
ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލީގެ އަލާމާތެއް ނެތް މީހުންގެ ކަރަންޓީނުގެ މުއްދަތު ކުރު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން، ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން އެކަހެރިކުރާ އަދި ކަރަންޓީނުކުރާ މުއްދަތަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވާ ފަރާތްތައް އެކަހެރިކުރާ މުއްދަތު:
– ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، އެމީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވި ސާމްޕަލް ނަގާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެވެ. މި ހަތް ދުވަހުގެ މުއްދަތު ހަމަވުމުން އެމީހަކު އެކަހެރިކުރެވިފައިވާ މުއްދަތު ނިމޭނެއެވެ. ބަލީގެ އަލާމާތެއް ހުރިނަމަ، އެކަހެރިކުރާ މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރު ވުމުންނެވެ.
– އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ސާމްޕަލް ނަގާ ތާރީހުން ފެށިގެން ހަތް ދުވަސް ފުރިހަމަވުމާއެކު މަސައްކަތަށް ނުކުންނަންޖެހޭ ސިއްހީ ހިދުމަތްދޭ ތަންތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައްފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަންވާނީ އެންޓިޖެން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްވުމުންނެވެ. އެންޓިޖެން ޓެސްޓު ހަދާނީ މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ހެލްތުން އެންޓިޖެން ޓެސްޓު ހެދުމުގެ ހުއްދަ ދީފައިވާ ތަނަކުންނެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނުކުރާ މުއްދަތު
– ކޮވިޑް19 ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ ކޮވިޑް19 އަށް ފައްސިވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭނީ ފައްސިވި މީހާއާ ކޮންޓެކްޓުވި ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަށެވެ. މި 10 ދުވަސް ފުރިހަމަވުމުން، ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓުކުރުމަކާނުލައި ކަރަންޓީނުން ދޫކުރެވޭނެއެވެ.
– އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެ މީހަކު ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާ ތާރީހުން ފެށިގެން ފަސް ދުވަސް ފުރިހަމަވުމުން، ޕީސީއާރް ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ނަމަ ކަރަންޓީނުން ދޫކުރެވޭނެއެވެ. މިގޮތަށް އަމަލު ކުރާނީ ޕޮޒިޓިވްވާ މީހުންނާއި މުޅިން ވަކިން ކަރަންޓީނުގައި ތިބޭ މީހުންނަށެވެ.
– .ކޮވިޑް19 ވެކްސިން ފުރިހަމަނުވާ ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭ މުއްދަތަކީ ޕޮޒިޓިވް މީހާއާ ކޮންޓެކްޓުވި ތާރީހުން ފެށިގެން 14 ދުވަހެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ފުރިހަމަވުމުން ޕީސީއާރް ޓެސްޓު ހަދާ ނަތީޖާ ނެގެޓިވް ވުމުންނެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް19 ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ކަމުގައި ބެލެވޭނީ ދިވެހި ރާއްޖޭގައި ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަދީފައިވާ ނުވަތަ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން އިމަޖެންސީ ޔޫސް ލިސްޓިން ގައި ހިމަނާފައިވާ ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަވެފައިވާނަމައެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން އެކަހެރި ކުރާ މުއްދަތާއި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރާ މުއްދަތަށް ބަދަލު ގެނައުމުން މިހާރު އެކަހެރިކުރެވިފައިވާ އަދި ކަރަންޓީނުކުރެވިފައިވާ ފަރާތްތައް އެ ނިންމުމުގައިވާ ގޮތުގެ މަތިން މުއްދަތުތައް ފުރިހަމަވެފައި އަދި ކަނޑައެޅިފައިވާ ގޮތުގެ މަތިން ޓެސްޓުގެ ނަތީޖާ ލިބިފައިވާނަމަ އެކަހެރިވުން/ކަރަންޓީނުވުން ނިމޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މަސްދަރު: ހަތާވީސް

ކޮމެންޓްސް (0)