2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކެންޑިޑެސީ ފޯމު ހުށަހެޅުމުން އެމަނިކުފާނު ޝަރުތު ހަމަނުވާކަމަށް ނިންމި ނިންމުމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމައިފި އެވެ.
ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އީސީން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާއާއި، ރިޔާސީ އިންތިހާބުގެ ގާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ކެންޑިޑެސީ ބަލައިގަނެވެން ނެތްކަމަށް ނިންމައި އެކަން އެންގި ލިއުމުގައި ކޮމިޝަނުން ބުނެފައި ވަނީ ރައީސް ޔާމީނަކީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާއިރު ގާނޫނު އަސާސީ ބުނާގޮތުގައި ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ހުކުމެއް އައިސްފައިވާ މީހަކަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ އެވެ.
އެހެންވެ ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެވެ. ހުކުރު ދުވަހު ކުރިޔަށް ގެންދިޔަ އަޑުއެހުމަށް ފަހު މިއަދު އޮތް ހުކުމް ކުރުމުގެ މަޖިލީހުގައި ރައުޔު އިއްވާފައި ވަނީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ރައީސް ޔާމީން އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ނުވާކަމަށް ސުއޫދުގެ ރައުޔަށް ދެން ތިއްބެވި ހަ ފަނޑިޔާރުން ވެސް ވަނީ ތާއީދު ކުރައްވާފަ އެވެ.
ރައީސް ޔާމީން އިންތިހާބުގައި ވާދަނުކުރެވޭ ސަބަބުތަކުގެ ތެރޭގައި ސާބިތު ދަރަންޏެއް އޮތްކަމަށާއި، މުއްދަތު ހަމަވީ އިރު ވެސް ފައިސާ ދައްކާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރީ ސުޕްރީމް ކޯޓުގެ އަޑުއެހުމުގަ އެވެ. އެކަމަށް އިންކާރުކޮށް ރައީސް ޔާމިން ވިދާޅުވީ އެ މުއްދަތު ހަމަވިނަމަ އެ އެންގުން ރަސްމީކޮށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގަން ޖެހޭނެ ކަމަށެވެ. އެކަމަކު އެފަދަ އެއްވެސް ލިއުމެއް އެމަނުކުފާނާއި، ގާނޫނީ ޓީމަށް ލިބިފައި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވަނީ ސުޕްރީމް ކޯޓުން މި މައްސަލައިގައި ސާބިތުކޮށްދޭން ޖެހެނީ، ރައީސް ޔާމީންގެ ސާބިތު ދަރަންޏެއް އޮތްތޯ އާއި އެމަނުކުފާނުގެ މައްޗަށް އިއްވާފައިވަނީ ނިހާއީ ހުކުމެއްތޯ ނުވަތަ ނޫންތޯ އެވެ.
އެގޮތުން ފަނޑިޔާރު ސުއޫދު ވިދާޅުވީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރެވޭ މީހަކީ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކަމުގައި ވެގެން ނުވާނެ ކަމަށެވެ. އެހެން އެގޮތަށް އޮތްއިރު ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގައި ފަސް މިލިއަން ޑޮލަރުން ޖުރިމަނާ ކުރިކަމާއި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން އަންގާފައިވާކަމަށް ރައުޔުގައި ވެއެވެ.
މުއްދަތު ފާއިތުވެ ދިޔައިރު ވެސް، އެ ފައިސާ މީރާއަށް ދައްކާފައި ނެތުމުން އެކަން ލިއުމަކުން އަންގާފައިވާކަން އެނގެން އެބައޮތްކަމަށް ސުއޫދުގެ ރައުޔުގައި ވެއެވެ. އެގޮން އެ ލިއުން ރައީސް ޔާމީން ބަންދުގައި ހުންނެވި މާފުށި ޖަލަށް ފޮނުވުމުން އެ ލިއުން ވަކީލުންނާއި ހަވާލުކުރުމަށް އެދި ލިޔެކިއުމުގައި ސޮއިކޮށްފައިވާކަމަށް ސުއޫދު ވިދާޅުވި އެވެ.
މީގެއިތުން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތްކަމަށް ނިންމި ހުކުމުގައި އިތުރަށް ބުނެފައި ވަނީ ގާނޫނުގެ 180 ވަނަ މާއްދާގައި ޖުރިމަނާގެ ފައިސާ ދެއްކުމަށް އެ މީހާގެ މައްޗަށް ލާޒިމުކޮށްފައިވާއިރު ޖުރިމަނާ ފައިސާ ދައްކަން އަންގަނީ ކޯޓުގެ ނިންމުމުން ކަމަށެވެ. އަދި ކޯޓުގެ ނިންމުންތަކަށް ތަބައަވުމަކީ ލާޒިމްކަމެއްކަން ފާހަގަކުރި އެވެ.
ހުކުމުގައި ވަނީ އެކަން ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާގައި ބަޔާން ކުރާކަމަށެވެ.
ދަރަނީގެ މައްސަލައިގައި އިތުރަށް ހުކުމުގައި ބުނެފައި ވަނީ ރައީސް ޔާމީނަށް ކުރި ހުކުމާއި އެކު ދައްކަން ޖެހޭ ފަސް މިލިއަނަކީ ސާބިތު ދަރަންޏެއްކަމަށް އީސީން ނިންމާފައި ވަނީ ރަނގަޅަށް ކަމަށެވެ. އެއީ ގޯސްކޮށް އީސީން ކުރާ މާނައެއްކަމަށް ރައީސް ޔާމީންގެ ފަރާތުން ބުނި ނަމަވެސް ސުޕްރީމް ކޯޓުގެ މީގެ ކުރީގެ ގަޒިއްޔާއަކުން ދަރަނި މާނަކޮށްދީފައިވާ ގޮތަކީ އެއީކަމަށް ވެއެވެ.
އެހެންކަމުން ކޯޓުތަކުގެ ހުކުމުން ނަގާ ފައިސާތަކެއްގެ ނަން ތަފާތުވުމަކުން، ކޯޓުގެ ހުކުމަކުން ލައްވާ ފައިސާއެއްގެ ގާނޫނީ ނަތީޖާއަށް ބަދަލެއް ނާންނާނެކަމަށް ހުކުމުގައި ވެއެވެ.
މީގެއިތުރުން މައްސަލައިގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ ޖަލު ބަންދުގައި ހުރެ އިންތިހާބީ މަގާމަކާ ކުރިމަތިލުމުގެ ސުވާލެއް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރުގެ މަސްލައިގައި ނެތް ކަމަށެވެ. އޭގެ ސަބަބެއްކަމަށް ހުކުމުގައި ވަނީ ޖަލު ބަންދުގައި ހުރެ މަގާމަށް އިންތިހާބުވެއްޖެ ނަމަ ނިކުންނާނެ ގާނޫނީ އައިބަތުތަކުގެ ވާހަކަ އެ ގަޒިއްޔާގައި ނެތުމެވެ.
ކޮމެންޓްސް (0)