މިނިވަންކަޕް ފުޓްސަލް މުބާރާތުގެ ސެމީފައިނަލަށް ހިތަދޫ މަލްޓިޖީނިއަސްއާއި މިދިޔައަހަރު މިމުބާރާތުގެ ޗެމްޕިއަންކަންހޯދި ހުޅުދޫ ތައްލިހި ޓީމް ދަތުރުކޮށްފިއެވެ.
ހިތަދޫ މަލްޓިޖީނިއަސް ސެމީފައިނަލުން ޖާގަހޯދީ ރޭ ކުޅެވުނު ކްއާޓާފައިނަލްގެ ފުރަތަމަމެޗްގައި ހުޅުދޫއޭޓީއާއި ބައްދަލުކޮށް 6 ލަނޑު 3 ލަނޑުން މޮޅުވެގެންނެވެ.
މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރީހޯދީވެސް އޭޓީންނެވެ. އަދި ފުރަތަމަ ހާފްނިމުނުއިރުވެސް 2 ލަނޑު 1 ލަނޑުން ކުރިހޯދާފައިއޮތީވެސް އޭޓީއެވެ. އެހެންނަމަވެސް ފަހުހާފްގެ ކުޅުން ފަށައިގެން މަޓްލިޓީނިއަސްއިންވަނީ ކައިރިކައިރީގައި 4 ލަނޑު ޖަހާ މެޗްގެ ނަތީޖާ 5 -2 އަށް ބަދަލުކުރިއެވެ. މަލްޓިޖީނިއަސްއިން ފަހުހާފުގައި 4 ލަނޑު ޖެހިފަހުން އޭޓީން އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 5-3 އަށް ބަދަލުކުރިއެވެ.
އޭޓީން 3 ވަނަ ލަނޑު ކާމިޔާބުކުރިތާ ކުޑައިރުކޮޅެއްފަހުން މަލްޓިޖީނިއަސްގެ އަނިލް އިބްރާހިމްގެ ތަފާތު މޮޅު ކުޅުމާއެކު އެޓީމުގެ 6 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 6- 3 އަށް ބަދަލުކޮށްފައިވެއެވެ. އަދި މިމެޗް ނިމިގެންގޮސްފައިވަނީވެސް 6-3 އިން މަލްޓިޖީނިއަސް މޮޅުވެގެންނެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މިމެޗްގައި ތަފާތު މޮޅުކުޅުމެއް ދެއްކި މަލްޓިޖީނިއަސްގެ އަނިލް އިބްރާހިމްއެވެ.
ރޭ ކުޅެވުނު ކްއާޓާފައިނަލްގެ ދެވަނަމެޗްގައި މަރަދޫ ޒެލޯންއާއި ބައްދަލުކޮށް 10 ލަނޑު 4 ލަނޑުން މެޗް ކާމިޔާބުކޮށް ސެމީފައިނަލުން މިދިޔައަހަރުގެ ޗެމްޕިއަން ތައްލިހިވެސްވަނީ ޖާގަހޯދާފައެވެ. ބޯކޮށްވެހެންދިޔަ ވިއްސާރައިގެތެރޭގައި ކުޅެވުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތައްލިހިޓީމްގެ ރޮނާއެވެ.
މިމުބާރާތުގެ ސެމީފައިނަލްގެ މެޗްތައް ހަމަޖެހިފައިވާގޮތުން މިރޭ20:15 ގައި ކުޅެވޭ ސެމީފައިނަލްގެ ފުރަތަމަމެޗްގައި ބައްދަލުކުރާނީ ހިތަދޫ މަލްޓިޖީނިއަސްއާއި ރެސޯޓްބޯއިސްއެވެ.
މިރޭ 21:15 ގައި ކުޅެވޭ ސެމީފައިނަލްގެ ދެވަނަމެޗްގައި ބައްދަލުކުރާނީ މިދިޔައަހަރުގެ މިމުބާރާތުގެ ޗެމްޕިއަންކަންހޯދި ތައްލިހިއާއި ގައުމުއެފްސީއެވެ.
ކޮމެންޓްސް (0)