ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އަތޮޅު ތެރޭގައި، މާލެ އިން ނޫނީ ނުލިބޭ ސިއްހީ އެތައް ހިދުމަތްތަކެއް ގާއިމް ކުރެވިއްޖެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަފުޅު ދައްކަވަމުންނެވެ.
“މިއީ ރާއްޖޭގައި އަލުން ފުޅާކުރުމަށް އަޅުގަނޑުމެން މަސައްކަތް މިކުރާ، ޕަބްލިކް ހެލްތުގެ ދާއިރާއާ ވަރަށް ގުޅޭ ޝިއާރެއް. ރާއްޖޭގެ ސިއްހީ ހިދުމަތުގެ ތާރީހުގައިވެސް، އެންމެ ކާމިޔާބު ސިއްހީ ހިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން، ރައްޔިތުންނަށް ސިއްހީ ހިދުމަތް ދިނުން،”
ރައީސް ސޯލިހު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވަކި ފަރުދެއް ވަކި ރަށެއް ތަފާތުނުކޮށް، އެންމެންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ، އެ މީހަކު ދިރިއުޅޭ ސަރަހައްދަކުން ފަސޭހަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުން ކަމަށް ވިދާޅުވިއެވެ. ދިވެހިންނަކީ ވަކިވަކި ރަށްތަކެއްގައި ދިރިއުޅޭ ޖަޒީރާވަންތަ ރައްޔިތުންތަކެއް ކަމަށާއި ދިވެހިންނަކީ އެއް ރަށުން އަނެއް ރަށަށް އަބަދު ދަތުރުކުރަންޖެހޭ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮވިޑްގެ ތެރޭގައި ކުރިމަތިވި ފަދަ ފުރަބަންދެއްގައި ތިބެން ޖެހިއްޖެ ހާލަތެއްގައިވެސް، ސިއްހީ ހިދުމަތް ފަސޭހައިން ލިބޭނީ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ސިއްހީ ހިދުމަތްތައް ތަރަގީ ކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެން އެކުލަވައިލި ނޭޝަނަލް ސްޕޭޝްލް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ 5 ސަރަހައްދެއްގައި 5 ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އޭގެ ތެރެއިން ބައެއް ހޮސްޕިޓަލުތަކުގައި ކުރިން ނެތް ވަސީލަތްތައް ގާއިމުކޮށް މިހާރު އަންނަނީ އައު ހިދުމަތްތައް ދެމުން. އޭގެ ތެރޭގައި ސީ.ޓީ ސްކޭން، އެމް.އާރް.އައި، މެމޮގްރަފީ އަދި ލެބޯޓެރީގެ ހިދުމަތާއި ދަތުގެ ފަރުވާގެ ހިދުމަތްތައް ވެސް ހިމެނޭ،”
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީ އާއެކު، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށާ އެގޮތުން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ޑިޖިޓަލް އެކްސްރޭ ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށްވެސް ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ކޮމެންޓްސް (0)