ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، ދިވެހިރާއްޖެ ފެޑަރަލް ދައުލަތަކަށް ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދު މިހެން ވިދާޅުވީ ހއ އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑް ދިނުމުގެ ހަފްލާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ފެޑްރަލް ނިޒާމަކީ އެމެރިކާގައި އޮންނަ ފަދަ ނިޒާމެކެވެ. އެއީ ކޮންމެ ސްޓޭޓެއްގައި (ރާއްޖޭގައި ނަމަ ކޮންމެ އަތޮޅެއްގައި) ވަކި ގާނޫނު ހަދާ މަޖިލީހަކާއި، ޝަރުއީ ނިޒާމެއް އޮވެ އަދި އެސަރަހައްދަކަށް ލިބޭ އާމްދަނީއެއް އެސަރަހައްދަކަށް ލިބޭ ގޮތައް އޮންނަ ނިޒާމެކެވެ. ރާއްޖޭގައި މިހާރު އޮންނަނީ ޔުނިޓަރީ ނިޒާމެކެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތަކުގެ ގޮތުގައި ނަޝީދު ފާހަގަ ކުރެއްވީ ފެޑަރަލް ދައުލަތަކަށް ބަދަލުކުރުމުގެ އިތުރުން، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި މެންބަރުންގެ އަދަދު އިތުރު ނުވާނެ ގޮތަށް އަދި ހަމައެކަނި އަތޮޅު ދާއިރާތަކެއްގެ މައްޗަށް މަޖިލީސް އެކުލަވާ ނުލުމާއި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ލިޔުމެވެ.
“ދިވެހިންނަށް ހައްގު މިންވަރު ހޯދުމަށްޓަކައި، އަޅުގަނޑުމެންގެ ތަނަވަސް ތަރައްގީއެއް ލިބިގަތުމަށްޓަކައި އަޅަން ޖެހެނީ އެއްގަމު ތޮއްޓެއް ނޫން، އަޅަންޖެހެނީ މަލްޓި ޕާރޕަސް ހޯލެއް ނޫން، އަޅަންޖެހެނީ މަގެއް ވެސް ނޫން. ދޭންޖެހެނީ ބާރު. ދޫކޮށްލަންޖެހެނީ ކަސްތޮޅު. ހެދި ފޯދި ދިއުމަށް ފުރުސަތު ދޭންވީ. ފިތުރަތުގެ ނިޒާމަކީ ހެދި ފޯދި ދިއުން. އޮބެހެއްޓުން، ހިފެހެއްޓުން އެއީ ތަރައްގީ އަށް އެޅޭ އެންމެ ބޮޑު ހުރަސް. ބިމުގެ މިލްކުވެރިކަމާއެކުގައި ހަމަ ގައިމު ވެސް އެބަ ބޭނުންވޭ ދަރަންޏަށް ޒިންމާވުމުގެ ހައްގު،”
ފެޑަރަލް ނިޒާމަކަށް ދައުލަތް ހިންގުން ބަދަލުކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވުމުގެ ގޮތުން ނަޝީދު ވިދާޅުވިއެވެ.
“ނުވިސްނައިފިނަމަ މިކަންކަމުން ލިބޭނެ ގެއްލުން ވަރަށް ބޮޑު. މިއަދު ފެޑްރަލް ނިޒާމަކަށް ބަދަލުވާން އަޅުގަނޑުމެން ނުވިސްނައިފިނަމަ އަޅުގަނޑުމެންގެ ހަޔާތުގައި ވަރަށް ހިތާމަވެރި މަންޒަރެއް ފެނިދާނެއޭ. އިގުތިސޯދީ ތަނަވަސްކަމާއި އެކީގައި ފަލްސަފާއެއް ގަބޫލު ކުރެވެން ފެށީމާާ ދެން ކާމިޔާބު ހޯދުމަށް ޒުވާނުން ނުނުކުންނާނެ ކަމަށް އިންސާނީ ތަޖުރިބާއެއް ވެސް ގައުމުތަކުގެ ހަޔާތެއް ވެސް ދައްކާފައެއް ނެތް.”
ނަޝީދު ވިދާޅުވިއެވެ.
ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ ބަދަލުތައް ގިނަ ކަމަށާއި ފެޑްރަލް ނިޒާމަކަށް ބަދަލުވުމާއި އެކުގައި ވެރިކަން ކުރާގޮތައް ބަދަލު ގެނައުން އެއީ ކުރަން ޖެހޭނެ ކަމެއް ކަމަށް އެތައް ދިވެހިންނެއް މިއަދު ގަބޫލު ކުރާކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލިސް އަށް މެންބަރުން އިތުރުވަމުންދާ ގޮތް އެއީ ވެސް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި މަޖިލިސް މެންބަރުންނަކީ އިލްމީ މީހުންނަށް ވުމަށް ރައްޔިތުން އެދެމުން އަންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓްސް (0)