ނިމިދިޔަ ގައުމު ސްޓްރީޓް ކަޕް –ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މީދޫ ލޮތަރި އެފްސީ ހޯދިއިރު ގިނަބައެއްގެ ލޯ އަމާޒްވެގެން ދިޔަ އެއް ކުޅުންތެރިއަކީ ލޮތަރި އެފްސީގެ ޖާޒީނަމްބަރ 10 އަށް ކުޅުނު ރަޔަން މުއްސަދުއެވެ.
ގައުމު ސްޓްރީޓް ކަޕްގައި ރަޔަން ވަނީ އޭނާގެ ފުޓްބޯޅައިގެ ހުނަރު އެންމެންނަށް ދައްކާލައި މުބާރާތުގެ ޗެމްޕިއަންކަން ލޮތަރި އެފްސީއަށް ހޯދައި ދިނުމުގައި މުހިއްމު ދަޢުރެއް އަދާކޮށްދީ މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
އައްޑޫސިޓީ މީދޫ ފުޓްބޯޅައިގެ ޢާއިލާއަކަށް އުފަން ރަޔަން ފާހަގަ ކުރެވިފައިވަނީ އެންމެ ތުއްތު އިރުން ފެށިގެންވެސް ފުޓްބޯޅައަށް ނުހަނު ޝަޢުޤުވެރިކަން ހުންނަ އަމިއްލައަށް އިސްނަގައިގެން ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ އަޚްލާޤު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ރަޔަން ފުޓްބޯޅައިގެ ހުނަރު އެންމެބޮޑަށް ތަރައްޤީވެ ކުރިއަރައިގެން ދިއުމުގެ އެންމެބޮޑު އެއް ސިއްރަކީ އީޓީއެފްގައި ރަޔަންއަށް ލިބުނު ތަމްރީނުތަކުގެ އިތުރަށް ފުޓްބޯޅައިގެ ހުނަރު ދަސްކުރުމަށް އަމިއްލައަށް ކޮށްފައިވާ މަސައްކަތްތައްކަމަށް ރަޔަންވަނީ ހާމަކޮށްދީފައެވެ.
އުމުރުން ވަރަށް ހަނގު އުމުރުގައި ސްކޫލްގައި އުޅެމުން އީޓީއެފް އެކެމީ އާއި ގުޅި ރަޔަންވަނީ އޭނާގެ ހުނަރު އެތަށް ތަނަކުން ކުރިއަށް ޖައްސާލައިފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ލިބުނު ތަމްރީނުތަކާއެކު އައްޑޫސިޓީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތްތަކުގައި އަތޮޅުމަދަރުސާޓީމްގައި ހިމެނިގެން ރަޔަންވަނީ ރަނގަޅު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އަދި އެ މުބާރާތްތަކުގައި ހޮވި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ރަޔަން ހިމެނިފައެވެ.
ގައުމު އެފްސީ ސްޓްރީޓްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރަޔަން ހިމެނުނު ލޮތަރި އެފްސީއަށް ލިބުމަކީ ފުޓްބޯޅައިން ރަޔަންއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއެވެ.
ރަޔަންގެ ފުޓްބޯޅައިގެ އެންމެ ހާއްޞަ ހުނަރެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރަނީ އިދިކޮޅު ޑިފެންޑަރުން ބީޓްކޮށްލުމުގައި އޭނާގެންގުޅޭ ހުނަރުވެރިކަމެވެ. އަދި ހަމަ އެހެންމެ ރަޔަންގެ ފަރާތުން ފެނިގެންދާ ކޮއްޓުމާއި ނެއްޓުމުގެ ހުނަރަކީ ގިނަބައެއްގެ ތަޢުރީފް ރަޔަންއަށް އޮހިގެންދާ އެއް ސަބަބުވެސް މެއެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ގަބޫލްކުރާ އާޖެންޓީނާގެ ބާސެލޯނާއަށް ކުޅެމުން އަންނަ މެސީގެ ކުޅުން ނަމޫނާއަކަށް ބަލަމުން އަންނަ ރަޔަން އެންމެ ކުޅޭހިތުން ގަޔާވެގެން ކުޅޭ މަޤާމަކީ އެޓޭކިންގ މިޑްފީލްޑަރެވެ.
ޔޫޓިޔުބުން ވީޑިއޯ ބަލައިގެން ރަޔަން ފުޓްބޯޅައިގެ ހުނަރު އެއްދުވަހުން އަންނަ ދުވަހަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާއިރު ރަޔަން އަންނަނީ އޭނާގެ މަންމަ އާއި ބައްޕަގެ ބަސްއަހައިގެން ފުޓްބޯޅައިން ރަނގަޅު ކާމިޔާބު ތަކެއް ހާސިލްކުރަމުންނެވެ
ރަޔަން ސްކޫލްގައި ހޭދަކުރި ދުވަސްވަރު ސްކޫލް މުބާރާތްކުން ފުޓްބޯޅައިން ސްކޫލަށް ރަންވަނަތަކެއް ހާސިލްކޮށްދީ ރަޔަން ވަނީ ސްކޫލްގެ ސްޓާފުންނާއި ސްކޫލްގެ ބެލެނިވެރިން ހިނތުން ކުރުވާދީފައެވެ.
އަޅުގަނޑުމެންގެ އުންމީދަކީ އަދި އެދުމަކީ މުސްތަޤްބަލްގައި ރަށާ އަތޮޅުގެ އަދި ރާއްޖޭގެ ނަންވިދާލާ ފަދަ ހުނަރުވެރި މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށްވެ މުޅިޤައުމު ހިނިތުން ކުރުވާފަދަ ކުޅުންތެރިއެއްގެ ގޮތުގައި ރަޔަން ވެގެންދިއުމެވެ.
ކޮމެންޓްސް (0)