ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލިތާ 10 އަހަރު – އަދިވެސް ޙަޤީޤަތް ނޭނގޭ

ޕާކިސްތާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލީ 27 ޑިސެމްބަރު 2007 ގައި 15 އަހަރުގެ ކުއްޖަކު ދިން ޙަމަލާއެއްގައެވެ. ޕާކިސްތާނުގެ ރާވާލްޕިންޑީގައި އޮތް ކެމްޕެއިން ޙަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބިލާލް ނަމަކަށް ކިޔާ ކުއްޖާ ބުއްޓޫއަށް ފުރަތަމަ ޙަމަލާދިނީ ބަޑިންނެވެ. އެއަށްފަހު އޭނާގެ ގައިގައި ހަރުކޮށްފައި ހުރި ބޮންތައް އަމިއްލައަށް ގޮއްވާލިއެވެ. ޙަމަލާގެ ތުހުމަތުކުރެވެނީ ޕާކިސްތާނުގެ ޙަރަކާތްތެރިވާ ޠާލިބާން ޖަމަޢާތަށެވެ.

ބޭނަޒީރު ބުއްޓޫއަކީ ޕާކިސްތާނުގެ ފުރަތަމަ އިންތިޚާބީ ބޮޑުވަޒީރު، ޒުލްފިޤާރު ޢަލީ ބުއްޓޫގެ ދަރިކަނބަލެކެވެ. ޒުލްފިޤާރުގެ މައްޗަށް ކުރެވުނު ތުހުމަތުތަކެއްގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ޒުލްފިޤާރުގެ މައްޗަށް މަރުގެ ޙުކުމް އިއްވައި، 1979 ވަނަ އަހަރު އޭނާ ދަންޖައްސައި އަވަހާރަކޮށްލިއެވެ. އޭގެ ފަހުން 80 އަހަރުތަކުގެ ފަހުކޮޅާއި 90 ގެ އަހަރުތަކުގައި ދެ ފަހަރެއްގެ މަތިން ބޭނަޒީރު ބުއްޓޫ ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަޤާމު އަދާކުރެއްވިއެވެ. ދެ ފަހަރުވެސް އަސްކަރިއްޔާގެ ނުފޫޒުން އެނާ މަޤާމުން ދުރުކުރިއެވެ.

މަޤާމުން ދެވަނަ ފަހަރަށް ދުރުކުރުމުން ބޭނަޒީރު 1999 ވަނަ އަހަރު ޕާކިސްތާނު ދޫކުރައްވައި، ޤައުމުން ބޭރަށް ވަޑައިގަތެވެ. އެނބުރި ޤައުމަށް ވަޑައިގަތީ 2007 ވަނަ އަހަރުގެ އޮކްޓޫބަރ މަހުއެވެ. ޤައުމަށް ވަޑައިގަތީ 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ޢާއްމު އިންތިޚާބު ކާމިޔާބުކޮށް، ބޮޑުވަޒީރުގެ މަޤާމަށް ވަޑައިގަތުމުގެ އުއްމީދުގައެވެ. ނަމަވެސް އެނބުރި ޤައުމަށް ވަޑައިގަތުން ފާހަގަކުރުމަށް ބޭއްވި ބިޔަ އެއްވުންވެސް ނިމިގެންދިޔައީ، ބޮމުގެ ޙަމަލާއަކުންނެވެ. 150 ފަންސާސް މީހުން މަރުވި މި ޙަމަލާއިން ބޭނަޒީރު ސަލާމަތްވެވަޑައިގަތެވެ. ނަމަވެސް އޭގެ ދެމަސް ފަހުން ބޭއްވި އެއްވުމެއްގެ ތެރެއިން ދިން ޙަމަލާއިން އެކަމަނާ ސަލާމަތްވެވަޑައިގެންނެވޭނެ ގޮތެއް ނުވިއެވެ. ޑިސެމްބަރު 2007 ގައި ބުއްޓޫ އަވަހާރަކޮށްލުމާއެކު މުޅި ޕާކިސްތާނު ހަލަބޮލިކަމެއްގެ ތެރެއަށް ގޮސް، ޤައުމުގައި ހަމަނުޖެހުންތައް އިތުރުވިއެވެ.

ބުއްޓޫގެ މަރާ ގުޅޭގޮތުން އެކި ފަރާތްތަކުން ދައްކާ ވާހަކަތައް ތަފާތެވެ. އެއް ބަޔަކު އެކަމުގެ ޒިންމާ ހައްދުފަހަނައަޅާފައިވާ ފަރާތްތަކުގެ ބޮލުގައި އަޅުވާއިރު، އަނެއް ބަޔަކު ބުނަނީ އެކަމުގައި ޒިންމާވާން ޖެހޭނީ ޕާކިސްތާނުގެ އަސްކަރިއްޔާއިން ކަމަށެވެ. އަނެއްކޮޅުން އެއީ ބޭނަޒީރުގެ ގާތް ބަޔަކު ކުރި ކަމެއްކަމަށްވެސް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ.

ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލިއިރު، ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާގެ ގޮތުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޖެނަރަލް ޕަރްވޭޒް މުޝައްރަފު ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުގެ ތެރޭގައި އެކަމުގައި ޒިންމާވާ ބަޔަކު ތިބެދާނެއެވެ. މުޝައްރަފު ޤަބޫލުކުރައްވާ ގޮތުގައި ބޭނަޒީރު ގެންގުޅުއްވި ހުޅަނގުގެ ވިސްނުންތަކުގެ ސަބަބުން އޭނާ އަވަހާރަކޮށްލަން އަސްކަރިއްޔާގެ ތެރެއިން ބަޔަކު ޠާލިބާނުންނަށް އެހީތެރިވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެފަދަ އެއްވެސް ހެއްކެއް މިހާތަނަށް ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

އަނެއްކޮޅުން ޖެނަރަލް މުޝައްރަފަކީ ބޭނަޒީރު އަވަހާރަކޮށްލުމުގެ ބައިވެރިވެވަޑައިގެންނެވިކަމުގެ ތުހުމަތުގައި ޝަރީޢަތް ހިންގުނު ފަރާތެކެވެ. މައްސަލަ ތަޙްޤީޤްކުރައްވާ ޕްރޮސެކިއުޓަރުން ވިދާޅުވާ ގޮތުގައި، ބޭނަޒީރު އަވަހާރަކޮށްލުމުގެ ދުވަސްކޮޅެއް ކުރިން މުޝައްރަފު ވަނީ އޭރު ޤައުމުން ބޭރުގައި ހުންނެވި ބޭނަޒީރާ ގުޅުއްވައި، ބިރުދައްކަވާފައެވެ. އެގޮތުން ބޭނަޒީރު އެނބުރި ޤައުމަށް ވަޑައިނުގަތުމަށާއި އަދި ޤައުމަށް ވަޑައިގަތުމުން އެކަމަނާއަށް ލިބިވަޑައިގަންނަވާ އެއްވެސް ގެއްލުމަކަށް ޒިންމާވެވަޑައިނުގަންނަވާނޭކަމަށް އޭރު ސިފައިންގެ ވެރިޔަކަށް ހުންނެވި މުޝައްރަފު ވިދާޅުވިކަމަށް ޕްރޮސެކިއުޓަރުން ވިދާޅުވެއެވެ. އެކަމަށް ބޭނަޒީރުގެ ގާތް ދެބޭފުޅަކު ހެކިވެވަޑައިގަތެވެ.

މީގެ އިތުރުން ބޭނަޒީރުގެ ފިރިހެން ދަރިކަލުން، ބިލާވަލް ޤަބޫލުކުރައްވާގޮތުގައި ބޭނަޒީރަށް ޙަމަލާދިނުމަށް މަގުފަހިކޮށްދިނީ މުޝައްރަފެވެ. އެގޮތުން އެކަމަނާގެ ސެކިއުރިޓީއަށް ބުރޫއަރުވައި، ދެއްވަން ޖެހޭ އެއްބާރުލުން ނުދެއްވާކަމަށް ބިލާވަލް ތުހުމަތުކުރައްވައެވެ.

ނަމަވެސް މުޝައްރަފު މިތުހުމަތުތައް ދޮގުކުރައްވައެވެ. މުޝައްރަފު ވިދާޅުވީ ބޭނަޒީރު މަރާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. މުޝައްރަފާ ދެކޮޅަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރައްވާއިރު، ޤައުމުން ބޭރުގައި އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވުމުގެ ސަބަބުން އޭނާގެ މައްޗަށް ހިންގާ ޝަރީޢަތް ކުރިއަކަށް ނުދެއެވެ.

މުޝައްރަފުގެ މައްސަލަ މަޑުޖެހިފައި އޮތްނަމަވެސް، އެމައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށް، ދަޢުވާވެސް ކުރިއެވެ. އޭގެެތެރޭގައި ބޭނަޒީރަށް ޙަމަލާދިން ކުއްޖާއަށް އެހީތެރިވި 5 މީހަކު ހިމެނެއެވެ. މި މީހުން ކުށަށް އިޢުތިރާފްވިނަމަވެސް، ފަހުން އެމީހުން ވަނީ ބަޔާންތައް ބަދަލުކޮށްފައެވެ. ނަމަވެސް އެމީހުންގެ ފޯނުކޯލްތަކާއި އުޅުނު ސަރަޙައްދުތަކުން އެމީހުންނާއި ބޭނަޒީރުގެ މަރާ ގުޅުން ހުރިކަން ހާމަވެގެން ދިޔައެވެ. މީގެ އިތުރުން ޑީއެންއޭ ހެކިވެސް ހޯދިއެވެ. އެހެންކަމުން އެމީހުންގެ މައްޗަށް ކުށް ސާބިތުވާނެކަމަށް ޕްރޮސެކިއުޓަރުން ވަރަށް ބޮޑަށް ޤަބޫލުކުރިއެވެ. ނަމަވެސް މައްސަލައާ ގުޅޭ ގޮތުން ހެކި ހުށަހެޅުމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ، މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ތުހުމަތު ކުރެވުނު މީހުން ދޫކޮށްލާފައެވެ.

ބޭނަޒީރު އަވާހަރަކޮށްލުމުގެ ތުހުމަތު އޭނާގެ ފިރިކަލުން، ޕާކިސްތާނުގެ ކުރީގެ ރައީސް ޢާސިފް ޒަރްދާރީގެ އިސްތަށިފުޅުގައި އަޅުވާ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް އެއީ މާބޮޑު ހެއްކެއް އޮވެގެން ދައްކާ ވާހަކަތަކެއް ނޫނެވެ. ބޭނަޒީރު އަވަހާރަކޮށްލީ އޭނާގެ ފިރިކަލުންކަމަށް ބުނެ މީހުން ވާހަކަދައްކަނީ، ބޭނަޒީރު އަވަހާރަވުމުން ޒަރްދާރީއަށް ޕާކިސްތާނުގެ ރައީސްކަން ލިބިވަޑައިގަތުމުންނެވެ. އަދި ރައީސްކަމުގައި ހުންނެވިއިރު ބޭނަޒީރުގެ މަރު އެކަށީގެންވާ މިންވަރަކަށް ތަޙްޤީޤް ނުކުރެވުމަކީވެސް ޒަރްދާރީއަށް ތުހުމަތުކުރާ މީހުންގެ ވާހަކައަށް ލިބުނު ބާރެކެވެ. އަނެއްކޮޅުން އދ.ގެ ޚާއްޞަ ކޮމިޝަނަކުން ބޭނަޒީރުގެ މަރު ތަޙްޤީޤްކުރުމަށް ކުރި މަސައްކަތަށްވެސް ޒަރްދާރީގެ ސަރުކާރުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުނުކަން އެކަމުގައި ޙަރަކާތްތެރިވި އިސް ފަރާތްތަކުންވެސް ފާހަގަކުރެއެވެ.

ބޭނަޒީރު އަވާހަރަކޮށްލުމުގެ ފަހަތުގައި ތިބީ ކޮންބައެއްކަން ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމަށް ބަޔަކު މަސައްކަތްކުރިކަން ތަޙްޤީޤްކުރުމުގައި ޙަރަކާތްތެރިވި ހުރިހާ ފަރާތަކުންވެސް ފާހަގަކުރެއެވެ. އެގޮތުން އެކަމުގައި ޙަރަކާތްތެރިވިކަމަށް ޝައްކުކުރެވޭ ބަޔަކު ވަނީ މަރުވެފައެވެ.

ބޭނަޒީރަށް ޙަމަލާދިން ކުއްޖާއަށް އެހީތެރިވިކަމަށް ބެލެވޭ ދެ މީހަކު ސިފައިންގެ ޗެކް ޕޮއިންޓަކުން ވަނީ މަރާލާފައެވެ. އަދި ބުއްޓޫ މަރާލުމަށް ދިން ޙަމާލާގައި ބޭނުންކުރި ބޮން ހަރުކޮށްފައިވާ ޖެކެޓް ހެދިކަމަށް ޝައްކުކުރެވޭ މީހާއާއި އެޖެކެޓް ކުޑަކުއްޖާއަށް ގެންގޮސްދިން މީހާވެސް ވަނީ މަރުވެފައެވެ. މީގެ އިތުރުން ގިނަ ބަޔަކު ޝައްކުގެ އިނގިލި ދިއްކުރާ ބޭނަޒީރުގެ އެންމެ އަރިސް އެއް ބޮޑީ ގާރޑުވެސް ވަނީ މަރާލާފައެވެ. މައްސަލަ ތަޙްޤީޤްކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި ދައުލަތުގެ ވަކީލުވެސް ވަނީ މަރާލާފައެވެ. އޭނާ މަރާލީ ތަޙްޤީޤަށް ބޮޑު ކުރިއެރުމެއް ލިބުނުކަމަށް އޭނާގެ ރަށްޓެހިކަން ކައިރީ ބުނެފައިވަނިކޮށެވެ.

ނަމަވެސް މިކަމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވި މީހުންގެ ތެރެއިން ދުނިޔޭގައި މިވަގުތު ހުރީ އެންމެ މީހެއްކަމަށް ބެލެވެއެވެ. އެއީ ބޭނަޒީރަށް ޙަމަލާދިން ކުއްޖާއާއެކު ޙަރަކާތްތެރިވި އިކްރާމުﷲ ކިޔާ މީހެކެވެ. ޙަމަލާގައި އޭނާގެ ބޭނުމަކީ ކުޑަކުއްޖާގެ ގައިގައި ހަރުކޮށްފައި ހުރި ބޮން ނުގޮވައިފިނަމަ، އެހެން ބޮމެއް ގޮއްވާލުމެވެ. ނަމަވެސް ކުޑަކުއްޖާ ގައިގައި ހަރުކޮށްފައިވާ ބޮން ގޮއްވުމުގެ ސަބަބުން، އިކްރާމުﷲ އަށް އިތުރު މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. ޑްރޯން ޙަމަލާއެއްގައި އޭނާ މަރުވިކަމަށް ޕާކިސްތާނުން ކުރިން ބުނިނަމަވެސް، މިއަހަރު ޕާކިސްތާނުން ޢާއްމުކުރި ޓެރަރިސްޓުންގެ ލިސްޓުގެ 9 ވަނައިގައި އޮތީ އޭނާގެ ނަމެވެ. ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އޭނާ މިހާރު އުޅޭނީ އަފްޣާނިސްތާނުގައި، ޠާލިބާން ހަނގުރާމަވެރިންނާ އެކުއެވެ. އަދި އޭނާއަކީ ބޭނަޒީރުގެ މަރުގެ ޙަޤީޤަތް އެނގޭނެ މީހަކަށް ވާނޭކަމަށް ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.

ޕާކިސްތާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، އަދި މުސްލިމް ޤައުމެއްގެ ސަރުކާރު ހިންގެވި ފުރަތަމަ އަންހެން ވެރިޔާ، ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލިތާ 10 އަހަރުވީއިރު، އެކަމާ ގުޅިގެން މިހާތަނަށް އަދަބެއް ދީފައިވަނީ އެންމެ 2 މީހުންނަށެވެ. އެއީ ބޭނަޒީރަށް ޙަމަލާދިން ސަރަޙައްދު ފެންޖަހައި ދޮވުމަށް އަމުރުކުރި ފުލުހުންގެ 2 އޮފިސަރުންނެވެ. ނަމަވެސް އެއީ އިންސާފުން ކުރި ޙުކުމެއްކަމަށް ގިނަ ބަޔަކު ނުދެކެއެވެ. އެއީ އެސަރަޙައްދު ފެން ޖަހައި ދޮންނަނީ އަސްކަރިއްޔާއިން އެކަމަށް އަމުރުކުރުމުންކަމަށް ގިނަ ބަޔަކަށް އެނގޭތީއެވެ. އެހެންކަމުން ބޭނަޒީރު އަވަހާރަކޮށްލިތާ 10 އަހަރުވީއިރުވެސް އެކަމުގެ އަޑީގައި ތިބީ ކޮންބައެއްކަން އަދިވެސް ހޯދޭ ގޮތެއް ނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު، ރައީސް އޮފީހުން ވަކިކޮށްފި

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރުކަމުން ވަކިކުރައްވައިފިއެވެ. ޝިފާޒު ...

އެފްއެސްއެމްއިން ލިޔެކިޔުންތައް ނައްތާލީ ހަދާފައި ހުރި ގޯސް ފޮރުވަން: އިލްޔާސް

ވެރިކަން ބަދަލުވުމުގެ މަސައްކަތްތައް ކުރިއަށްދަނިކޮށް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ލިޔެކިއުންތައް ނައްތާލީ ގޯސްތައް ފޮރުވަން ކަމަށް ...

50 އަހަރު ފަހުން އެމެރިކާގައި އެބޯޝަން ހެދުން ނިމުމަކަށް ގެނެސްފި

އެމެރިކާގައި އެބޯޝަން ހުއްދަ ކޮށްފައި އޮތް އޮތުން އެގައުމުގެ ސުޕްރީމް ކޯޓުން ނިމުމަކަށް ގެނެސްފިއެވެ މީގެ 50 އަހަރު ...