ގައިވާ ގޮތުގެ މަތިން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތުން މިކަންކަން ކުރިއަށް ގެންދެވުމަށްޓަކައި ޚާއްޞަ ކޮމިޓީއެއް މިއަދު އުފައްދަވައިފި ކަމަށާއި، މި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރު ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް، ރައީސު އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ، ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ކަމަށާއި، އިންތިޚާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސު އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަންވެސް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސު ސޯލިހު ވިދާޅުވިއެވެ.
 
މި ބައްދަލުކުރެއްވުމުގައި، އިންތިޚާބީ ރައީސް ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އިއްޔެ ބޭއްވުނު އިންތިޚާބުގެ ނަތީޖާ، ރޭ އިޢުލާނު ކުރުމާ އެކީގައި ނަތީޖާ ގަބޫލުކުރައްވައި، އެ މަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގުޅުއްވައިލެއްވި ކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިންތިޚާބުގެ ހުރިހާ ކަމެއްވެސް ހިނގައިދިޔައީ، ވަރަށް ރަނގަޅަށްކަން ޑޮކްޓަރ މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަންވެސް ވީހާ އޮމާންކަމާއެކީގައި ގެންދިޔުމަށް ބޭނުންފުޅުވާ އެއްބާރުލެއްވުން، އެ ބޭފުޅުންގެ ފަރާތްޕުޅުންވެސް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަންވެސް ޑޮކްޓަރ މުޢިއްޒު ދެއްވިއެވެ.
 
މި ބައްދަލުކުރެއްވުމުގައި، ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރާއި، ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރާއި، ޕީ.އެން.ސީ.ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިޔާސީ ބާރުވެރިކަން ޒުވާނުންނަށް ހޯދައިދިނުމަކީ މުހިއްމުކަމެއް

މީދޫ  އެމް.ޑީ.ޕީ މެމްބަރުންނަކީ ސިޔާސީގޮތުން “ތަޞައްރަފު” ފުދިފައިވާބަޔެކެވެ. އެކަން އެމީހުން ސާބިތުކޮށްދީފައިވަނީ ވާދަވެރި އެމްޑީޕީ ޕްރައިމަރީގައި ކައުންސިލަށް ވާދަކުރާނެ ...

ޗެލްސީގެ ދަނޑުގައި ހާއްސަ ރޯދަވީއްލުމެއް ބާއްވައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއް ކަމަށްވާ ޗެލްސީ ފުޓްބޯޅަ ކުލަބްގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި އެތައްސަތޭކަ މުސްލިމުންނެއް ...

ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި

ޢީދު ދުވަހު، މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމަކީ، އިސްލާމީ ރިވެތި އަޚުލާޤުގެ ނަމޫނާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ...