ރާއްޖޭގެ މިނިވަންކަން ނަގާލަން ފަހުގެ ތާރީޚެއްގައި ދެވުނު އެންމެ ނުރައްކާތެރި ޙަމަލާ

3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ނުރައްކާތެރި ޙާދިޘާއެވެ. ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި، އާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ޝަހީދުވިއެވެ.

މިއަދަކީ މީގެ 35 އަހަރުކުރިން ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލަން، ދިވެހި ޚާއިނުންގެ މަދުބަޔަކާއި، ބޭރުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކު ދިން ޢުދުވާނީ ޙަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި ސިފައިން ދިވެހި ޤައުމަށް ނަސްރުހޯދައިދިން ދިވެހިންގެ ނަސްރުގެދުވަހެވެ. މިއަދަކީ މިހާދިސާއަށް 35 އަހަރު ފުރޭ ދުވަހެވެ.

ހަމަހިމޭންކަން ވެރިވެފައި އޮތް މާލޭގެ ހަލަބޮލިކަން އެ ދުވަހު ނަގާލީ ބަޑީގެ އަޑުފައްގަނޑުންނެވެ. އާންމުދިޔައީ އިވެނީ ކޮންއަޑެއްތޯ ބަލަމުން އެކަކު ކައިރިން އަނެކަކު ކައިރިން ވާހަކަތައް ހޯދައި ސުވާލު ކޮށް ޚަބަރުތައް އޮޅުންފިލުވަމުންނެވެ. އޭގެތެރެއިން ލިބެންފެށީ ހިތްތަކަށް ބިރުވެރިކަން ގެނުވި ޚަބަރުތަކެވެ.

އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އަވަހާރަކޮށްލަން އުޅޭ ވާހަކައެވެ. ރާއްޖޭގެ ވެރިކަން ވައްޓާލަން ހަތިޔާރުއެޅި ބަޔަކު އަރައިގެން މީހުން މަރަމުން ދާވަހަކައެވެ. ބައެއް އާންމުންނާއި ވަޒީރުން ރަހީނު ކޮށްފައިވާކަމުގެ ވާހަކައެވެ. މި އަޑުތަކާއެކު ވެރިވެފައި އޮތް ބިރުވެރިކަމާ މާޔޫސް ކަން އިތުރުވެގެން ދިޔައެވެ.

އެޒަމާނަކީ ސެޓެލައިޓް ވޯކީޓޯކީގެ ޒަމާންކަމުން އެކަން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަންގާ އިޢުލާން ކުރުން ވެގެންދިޔައީ އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުޅެމުން ދިޔަ މީހުންގެ ހިތްތަކަށް ބިރުވެރިކަމާ މާޔޫސްކަން ގެނުވި ކަމަކަށެވެ.

އެންމެން އަވަސްވެގަތީ މިސްކިތްތަކަށް އަރާ މާތް ﷲ ޙަޞްރަތުން ދުޢާކުރަން ފެށިއެވެ. މާލެއަށް އެރިނަމަވެސް ދިވެހިންނަށް އެމީހުން ރާއްޖޭގެ އެހެން ހިސާބުތަކަށް ނުފައިބާ މިފަދަ އަމަލެއް ނުހިންގާ ކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައެއްނެތެވެ. މާލެގައި ދިރިއުޅޭ ފަރާތްތަކުން ފެށީ އެމީހުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. ގެއިން ބޭރަށް ނުނިކުތުމަށެވެ.

މިހަމަލާތަކުން ދިވެހިންނާ ޤައުމު ސަލާމަތް ކުރަން ފަސްޖެހުމެއް ނެތި ނުކުތީ ޤައުމީ ދިފާޢީ ބާރުގެ ހިތްވަރުގަދަ ލަޝްކަރެވެ. އެދުވަހު ދިވެހި ސިފައިން ޤައުމުގެ މިނިވަންކަމަށް ދިފާޢުކުރުމަށްޓަކާ އެދެއްކެވި ހިތްވަރާއި، ވެދެއްވި މަތިވެރި ޤުރުބާނީއަކީ މިފަދަ ދުވަހެއްގައި ފާހަގަކުރުން މުހިންމުކަމެކެވެ.

ހިތްވަރުގަދަ ދިވެހި ސިފައިން ތިއްބެވީ އެގޮތަށް އައިސް ބަޔަކު ދޭ ޙަމަލާއަކަށް ދޫދެއްވާ ގޮތަކަށް ނޫނެވެ. ސިފައިންގެ މައި މަރުކަޒަށް ހަމަލާދޭން ފެށުމުން އެތަން ހިމާޔަތްކުރުމަށް ދިވެހި ސިފައިން ހަމަލާ ދޭން ފެށީ ޤައުމީ ޖޯޝުގައެވެ. ޤައުމީ ވިންދު ޖަހާ، އިސްލާމީ ލޭ ހިނގާ ގަދަފަދަ ހިތަކާއެކު ދުޝްމަނުންނަށް ރައްދު ދެއްވަމުން ގެންދެވީ، އޭރު ހުރި މަދު ވަސީލަތްތަކާއެކު، އެމީހުން ފަހަތަށް ޖެއްސުމުގެ އަޒުމުގައެވެ. ﷲގެ ކުޅަދުންވަންތަކަމާއެކު ކުލީ ސިފައިންގެ ލަސްކަރު ރޭވި ރޭވުންތައް ފެއިލްވާން ފެށިއެވެ. ދިވެހިންނަށް ނަޞްރު ލިބެން ފެށިއެވެ.

ދިވެހި ސިފައިންގެ އަޒުމް ނުގުޑާ ދޭންފެށި ޙަމަލާގެ ކުރިމަތީގައި ބާޣީން ބަލިކުރަމުންދިޔައީ ޤައުމަށްޓަކައި ދީނަށްޓަކައި، ފިދާވާން ތިބި ބައެއްކަން ސާބިތުކޮށްދެމުންނެވެ. މި ހަމަލާތަކާ ގުޅިގެން ސަރުކާރުން އެންމެ ފުރަތަމަ އެހީއަށް އެދުނީ އަވަށްޓެހި އިންޑިއާގައެވެ. އިންޑިއާ ސިފައިން ދިވެހިންނަށް ހިމާޔަތްދޭން އަންނަ ޚަބަރާއެކު ބާޣީން މަސައްކަތް ފެށީ އަތުޖެހުނު ދިވެއްސަކު ވިއްޔާ ރަހީނުކޮށްގެން މާލޭގެ ބަނދަރުގައިއޮތް، އެމްވީ ޕްރޮގްރެސް ލައިޓް ކިޔާ ބޯޓުގައި ފުރައިގެން ދިއުމަށެވެ. އޭގައި ރަހީނުންގެ ގޮތުގައި 27 ދިވެހިން ގެންދިޔައެވެ.

ދިވެހިންނަށް ނަޞްރު ލިބިގެން ދިޔަނަމަވެސް ދިވެހިންނަށް ޤައުމު އަނބުރާ ހޯދުނީ ސިފައިން ކުރި މަތިވެރި ހިތްވަރުންނެވެ. ޤައުމަށްޓަކައި މޭ އައްޑައަކަށް ދިށްކޮށްގެން ނުކުތް ސިފައިންގެ ތެރެއިން 8 ބޭފުޅަކު ޝަޙީދުކޮށްވެގެން ދިޔުމަށްފަހުގައެވެ. އެމަތިވެރި ޝަހީދުންނަށް މާތްﷲ ސުވަރުގޭގެ ތަނަވަސް ރަޙުމަތް މިންވަރު ކުރައްވާށިއެވެ.

ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާގައި ދިވެހި ސިފައިންގެތެރެއިން ޝަހީދުވި 8 ބޭފުޅުން –

އެނާމާން ބިރުވެރި ދުވަސް އަޅުގަނޑުމެންނާ ވަކިވެ އަމާންކަމާއެކު، ހަމަޖެހުމާއި، މިނިވަންކަންމަތީ އުޅެމުންދާތާ މިހާރު 35 އަހަރު ވީޔެވެ. ދެންމެ ވީކަމެހެއް އެދުވަހު އެ ބިރުވެރި ނާމާން ޙާދިސާ، ރަހީނުކުރި މީހުން ސިފަކުރެއެވެ. އެވާހަކަ ދައްކާލާއިރަށް އެދުވަހުގެ ހަނދާން އައުކޮށް އެމީހުންގެ ލޯތަކުން ކަރުނަ ހިލިލައެވެ. އެދުވަހު ރަހީނު ކުރި މީހުންނަށް ފެންނަމުން ދިޔަ މަންޒަރުތަކާއެކު އަލުން އަނބުރާ ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ގެއްލުނެވެ.

މިއީ ދިވެހިންތަކެއް ބޭރުގެ ހަތިޔާރު އެޅި ބަޔަކާ ގުޅިގެން މިޤައުމުގައި ހިންގި އެންމެ ލާއިންސާނީ އެއް ޖަރީމާއެވެ. މި ދުވަސް ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އަދި ތާއަބަދަށް މިވާހަކަތައް ދައްކާ މި ދުވަހު ޝަޙީދުވި 19 ދިވެހިންގެ ހަނދާން އަބަދުހެން އައުކުރާނެއެވެ. އެކަމުގައި ބައިވެރިވި މަދު ދިވެހިންގެ ގައިގައި ޖެހިފައި އޮތް ސިއްކަ ފޮހެވިގެންނެއްވެސް ނުދާނެއެވެ.

މިއީ އޭރު ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށްޓަކާ ދިވެހިންގެ މަދުބަޔަކު ހިންގި ނުރައްކާތެރި ޢުދުވާނީ ހަމަލާއެކެވެ. ރާއްޖޭގެ ވެރިކަން އަތުލައިގަތުމަށް ދުޝްމަނުން ދިން މިޢުދުވާނީ ޙަމަލާ ނާކާމިޔާބުވި ދުވަސް ރާއްޖޭގެ ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ފެށިގެންދާނެ

އައު ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި އައްޑޫ ސިޓީ ހުޅުމީދޫގެ ބުރިޖު މަސައްކަތް ފެށޭނެ ކަމަށް ޕީޕީއެމް/ޕީއެންސީ ...

އެޕްރީލް ފަހަކުން ފެށިގެން ކިޔަވައިދޭ ހުރިހާތަނެއް ބަންދު ކުރަން އަންގައިފި !

ތައުލީމުދޭ ހުރިހާ ތަނެއްގެ ކިޔެވުން މިމަހު ފަސް ވަނަ ދުވަހުން ފެށިގެން އިތުރު އެއް ހަފުތާއަށް ބަންދު ކުރަން ...