މާލޭގައި ތިބެފައި ކަރަންޓީނު ވުމަށްދާ ރަށަށް ދިއުމުގެ ދަތުރު ހަމަޖައްސަން ޖެހޭނީ އަމިއްލައަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާފައިވާތީ މިއަދު މާލެން ހުޅުދުއަށް ވަޑައިގެންނެވި އައްޑޫސިޓީ ކައުންސިލްގެ ހުޅުދޫދާއިރާގެ މެމްބަރު އިބްރާހިމް ޝުކުރީ ހުޅުދުއަށް ވަޑައިގަތުމަށްފަހު ހުޅުދޫ ބަނދަރުން ފޮށިތައް ހިފައިގެން ގެއަށް ވަޑައިގެންނެވީ ބަރޯ ގާޑިއާކަށް ފޮށިތައް އަރުވައިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތައް ޝުކުރީ ގެއަށް ވަޑައިގެންނެވީ ކާރު އަދި ޕިކަޕް ދުއްވާ އެއްވެސް ފަރާތަކުން މާލޭގައި ތިބެފައި ކަރަންޓީނަށް އަންނަ އެއްވެސް މީހަކު ކާރަށް ނުވަތަ ޕިކަޕަށް އަރުވައިގެން ދަތުރުކޮށްނުދޭތީއެވެ.
ރަށްރަށުގައި ގޭގައި ކަރަންޓީނުވާން މާލެން އަންނަ ފަރާތްތައް މީގެކުރީން ރަށަށް އައުމުން އެރަށެއްގައި ގާއިމްކޮށްފައިވާ އެސްއެސްޑީ ގްރޫޕްގެ ބެލުމުގެ ދަށުން ސިއްހީމަރުކަޒުގެ އެމްބިއުލެންސުގައި އެމީހަކު ކަރަންޓީން ވުމަށް ހަމަޖެފައިވާ ގެއަކާ ހަމައަށް ގެންގޮސް ދެނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވައިގެންތިބޭ އެރަށެއްގެ ސިއްހީމަރުކަޒުގެ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ.
އެޗްޕީއޭއިން މިހާރު ހަމަޖައްސާފައި އޮންނަގޮތުން ރަށްރަށުގައި ގޭގައި ކަރަންޓީނުވާ ފަރާތް “ހާލު ބެލުން” ޕޯޓަލްގައި އަމިއްލަ އަށް ނުވަތަ އެހެން މީހެއްގެ އެހީތެރިކަމާއި އެކުގައި ރަޖިސްޓްރީވާން ޖެހެއެވެ. އަދި ރަޖިސްޓްރީވުމަށްފަހު އެ ޕޯޓަލް މެދުވެރިކޮށް ކަރަންޓީންވުމަށް އެދެން ޖެހެއެވެ. ކަރަންޓީން ވާނީ އެމީހަކު އަމިއްލަ އަށް ކަނޑައަޅާ ތަނެއްގައި ކަމަށް އެޗްޕީއޭއިން ރަށްރަށުގައި ކަރަންޓީނުވުމަށް ހަމަޖައްސި އުސޫލުގައިވެއެވެ.
ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ކަރަންޓީން ވުމަށް އެދުމުން އެކި މަރުހަލާތަކުގައި ޕޯޓަލް އިން އެ މައުލޫމާތު ބެލޭނެ ކަމަށްވެސް ރަށްރަށުގައި ކަރަންޓީނުވުމަށް ހަމަޖެއްސި އުސޫލުގައިވެއެވެ. ކަރަންޓީނުވުމަށް ދާ ރަށަށް ދަތުރު ހަމަޖައްސާނީ އަމިއްލަ އަށް ކަމަށާއި ކަރަންޓީނުގެ މުއްދަތު ފެށޭނީ ރަށަށް ދަތުރުކުރާ ތާރީހުން ފެށިގެން ކަމަށްވެސް އުސޫލުގައިވެއެވެ.
އުސޫލުގައިވާ ގޮތުގައި “ހާލު ބެލުން” ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކުވެސް ރިޕޯޓު ކުރަންޖެހެއެވެ. އަދި ބޭސްފަރުވާ ކުރަމުންދާ އެހެން ބައްޔެއް ނުވަތަ ސިއްހީ އެހެން މައްސަލައެއް އުޅޭ ކަމަށްވާ ނަމަ އެކަމެއްވެސް ރިޕޯޓު ކުރަންޖެހެއެވެ.
ކޮމެންޓްސް (0)