އައްޑޫ ސިޓީގެ ތަރައްޤީއަށް އިންވެސްޓަރުންގެ އިތުބާރު ނުލިބި އޮތީ ފާއިތުވެދިޔަ ދިގު މާޒީގައިވެސް އެއަރޕޯޓް ތަރައްޤީ ނުވެ އޮތުމުން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވީ ފާއިތުވެގެން މިދާ ދެދުވަހަކީ އައްޑޫ ސިޓީގެ ތަރައްޤީއަށް ރައްޔިތުން ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެން ދިޔަ ދެދުވަސް ކަމަށެވެ.
2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު، ރައީސްގެ އެންމެބޮޑު ތަސައްވަރެއް އޮތީ އައްޑޫ ސިޓީއަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ ތަރައްޤީގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އައްޑޫ ސިޓީގައި ކަމަށްވާއިރު އައްޑޫ ތަރައްޤީ ނުކޮށް ރާއްޖެ ތަރައްޤީ ކުރުމަކީ ރައީސް ގަބޫލުފުޅު ކުރައްވާ ކަމެއް ނޫންކަމަށް ފައްޔާޟު ވިދާޅުވިއެވެ.
އައްޑޫގެ ތަރައްޤީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއަރޕޯޓް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމެވެ. އައްޑޫގައި ފަތުރުވެރިކަން ފުޅާވެ އިންވެސްޓަރުންގެ އިތުބާރު ލިބެން އޮތީވެސް އެއަރޕޯޓް ތަރައްޤީ ކުރެވިގެންނެވެ. މިކަމަށްޓަކައި މިސަރުކާރުން އެއަރޕޯޓް ތަރައްޤީ ކުރާނެ ފައިސާ ހަމަޖައްސައި އެއަރޕޯޓްގެ މަސައްކަތް ފެށިގެން ދިއުމަކީ އައްޑޫއަށް އިންވެސްޓް ކުރާ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ޔަގީންކަމެއް ކަމަށް ފައްޔާޟު ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޟް ވިދާޅުވީ އައްޑޫގައި އިންވެސްޓް ކުރާ މީހުންނަށް މިހާތަނަށް ދިމާވި އެންމެ ބޮޑު މާލީ ގޮންޖެހުމަށްވެސް ހައްލު ހޯއްދަވައި ދެއްވީ ރައީސް ޞާލިހު ކަމަށެވެ. އަދި މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ޓޫރިޒަމަށް އިންވެސްޓް ކުރާ ފަރާތްތަކުގެ އަތުން އެއްވެސް ތަފާތު ކުރުމެއްނެތި ނަގަމުންދިޔަ ޓެކްސްތަކަށްވެސް ހެޔޮ ބަދަލެއް ގެނުވީ ރައީސް ޞާލިހު ކަމަށް ފައްޔާޟު ވިދާޅުވިއެވެ.
“މާލެ ރީޖަންއެކޭ އައްޑު އަތޮޅެކޭ ތުރާކުނެކޭ އެއްވެސް ތަފާތެއް ނެތް. ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ވަރަށް މުހިންމު ކަމެއް އައްޑޫގެ ޓޫރިޒަމަށްވެސް އަދި ދިވެހި ރާއްޖޭގެ ޓޫރިޒަމްގެ ތަރައްޤީއާއި، ޚާއްސަކޮށް ރީޖަނަލް ޓޫރިޒަމްގެ ތަރައްޤީއަށް އަގުތަކަށް އެގެންނެވި ބަދަލު. ތިޔަ ބޭފުޅުން އަކަ މީޓަރަކަށް 8 ޑޮލަރު ދައްކަމުން ދިޔަ ދިއުން އޮތީ މިބަދަލާއިއެކު 2 ޑޮލަރަށް ތިރިވެފަ. އޭގެ ބޭނުމަކީ އައްޑޫގެ ތަރައްޤީއަށް އިންވެސްޓް ކުރަން ތިބި މީހުންނަށް އެކަމުގައި ހިތްވަރު ދިނުން.”
ފައްޔާޟު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އައްޑޫއަށް އެހާބޮޑު އަހައްމިއްޔަތެއް ދެނީ ރާއްޖޭގެ ތަރައްޤީގެ އެންމެ ބޮޑު ހިއްސާއެއް އައްޑޫ ސިޓީގައި އޮތުމުން ކަމަށެވެ. އައްޑޫއަށް އަންނަ ކޮންމެ ތަރައްޤީއަކީ މުޅި ދެކުނަށާއި ރާއްޖެއަށް އަންނަ ތަރައްޤީއެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އައްޑޫ ސިޓީއަށް ގެންނަން ޖެހޭ ތަރައްޤީ ގެންނަން ފުރުސަތު ލިބި މިހާތަނަށްވެސް އެކަން ނުކޮށް މިއަދު އެވާހަކަ ދައްކަވަނީ ރަައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ކަމަށެވެ. ނަމަވެސް މިކަންކަމަށް ބަދަލު ގެނެސް އައްޑޫގެ ތަރައްޤީއަށް ބަދަލު ގެނެސްދެއްވީ ރައީސް ޞާލިހުކަމަށް އަސްލަމް ވިދާޅުވިއެވެ.
“އަޅުގަނޑަށް ރައީސްގެ މަސައްކަތް ފެނިފައި އޮތީ ނަމަށްވުރެ ބޮޑަށް ކަން އިސްކުރައްވައިގެން ކަން ކުރައްވަން އުޅުނުތަން. އެހެންކަމުން މިތަރައްޤީގެ މަސައްކަތްތަކާއި ކަންކަން ފެނިގެން މިދަނީ.”
އަސްލަމް ވިދާޅުވިއެވެ.
އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭގޮތަށް ތަރައްޤީކުރާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ފަތުރުވެރިކަމާއި އިޤްތިޞާދީ އެހެން ސިނާއަތްތައް ކުރިއަރައި، ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ.
މަސްދަރު: ޕީއެސްއެމް ނިއުސް
ކޮމެންޓްސް (0)