ކަރަންޓު ބިލް ދެއްކުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެޕެއް ތައާރަފްކޮށްފި އެވެ
ފެނަކައިން މިއަދު ބުނީ ފެނަކަ ބިލް-ޕޭ އެޕްލިކޭޝަން މެދުވެރިކޮށް އެކުންފުނީގެ ކަސްޓަމަރުންގެ ބިލްތަކަށް ފަސޭހަކަމާއެކު ފައިސާދެއްކުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން ޚިދުމަތްތައް ބޭނުންކުރެވޭ މިންވަރު އަމިއްލަފުޅަށް ބައްލަވާލެއްވުމުގެ ފުރުސަތު އެކުންފުނީގެ ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.
އެންޑްރޮއިޑް ކަސްޓަމަރުން ފެނަކަ ބިލް ޕޭ-އެޕް މިހާރު ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެއްވޭނެކަމަށްވެސް ފެނަކައިން ވަނީ ވިދާޅުވެފައި ވެއެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ފެނަކައިގެ ކަސްޓަމަރުންނަށް ކުރީގެ ބިލްތަކުގެ ތަފްސީލްވެސް ބަލާ ލެއްވޭނެ އެވެ. އަދި ފައިސާ ނުދެއްކި ހުރި ބިލްތައްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ. މީގެ އިތުރުން މި އެޕް މެދުވެރިކޮށް ކޮންމެ ތާކު ހުންނަވައިގެން ކޮންމެ ގަޑިއަކުވިޔަސް ބިލް ދައްކާލެވޭނެ އެވެ. އަދި ކަރަންޓު ބޭނުންކުރެވޭ ވަރުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވެން ހުންނާނެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ފެނަކައިން ވަނީ ކަރަންޓު ބިލް އޮންލައިންކޮށް ބަލައި ގަނެވޭނެ އިންތިޒާމެއް މީގެ ކުރިންވެސް ހަމަޖަައްސާފައި ވެއެވެ. އެގޮތުން އިންޓަރނެޓު ބެންކިން މެދުވެރިކޮށް ކަރަންޓު ބިލަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ މީގެކުރިން ހަމަޖައްސާފައެވެ.
ކޮމެންޓްސް (0)