އިންޑިއާ އިން ދިވެހިރާއްޖެއަށް ދޭ ކްރެޑިޓު ލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އައްޑޫގެ އެކި ރަށްރަށުގެ މަގުތަކާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކަށް ޚާއްސަ ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ގާތްގުޅުމެއް ބާއްވަމުން އަންނަ އިންޑިއާ އިން ރާއްޖެ އަށް 800 މިލިއަން ޑޮލަރުގެ ކްރެޑިޓު ލައިނެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ ފައިސާ ޚަރަދު ކުރާނެ މަޝްރޫއުތައް ދިވެހި ސަރުކާރުން މިހާރު ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ ކަންކަން ބައިނަލްއަގްވާމީ ފަރާތްތަކަށް އަންގައި ދިނުމަށް ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ނިމުމާ ގުޅިގެން ކުރުނބާ މޯލްޑިވްސް ގައި އޮތް ނިއުސް ބްރީފިން ގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، އައްޑު އަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު އިތުރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
އައްޑޫގެ ތަރައްގީ އަށް އިންޑިއާ އިން އެކަނި 200 މިލިއަން ޑޮލަރު ހޭދަކުރާ އިރު އެ ސިޓީގެ އެހެނިހެން ކަންކަމަށް ގާތްގަނޑަކަށް 414 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ޚަރަދު ކުރާނެ ކަމަށް މި ސަރުކާރުން ކުރިން ވަނީ އިއުލާން ކޮށްފަ އެވެ.
ރާއްޖޭގެ އާބާދީގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީގެ ތަރައްގީ އަށް ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ކޮމާޝަލް އަދި އިންޑަސްޓްރިއަލް ބޭނުމަށް އިތުރު ސަރަހައްދެއް ހިއްކުމާއި ޓޫރިޒަމްގެ މަޝްރޫއުތަކަށް އައްޑޫގެ ހަތަރު ފަޅެއް (25 ހެކްޓަރު) ބިން ހިއްކުމާއި ރަނގަޅު ފެންވަރަށް މަގުތައް ހެދުމާއި ހިތަދޫ ރީޖަނަލް ޕޯޓުގެ ޖާގަ އިތުރު ކުރުން ހިމެނެ އެވެ.
އަދި އިތުރު ހައުސިން ޔުނިޓު އިމާރާތް ކުރުމާއި ހިތަދޫގައި މަސް ޕްރޮސެސް ކުރާނެ ފެކްޓަރީއަކާއި ޔޫތު ސެންޓަރަކާއި ރީހެބިލިޓޭޝަން ސެންޓަރަކާއި އިސްލާމިކް ސެންޓަރެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ. އައްޑޫ ގަމުގައި ކޮންވެންޝަން ސެންޓަރެއް ތަރައްގީ ކުރުމާއި ސަރުކާރު އޮފީސް އިމާރާތެއް އެޅުމާއި ނޭޗާ ޕާކެއްގެ އިތުރުން ކްލައިމެޓް ރީސާޗް ފެސިލިޓީއެއް ގާއިމް ކުރުމަށް ޕްލޭން ކޮށްފައިވެ އެވެ.
ފައިނޭންސް މިނިސްޓަރ ވިދާޅުވި ގޮތުގައި، މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށް ސަރުކާރުން ހުށަހެޅި ބައެއް ޕްރޮޖެކްޓުތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން، ފެނާއި ނަރުދަމާ އާއި މަގު ހެދުމުގެ މަސައްކަތްތައް މިހާރު ވެސް ބީލަމުގެ ތެރެއިން މީހުންނާ ހަވާލު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓްސް (0)