މީދޫގެ ދަރުމަވެރީންގެ ޚިދުމަތް ފާހަގަކޮށް އެފަރާތްތަކަށް ހަނދާނީ ލިއުންދީފި

ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން މީދޫ އަވަށު އޮފީހުން ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

ރޭ ޑެލިފްރެޝް ފެމިލީ ރެސްޓޯރެންޓަގައި ބޭއްވުނު މިފަހްލާގައި އެކިދާއިރާތަކުން މީދޫގައި ހިލޭސާބަހަށް މަސައްކަތްކުރަމުން އަންނަ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށްވަނީ ހަނދާނީ ލިއުމެއްދީފައެވެ.

މިގޮތުން އަންހެނުން ބާރުވެރިކުރުމާއި އަންހެނުންގެ ކުރިއެރުވުމަށް ގިނަ ހަރަކާތްތަކެއް ހިންގައި އެކި ރޮގުރޮގުން މީދޫއަށާއި މީދޫ ރަށްޔިތުންނަށް ކޮށްދެއްވާފައިވާ އަގުހުރި ދަރުމަވެރި ޚިދުމަތުގެ އަގުވަޒަންކޮށް ދެވުނު ހަނދާނީ ލިއުން ލިބިފައިވަނީ ” މީދޫ އެކުވެރިންގެ ޗޭން ” ޖަމްއިއްޔާއަށެވެ.

އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ ރޮގުން ސެޓްފިކެޓް ލިބިލެއްވީ ޗޭނުޖަމްއިއްޔާއަށް

ގޮޑުތައް މައިޒާންތަކަށް ބަދަލުކޮށް ސާފު ނަލަ ނަލަ ރަށަކަށް މީދޫ ހެދުމަށާ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ކުރައްވަމުން ގެންދަވާ ދެމެހެއްޓެނިވި ދަރުމަވެރި ޚިދުމަތުގެ އަގުވަޒަންކޮށް ދެވުނު ހަނދާނީ ލިއުން ލިބިފައިވަނީ މީދޫ ” ނަލަފެހި ” ޖަމްއިއްޔާއަށެވެ.

ތިމާވެށީގެ ރޮގުން ސެޓްފިކެޓް ލިބިލެއްވި ނަލަފެހި ޖަމްއިއްޔާ

ޒުވާނުން މަސްތުވާ ތަކެއްޗާއި ދިމާލަށްދިއުން ހުއްޓުވުމަށާ ކުޅިވަރާއި އެހެނިހެން ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް ހިންގާ ގިނަގުނަ ހަރަކާތްތައް ފާހަގަކޮށް ދެވުނު ހަނދާނީ ލިއުން ދެވިފައިވަނީ ” މުލިމަތި ” ޖަމްއިއްޔާއަށެވެ.

މަސްތުވާ ތަކެތެއްޗާއި ގުޅޭގޮތުން ހޭލުންތެރި ކުރުމަށް މަސައްކަތްކުރުމުގެ ރޮގުން ސެޓްފިކެޓް ލިބިލެއްވީ މުލިމަތި ޖަމްއިއްޔާއަށް

ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް އަމިއްލަފުޅަށް އިސްނަންގަވައިގެން ގިނަ ދަރުސްތަކެއް ދެއްވުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގަވާ ޕްރޮގްރާމްތަކާއި އެހެނިހެން އަގުހުރި މަސައްކަތްތައް ފާހަގަކޮށް ދެވުނު ހަނދާނީ ލިއުން ދެއްވާފައިވަނީ މީދޫ ދޮންދީދީ މަންޒިލް އައްޝެއިޚް މުހައްމަދު ޠޮއްޔިބުއަށެވެ.

މީދޫގައި ތައުލީމީ ބިންގަލެއް އަޅުއްވައިދެއްވައި ފަޚުރުވެރި ތައުލީމީ ދަރިންތަކެއް އުފެއްދެވި ހިތްވަރުގަދަ އުސްތާޒަށް ދެވޭ ހަނދާނީ ލިއުން ދެއްވާފައިވަނީ މީދޫ ހެޕީވިލާ މުހައްމަދު މަޖީދުއަށެވެ.

މީދޫގައި ތައުލީމީ ބިންގަލެއް އަޅުއްވައިދެއްވި މަޖީދަށް ލިބިލެއްވި ސެޓްފިކްއާއި ހަވާލްވެ ވަޑައިގެންނެވީ ލުބުނާ މަޖީދު މުޚްތާރު

މީދޫގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އެންމެ މަގުބޫލް އެއްމަންޒިލަކަށް މަތިކިޅި އެކޯގާޑަން  ހެއްދެވުމަށް ކުރެއްވި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް ދެވޭ ހަނދާނީ ލިއުން ދެއްވާފައިވަނީ މީދޫ ފަނާރު އަބްދުﷲ ޒުހުރީއަށާ މީދޫ ދޯދީ މުހައްމަދު ސަލާހުއަށެވެ.

އެކޯގާޑަން އާއި ގުޅިގެން ސެޓްފިކެޓް ލިބިލެއްވި ސަލާހު

ތުއްތު  ސިކުޑިތައް ތަރައްގީކުރުމާއި އެ ތުއްތު ކުދީންނަށް ތައުލީމާއި ހުނަރު ދަސްކޮށްދެއްވުމަށް ކުރައްވާ މިންނެތް މަސައްކަތުގެ އަގުވަޒަންކޮށް ދެވޭ ހަނދާނީ ލިއުން ދެވިފައިވަނީ އަސްރިއްޔާ ޕްރީސްކޫލް އަށާ ޝަރީފީ ޕްރީ ސްކޫލަށެވެ.

ހިލޭ ސާބަހަށް މީދޫގެ ރަށްޔިތުންނަށް ފަތަންދަސްކޮށްދިނުމަށް ކުރައްވާ ބުރަ މަސައްކަތުގެ އަގުޒަންކޮށް ދެވޭ ހަނދާނީ ލިއުން ދެވިފައިވަނީ ކަރަންކާވާދީ ، ހުސެން މުފީދަށެވެ

ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރައްވަމުންގެންދަވާ އަގުހުރި މަސައްކަތުގެ އަގުވަޒަންކޮށް ދެވޭ ހަނދާނީ ލިއުން ދެވިފައިވަނީ ބަންޑާރަދަނޑިގޭ އާމިނަތު މުހައްމަދުދީދީއަށެވެ.

ސިއްހީ ޚިދުމަތުގެ ރޮގުން ސެޓްފިކެޓް ލިބިލެއްވި : އާމިނަތު މުހައްމަދުދީދީ

ދިވެހިބޭހާއި ބެހޭ މައުލޫމާތު ދިނުމާއި ޚާއްސަކޮށް ލޮލުގެ ބަލިތަކަށް ހިލޭ ސާބަހަށް ފަރުވާކޮށްދެއްވާތީ އެކަމުގެ އަގުވަޒަންކޮށް ދެވުނު ހަނދާނީ ލިއުން ދެވިފައިވަނީ އާމިނަތު ރަހުމާއަށެވެ.

ކޮވިޑް 19 ގެ ނުރައްކާތެރި ކަމުގައި މުޅި ދިވެހިރާއްޖެ ފުރަބަންދުގައި އޮތް ހާލުގައި ރަށްޔިތުންނަށް ކާބޯތަކެތި  ފޯރުކޮށްދިނުމަށާ  މާލެން ރަށަށް ބަދަލުވި ރަށްޔިތުން ކަރަންޓީނަށް ގެންދިއުމުގައި މީދޫ އަވަށު އޮފީހާއެކު ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ ހަނދާނީ ދެވިފައިވަނީ އުއިގަސްދޮށުގޭ އަހުމަދު ވަހީދަށާ މީދޫ ރަންދާން މުހައްމަދު އަރުޝަމްއަށެވެ.

ކޮވިޑްގެ ކަންތަކާއި ގުޅިގެން ސެޓްފިކެޓް ލިބިލެއްވި

ކުޅިވަރުގެ ރޮގުން ހުނަރުވެރި ޖީލެއް އުފެއްދުމަށްޓަކައި އިސްނަގައިގެން ތުއްތުކުދީންނަށް ހިލޭސާބަހަށް ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތުގެ އަގުވަޒަންކޮށް ދެވޭ ހަނދާނީ ލިއުން ދެވިފައިވަނީ ” އާރލީ ޓަޗް ފުޓްބޯޅަ އެކަޑަމީ ” އަށެވެ.

މީދުއަށް ކުޅިވަރުތައް ތައާރަފްކޮށް ދެއްވައި ކުޅިވަރު ޓީމްތައް އުފައްދަވައި ރަޖިސްޓްރީކޮށް ކުޅިވަރު ދިރުވުމަށް މަސައްކަތް ކުރައްވާފައިވާތީ އެކަމުގެ އަގުޒަންކޮށްދިނުމުގެ ގޮތުން ދެވުނު ހަނދާލީ ލިއުން ލިބިލެއްވީ މީދޫ ދިވެހި އަލީ ވާފިރަށެވެ.

ޚަބަރާއި މައުލޫމާތު ފެތުރުމާއި އިޖްތިމާއީ ކަންކަމުގައި މެދުކެނޑުމެއްނެތި ހަރަކާތްތެރިވާތީ އެކަމުގެ އަގުވަޒަންކޮށްދެވުނު ހަނދާނީ ލިއުން ލިބިލެއްވީ އިބްރާހިމް ސައީދުއަށެވެ.

މީދޫގެ ދަރުމަވެރިންގެ ޚިދުމަތްތައް ފާހަގަ ކުރުމަށް މީދޫ އަވަށު އޮފީހުގެ ފަރާތުން ދެއްވި ހަނދާނީ ލިއުން އެފަރާތްތަކާއި ހަވާލްކޮށްދެއްވާފައިވަނީ އައްޑޫމީދޫދާއިރާގެ ކައުންސިލަރު ހިޔާޒު ހަސަންއެވެ.

ދަރުމައަށްޓަކައި ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ޚިދުމަތް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މީދޫ އަވަށުއޮފީހުން އެފަރާތްތަކަށް ހަނދާނީ ލިއުންދީފައިވާއިރު މިއީ މިދުވަސް މީދޫ އަވަށު އޮފީހުން ފާހަގަކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.

މީދޫއަވަށު އޮފީހުން ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތަށް ހުޅުދޫއާއި މީދޫ އަވަށުގެ މުވައްސަސާތަކުގެ އިސްވެރީންނަށާ ބައެއް ޖަމްއިއްޔާތަކުގެ އިސްވެރީންނަށް ދައުވަތު ދެއްވާފައިވެއެވެ.

ޑިސެމްބަރު 5 ވަނަ ދުވަސް ބައިނަލްއަގްވާމީ ދަރުމަވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މި އަހަރަކީ ދަރުމަވެރިންގެ ޚިދުމަތުގެ މުހިންމުކަން މުޅި ދުނިޔެއަށް ހާމަވެގެންދިޔަ އަހަރެކެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެވޭ މަސައްކަތުގައި ދަރުމަވެރިންގެ ބައިވެރިވުން ފުޅާ ދާއިރާއެއްގައި ވަނީ ލިބިގެންގޮސްފައއެވެ. އަދި  ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ކުރެވެމުންދާ މަސައްކަތުގައި ވެސް ދަރުމަވެރިން ޚިދުމަތްތެރިކަން ދަނީ ނުހަނު ބޮޑަށް ފެންނަމުންނެވެ.

ޚަބަރާއި ގުޅޭ ފޮޓޯތައް: އޭއޯނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެއިން އިތުރު 2،484 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 2،484 މީހުންނަށް ކޮވިޑް19 ބަލި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ...

ގައުމު ސްޓްރީޓް ކަޕް 2020: އިއްޔެ ކުޅެވުނު މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ އިއްޔެ ކުޅުނު މެޗްތަކުގެ ނަތީޖާ: އެފްއާރުޓީ އަދި ...

މަޙްމޫދުގެ ހަށިގަނޑުގެ ޓެސްޓުތަކެއް ހެދުމަށް މާލެ ގެންގޮސްފި

އދ.ދަނގެތީގައި މަރާލައިފައި އޮއްވާ ފެނުނު މަޙްމޫދު އަބޫބަކުުރު (57 އ) ގެ ހަށިގަނޑުގެ ޓެސްޓުތަކެއް ހެދުމަށް މާލެ ގެންގޮސްފިއެވެ. ...