ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުންނަށް ހިދުމަތްތައް ދިނުމުގައި ދަތިތަކެއް ކުރިމަތި ކުރުމުގެ ގޮތުން އުސޫލެއް އާއްމުކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ އެ އުސޫލުގައި ބުނެފައި ވަނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ެކްސިނަށް ޝަރުޠު ފުރިހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ޖެހުމަށް އަންގާ ކަމަށެވެ.
އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމަށްޓަކައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުޠުހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކާމެދު، ވަކިގޮތެއް އަންގަންދެން، ފަސް ކަމަކަށް އަމަލު ކުރެވޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް:
- ހޮޓާ އަދި ކެފޭ ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން
- ޖިމްތަކާއި، ސެލޫންތަކާއި، ސިނަމާތަކުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން
- ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފުލައިޓް ތަކުން ދަތުރު ކުރުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން
- ރައްޔިތުންނާ ގާތުން ދޭންޖެހޭ އާންމު ހިދުމަތްތައް ދޭ ފަރާތްތަކަށް (ޓެކްސީ ޑްރައިވަރުން، ވެއިޓަރުން، ޖިމްތަކާ ސެލޫންތަކުގައި މަސައްކަތްކުރާ ފަރާތްތައް ފަދަ) ވަކި ކަންކަމެއް ޝަރުތުކުރުން
- އޮފީސްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން އޮފީހަށް ހާޒިރުވުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން
އެޗްޕީއޭ އިން ބުނީ އެކަންކަމާމެދު ކަމާގުޅޭ މުއައްސަސާތަކުން ޝަރުތުތަކާއި ފިޔަވަޅުތައް ކަނޑައަޅައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލު ކުރުމަށް އެފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ނިއު ނޯމަލް ހާލަތަކަށް ގެނެވިފައިވާކަމަށާއި މިހާރު އެންމެ މުހިއްމީ ވެކްސިންޖެހޭ އާބާދީއަށް ވެކްސިންޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި ކޮވިޑްގެ ޙާލަތު ނިއު ނޯމަލް ހާލަތަށް ބަދަލުވެފައިވާކަން ފާހަަގަކުރައްވައި މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހުރިއްޔާ ވަނީ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންޖަހައި ނިންމުމަށް ބާރުއަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
މިނިވަން ދުވަހުގެ މުނާޞަބަތުގައި ޤައުމާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައިވަނީ މިމަހުގެ ނިޔަލަށް ރާއްޖޭގެ އެންމެންނަށް ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހާ ނިންމުމަކީ އަމާޒެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ވެކްސިން ޖަހާ އުމުރުގެ %90 މީހުންނަށް އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހުން ކަމަށެވެ. މި މަސައްކަތުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ވެކްސިންގެ ބޮޑު ޕްރޮގްރާމެއް ފަށާފައެވެ.
ވެކްސިން ކެމްޕޭނަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބާއި ވަޒީރުންނާއި ސިއްޙީ ދާއިރާގެ ބޭފުޅުންނާއި ދީނީ ޢިލްމުވެރިންނާއެކު ގިނަ ބަޔަކު އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. ސަބަބަކީ ރާއްޖެއަކީ ވެކްސިންޖެހުމުގެ ޝަރުތު ހަމަވާ މުޅި އާބާދީއަށް ބޭނުންވާ ވެކްސިން ލިބުނު މަދު ޤައުމުތަކުގައި ހިމެނޭ ޤައުމަކަށްވެ މިބަލިމަޑުކަމުން އަރައިގަތުމަށް ކާމިޔާބުކަމާއެކު ވެކްސިން ފުރިހަމައަށް ދެވޭނެ މަދު ޤައުމުތަކުގެ ތެރޭގައިވުމުންނެވެ. އެހެންކަމުން ވިޔަފާރިތައް ހުޅުވާ އިޤްތިސާދީ ގޮތުން ޤައުމު ހިނގައިގަންނަން އުޅޭ މިދަނޑިވަޅުގައި އަދި އެތައް ދުވަހެއްވަންދެން ގޭގައި ބަންދުވެގެން ތިބުމަށްފަހު ބޭރަށް ނުކުމެ ރަށްރަށަށް ދަތުކުރުކުރުމަށް ލިބުނު މިލުއި މިގޮތުގައި ދެމެހެއްޓުމަށް ވެކްސިންއަށް ޝަރުތުހަމަވާ ހުރިހާ އެންމެން ވެކްސިން ފުރިހަމަ ކުރަންޖެހެއެވެ.
ވެކްސިން ޖެހުމަށް ދަތިވާނަމަ ވެކްސިން ސެންޓަރުތަކުގައި ޤާއިމުކުރެވިފައިވާ އަދި ސަލްޓަންޕާކު ސަރަޙައްދުގައި ހުރި ހެލްޕް ޑެސްކްތައް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖައްސާ ވެކްސިންޖެހުމަށް އެހީތެރިވުމުގެ ކަންކަންވެސް މިހާރުވަނީ ހަމަޖައްސާފައެވެ. އެހެންކަމުން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކާއި ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ފަރާތްތަކުން އަވަހަށް ވެކްސިން ޖެހުމަކީ މުހިއްމުކަމެކެވެ.
ކޮމެންޓްސް (0)