ވަކި ކުޅުންތެރިއަކު އުފަލުގައި ބެހެއްޓުން އެއީ އޭނާއާ ކްލަބުން ހަވާލުކޮށްފައިވާ މަސައްކަތެއް ނޫންކަމަށް ޗެލްސީގެ ކޯޗް ބުނެފިއެވެ. އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި މިރޭ ރާއްޖޭގަޑިން މެންދަމު 12:45ގައި ނޯވިޗް ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގެ ކުރީން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ކޮންޓޭ ބުނީ، “ވަކި ކުޅުންތެރިއަކު އުފަލުގައި ނުވަތަ ނުހުރުމަކީ އެހާ މުހިއްމުކަމެއް ނޫން،” ކޮންޓްރެކްޓް މައްސަލައިގައި ހަޒާޑާ މެދު ހިތްހަމަ ނުޖެހިފައި ހުރި ކޮންޓޭ ބުންޏެވެ.
“ކުޅުންތެރިއަކު އަބަދު އެންމެ ރަނގަޅު ފޯމުގައި ނެތުމަކީވެސް ހަމަ އާދައިގެ ކަމެއް.”
“އަހަރެމެން ވާހަކަ މިދައްކަނީ، ވަރަށް ފަހުން ތަނބިކައްޓަށް ބޮޑު އަނިޔާއެއް ލިބި ސަރޖަރީއެއް ހަދާފައިވާ ކުޅުންތެރިއެއްގެ ވާހަކަ.”
ކޮންޓޭ ބުނީ، ކުޅުންތެރީންނަށް ދިމާވާ މައްސަލަތަކުގައި ހުރިހާ ކުޅުންތެރީންނާ މެދުވެސް ފަރުވާތެރިވާން ޖެހޭ ކަމަށާއި، ސީޒަނެއް ފެށިގެން ނިމެންދާއިރު، ވަރަށް ގިނަ އަޑިގުޑަންތަކާ ކުރިމަތިލާން ޖެހޭނޭ ކަމަށެވެ.
“އަނިޔާގެ ސަބަބުން އޭނާއަށް އަހަރެމެންނާއެކު ޕްރީސީޒަން މެޗުތަކުގައިވެސް ބައިވެރިއެއް ނުވެވުނު. އަހަރެމެން މިބަލަނީ އޭނާއާއެކު އެންމެ ރަނގަޅުގޮތެއް ހޯދަން،” ހަޒާޑާ ބެހޭގޮތުން ޗެލްސީގެ ކޯޗު ބުންޏެވެ.
ޗެލްސީއާއެކު ހަޒާޑް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2020 ވަނަ އަހަރު ހަމަވާނެއެވެ. އެހެންކަމުން، ޗެލްސީން ބޭނުންވަނީ، އޭނާއަށް މުޅިންއާ ކޮންޓްރެކްޓެއް ދީ، ބޮޑެތި ކްލަބްތައް އަތް ނުފޯރާފަަށް އޭނާ ގެންދިއުމަށެވެ.
ހަޒާޑަށް ޗެލްސީގައި ފުލް މެޗް ކުޅުމުގެ ފުރުސަތު ލިބޭ މިންވަރު މަދުވެފައިވާ މައްސަލައިގައި އޭނާހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އެންމެ ފަހުން އޭނާ ޗެލްސީއަށް ކުޅުނު އަށް މެޗުގެ ތެރޭން ފުރިހަމަ 90 މިނިޓް ހަމަކޮށްފައި ވަނީ އެންމެ މެޗެއްގައެވެ.
ރެއާލް މެޑްރިޑުން ފާރަލަމުން އަންނަ ޗެލްސީގެ ފޯވާޑް އެޓީމާ އެކުގައި ވެފައިވާ އެއްބަސްވުން އާކުރުމަށް މިހާތަނަށް ދެ ފަހަރެއްގެ މަތީން، ކްލަބުގެ ތާރީޚްގައިވެސް ރެކޯޑް މިންވަރެއްގެ އެއްބަސްވުމެއް ހުށަހެޅި ނަމަވެސް ހަޒާޑް ވަނީ ދެ ފަހަރުވެސް ޗެލްސީގެ ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ.
ކޮމެންޓްސް (0)