- ރާއްޖެއިން ހަތް މަހުގެ ފިރިހެން ކުއްޖަކަށް ކޮވިޑް-19 ޖެހިއްޖެ އެވެ.
މިއީ މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ އެންމެ ކުޑަކުއްޖާއެވެ. މި ކުއްޖާގެ ކޭސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރިޕޯޓްކޮށްފައިިވަނީ 8 މެއި ގައެވެ.
އެޗްޕީއޭ އިން އެންމެ ފަހުން ރިޕޯޓް ކުރި ކޭސްތަކުގެ ތެރޭގައި ތިން ކުޑަކުއްޖަކު ހިމެނެ އެވެ. އޭގެ ތެރޭގައި ހަތް އަހަރުގެ އަންހެން ކުއްޖަކާއި ދެ އަހަރުގެ އަންހެން ކުއްޖަކު ހިމެނެ އެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހިފައިވާ ދިހަ އަހަރުން ދަށުގެ ކުދިންގެ އަދަދު ވަނީ ދިހައަކަށް އަރާފަ އެވެ.
ކުޑަކުދިންނަށް މި ވައިރަސްގެ ނުރައްކާ އެހާ ބޮޑުކަމަކަށް ނުދައްކައެވެ. ނަމަވެސް، ބައެއް ގައުމުތަކުން މި ބަލީގައި ކުޑަކުދިންތަކެއް މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. ކޮވިޑް-19 ޖެހިގެން މަރުވީ އެންމެ ހަގު ކުއްޖާގެ އުމުރަކީ އެންމެ ހަ ހަފުތާ އެވެ.
ނުވަ އަހަރުން ދަށުގެ އުމުރުފުރާ އަށް ބަލާއިރު، މޯޓާލިޓީ ރޭޓް (ބަލި ޖެހޭ ނިސްބަތުން މަރުވާ އަަދަދު) އުޅެނީ0.0016 އިންސައްތައިގައެވެ. މި ބަލީގެ އެންމެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވެފައިވާ މީހުންނަށާއި، ތަފާތު އެހެނިހެން ސިއްހީ މައްސަލަތައް ހުންނަ ފަރާތްތަކަށެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ރިޕޯޓްކޮށްފައިވާ އަދަދުތަކަށް ބަލާއިރު، އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންކަން ފާހަގަކޮށްލެވެ އެވެ.
ކޮމެންޓްސް (0)