ގދ.ހޯޑެއްދުއިން ގިނަ ޢަދަދެއްގެ މީހުން ކޯވިޑް19އަށް ޕޮސިޓިވްވުމާއި ގުޅިގެން އެރަށަށް ސިއްޙީ އެހީތެރިންގެ ޓީމްއެއް ފޮނުވައިފިއެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަތޮޅުތަކުގެ ޓީމްތައް ކޯޑިނޭޓްކުރެއްވުމުގައި އިސްކޮށް އުޅުއްވާ އަބްދުﷲ މައުރޫފް ވިދާޅުވި މި ޓީމަކީ ގދ.ތިނަދޫ އަބަދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްއިން އެރަށަށް ފޮނުވި ޓީމްއެެއްކަމަށެވެ. މީގެތެރޭގައި ޑޮކްޓަރަކާއި ނަރުހުންނާއި ޓެކްޓިކަލް ބޭފުޅުން ހިމެނެއެެވެ.
މައުރޫފް ވިދާޅުވީ ބަލިމީހުންނާއި ގުޅިގެން މަސައްކަތްކުރަންޖެހޭ މީހުންނަށް ދޭންޖެހޭ އިރުޝާދު ދިނުމާއި، އަދި އެމީހިންނަށް ބޭނުންވާ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ޕީޕީއީވެސް އިތުރަށް ފޮނުވާފައިވާކަމަށެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތަކަށް ޚާއްސަކޮށްގެން އެރަށުގައި ހޮޓްލައިނެއްވެސްވަނީ މިހާރު ގާއިމުކޮށްފައެވެ. ކައުންސިލުން އިސްނަގައިގެންވެސްވަނީ ރަށުގައި ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަމަށްް މައުރޫފް ވިދާޅުވިއެވެ.
” މީހުން އެއްވެއުޅުން މަދުކުރުމަށް ކެފޭ ރެސްޓޯރަންޓްތަކާއި އާއްމު އެހެނިހެން ޚިދުމަތްތައްވެސްވަނީ ހުއްޓާލާފައި. އެހެން ނަމަވެސް ކައުންސިލުންވަނީ އާއްމުންނަށް ދަތިނުވެ އަސާސީ ޚިދުމަތްތައް ލިބޭނެގޮތްތައް ހަމަޖައްސާފަ.” މައުރޫފް ވިދާޅުވިއެވެ.
މައުރީފް ވިދާޅުވީ ރަށުން ކުއްލިއަކަށް ގިނަ ކޭސްތައް ފެނުމާއި ގުޅިގެން ސައިކޯސޯޝަލް ސަޕޯޓް ލިބޭނެ ގޮތްތައްވެސް ހަމަޖައްސާފައިވާކަމަށެވެ.
ހޯޑެއްދުއިން ޕޮސިޓިވްވި ދެމީހުންނާއި ގުޅުންހުރި އިތުރު 19މީހަކުވަނީ ޕޮސިޓިވްވެފައެވެ. ރަށް މިހާރު އޮތީ މޮނިޓަރިންގަގައެވެ.
ކޮމެންޓްސް (0)