އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަތުން 3-1 ގެ ނަތީޖާއިން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި، ސިޓީގެ މިޑްފީލްޑަރ ކެވިން ޑިބްރޭނާއާއި ދިމާލަށް އާސެނަލް ސަޕޯޓަރުން އެއްޗެހި އުކި މައްސަލަ އިނގިރޭސި އެފްއޭއިން ތަހުގީގް ކުރަން ފަށައިފިއެވެ.
މި މެޗުގެ ފުރިހަމަ ވަގުތުހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ޑިބްރޭނާ ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކެލްވިން ފިލިޕްސް ކުޅެން ނުކުތްއިރު، ބަދަލު ބޯޑު ދެއްކުމާއިއެކު ޑިބްރޭނާ ވަނީ ދަނޑުގެ ދުރުފަޅިން ފައިބާފައެވެ. ދަނޑުން ފައިބައި ހިނގާފައި ބެންޗާދިމާލަށް ދިޔަވަގުތު ދަނޑުގެ ކަނާއި ދިމާލުން އާސެނަލްގެ ސަޕޯޓަރުން ވަނީ ޑިބްރޭނާއާއި ދިމާލަށް ޕްލާސްޓިކް ތައްޓާއި ފުޅިފަދަ ތަކެތި އުކާފައެވެ.
ޑިބްރޭނާއާއި ދިމާލަށް އެއްޗެހި އުކިކަން މެޗުގެ ރެފްރީ، އެންތަނީ ޓެއިލާ ވަނީ މެޗު ނިންމުމަށް ފަހު އެކުލަވާލި ރެފްރީ ރިޕޯޓުގައި ވެސް ފާހަގަ ކޮށްފައެވެ.
އާސެނަލުންވެސް އެ ހާދިސާގެ ސީސީޓީވީ ފޫޓޭޖްތައް ދިރާސާ ކުރަމުން އަންނައިރު، އެކަމުގައި ޒިންމާވާ ފަރާތްތައް ދެނެގަނެވިއްޖެ ނަމަ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގައި އެ ކުލަބުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އާސެނަލްގެ ސްޕޯކްސްޕާސަން އިތުރަށް ބުނެފައި ވަނީ މިއީ ގަބޫލުކުރެވޭނެ އަމަލެއް ނޫންކަމަށާއި އަދި މިއީ ބަލައިގަނެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ.
އާސެނަލް ބަލިކޮށް ސިޓީން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައިވާއިރު މިމެޗުގައި ސިޓީއަށް ފުރަތަމަ ލަނޑު ޖަހައިދީފައި ވަނީ ވެސް ޑިބްރޭނާއެވެ.
މި މެޗަށް ފަހު ޑިބްރޭނާ ވަނީ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ދެ ފޮޓޯ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައެވެ. އެއް ފޮޓޯގެ ކެޕްޝަންގައި “ބީއާރު އެނީވަން؟” މިހެން ޖަހާފައިވާއިރު، ދެވަނަ ފޮޓޯއިން ފެންނަނީ ޑިބްރޭނާއާއި ދިމާލަށް އެއްލާފައިވާ ޕްލާސްޓިކް ތައްޓެއް ވައިގެ ތެރޭގައި ވަނިކޮށެވެ. އެ ފޮޓޯގެ ކެޕްޝަންގައި “ތޭކްސް” މިހެން ޖަހާފައިވެއެވެ.
ކޮމެންޓްސް (0)