މާލެއިން ގއ.މާމެންދުއަށްގޮސް ހޯމް ކަރަންޓީންގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މިމަހުގެ 13 ވަނަ ދުވަހު އެރަށަށްދިޔަ އުމުރުން 28 އަހަރުގެ ފިރިހެންމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އަލާމާތަކެއް ފެނިގެން ކޯވިޑް19އަށް ޓެސްޓުކުރުމުންކަމަށް އެންއީއޯސީންވަނީ ހާމަކޮށްފައެވެ. އޭނާއަކީ އާއިލާގެ މީހެއްގެ އެހީތެރިއެއްގެ ގޮތުގައި ހުސްވި މެއި މަހުގެ 31 ވަނަ ދުވަހު މާލެއަށް އައި މީހެކެވެ. އަދި އޭނާ މީގެ ކުރިންވެސް މިބައްޔަށް ޓެސްޓްކޮށްފައިވާކަމަށާ، ނަމަވެސް އެ ޓެސްޓް އޭރު ނެގެޓިވްވެފައިވާކަމަށް އެންއީއޯސީން ވަނީ ހާމަކޮށްފައެވެ.
އޭނާ ކޫއްޑޫއަށް ދަތުރުކުރި ފްލައިޓްގައި އޭނާގެ އާއިލާގެ ދެމީހަކާއެކު ޖުމްލަ 40 މީހަކު ދަތުރުކޮށްފައިވާކަމަށާއި ދެން ތިބި އެންމެންނަކީވެސް އެއަތޮޅު ގެމަނަފުށީ މީހުންކަމަވެސް އެންއީއޯސީން ވަނީ ހާމަކޮށްފައެވެ.
ހޯމް ކަރަންޓީންގައި ހުއްޓާ އެމީހާ ޕޮޒިޓިވްވުމުން މާމެންދޫއާއި ގެމަނަފުށީގައި ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އެމަސައްކަތް ނިމުމުން ދެންއިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭނަމަ އެކަން ނިންމާ އަންގާނެކަމަށްވެސް އެންއީއޯސީން ހާމަކޮށްފައިވެއެވެ.
މިމަހުގެ 13 ވަނަ ދުވަހު ގއ. މާމެންދުއާއި ގެމަނަފުއްޓަށް ދިޔަ އެންމެންވެސް ތިބީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ހޯމް ކަރަންޓީންކޮށްފައެވެ. މިއީ ގއ. އަތޮޅުން މިބައްޔަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
މަސްދަރު: ޕީއެސްއެމް ނިއުސް
ކޮމެންޓްސް (0)